ރިޕޯޓް / ކ. ކާށިދޫ

ކާށިދޫ: މާބަގީޗާތަކާ އެކު "ދެ އަންބަށް"!

ޝާހިދު އޭނާގެ ގޭގެ ގޯތިތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކުގެ ތެރޭގައި މަސައްކަތް ކުރަނީ: ދަނޑުވެރިކަމުގެ ގޮތުން ކާށިދޫ އަންނަނީ އިތުރު އާމްދަނީ ހޯދަމުން. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކ. ކާށިދޫން: އަހްމަދު އަބްދުﷲ ސައީދު

05 މާޗް 2017 - 09:06

16 comments

މާލެ އަތޮޅު ކާށިދޫ، ޒަމާނުއްސުރެ މަޝްހޫރުވެފައި އޮންނަނީ ދަނޑުވެރި ރަށެއްގެ ގޮތުގަ އެވެ. ވަށައިގެން ކަނޑު އޮތަސް މަސްވެރި ރަށަކަށް ނުވުމުގައި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ކައިރިން އެން ހިފޭނެ ހަލެއް، ގިރިއެއް ނުވަތަ ފަޅެއް ވިޔަސް ނެތުމަކީ މައިގަނޑު ސަބަބެވެ. އެހެންކަމުން މި ރަށުގެ މީހުން އިޚްތިޔާރު ކުރީ ރަށުގައި ތިބެގެން ކުރެވޭނެ މަސައްކަތެކެވެ. ދަނޑުވެރިކަމެވެ.

މަސްވެރިކަމާ އަޅައި ބަލާއިރު ހައްޓަށް ލުއިވެފައި ކޮންމެ ދުވަހަކު ވެސް އާއިލާއާ އެކުގައި އުޅެވެ އެވެ. ކުރާ މަސައްކަތާ އަޅައި ބަލާއިރު ލިބޭ އާމްދަނީ ކުޑައެއް ނޫނެވެ. ނަމަވެސް މިހާރު އަދި މާ އަރާމެވެ. މާ ހިތްފަސޭހަވެފައި އުފާވެރިކަން ވެސް މާ ބޮޑެވެ.

މިއަދު ކާށިދޫގައި އޮތީ ހަމައެކަނި ފަތްކޭލައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ދަނޑުވެރިކަމެއް ނޫނެވެ. ގެއާ ދުރަށް ވަލުތެރެ އަށް ގޮސް ކުރަމުން އައި އެ ދަނޑުވެރިކަމުގެ އިތުރުން އަމިއްލަ ގޯތި ތެރޭގައި މިހާރު ވަނީ މާގަހާއި ބަގީޗާ ގަހުގެ ދަނޑުވެރިކަން ފުޅާ ކޮށްފަ އެވެ.

ކާށިދޫގެ ވަރަށް މަދު ގެއެއް ނޫނީ ކޮންމެ ގެއަކީ ވެސް މިހާރު އޭގެ ޒާތުގައި ވަކި ބަގީޗާއެކެވެ. ބޮޑެތި ގޯތިތަކުގެ ކުޑަތަންކޮޅުގައި ހަދާފައި ހުރި ގެ ފިޔަވައި، މުޅި ގޯތި ބަގީޗާ ގަސްތަކުން ފުރާލާފައިވާ ގެތައް މަދެއް ނޫނެވެ. އެމީހުން އެ ގަސްތައް ހައްދައި ބަލަހައްޓަނީ އެ ކަމަށް ވަގުތު ހުސްކޮށް ގިނަ ވަގުތުތަކެއް އެ ގަސްތަކާ އެކުގައި ހޭދަ ކުރަމުންނެވެ.

ކާށިދޫ ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކެއް: ދަނޑުވެރިކަމުގެ ގޮތުން ކާށިދޫ އަންނަނީ އިތުރު އާމްދަނީ ހޯދަމުން. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ބައެއް މީހުން ބުނި ގޮތުގައި އެމީހުން ބަގީޗާ ގަސް ހައްދަން ފެށީ ހަމައެކަނި އަމިއްލަ އުފަލަށްޓަކަ އެވެ. އާމްދަނީ ހޯދާކަށް ނޫނެވެ. މި ރަށުގެ ބައެއް މީހުން ސިފަކުރި ގޮތުގައި ބަގީޗާ ގަސް ހައްދާ ބައެއް މީހުން، އެމީހުންގެ އުފަން ދަރިން ދެކެ ވާހާ ލޯބި އެ ގަސްތަކަށް ކުރެ އެވެ.

"ބައެއް މީހުން ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރާނީ، ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ތެރޭގައި. ކޮންމެ ވަގުތަކުން ދިޔަސް އެމީހުން ފެންނާނީ އެ ގަސްތަކުގެ ތެރޭގައި. އެ ގަސްތަކަށް ފެންދީ ހެއްދުމުގައި މުޅި ދުވަސް އެ ހޭދަކުރަނީ. އެހާ ވެސް ލޯބިވާނެ އެ ގަސްތައް ދެކެ. ބައެއް މީހުން ބަގީޗާތަކަށް ވަދެލީމާ ހީވާނެ އެ ގަސްތައް އެ މީހުންނާ ވާހަކަ ދައްކާހެން ވެސް. އެހާ ވެސް އެމީހުންނާ އެ ގަސްތަކާ ގުޅުން ބޮޑުވާނެ،" މި ރަށުގައި ހުންނަ އަތޮޅު މަދަރުސާގެ ހިސާބު ޓީޗަރެއް ކަމަށްވާ އިމްރާން މުހައްމަދު ވިދާޅުވި އެވެ.

މި ރަށު ބްލެސިމް ހޯމް އަށް ވަދެލީމާ އިމްރާންގެ އެ ވާހަކަ ގަބޫލުކުރެވުނު ކަހަލަ އެވެ. އުމުރުން 14 އަހަރުން ފެށިގެން ބަގީޗާ ހެއްދުމުގައި އުޅޭ މުހައްމަދު ޝާހިދު، 46، އޭނާގެ ގޭގެ ގޯތިތެރޭގައި ހައްދާފައިވާ ހިތްގައިމު ބަގީޗާ ވަރަށް ބޮޑަށް ތަފާތެވެ. ތަފާތު މާމެލާމެލީގެ ތާޒާކަމުގެ އިތުރުން ބަގީޗާގަސްތަކުގައި ވެސް ހުރީ އާދަޔާ ޚިލާފު ދިރުމެއް ކަން ފާހަގަ ކުރެވެނެވެ.

ކާށިދޫ ގެއެއްގެ ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާގައި ސައިމަލެއް ފޮޅިފައި: ދަނޑުވެރިކަމުގެ ގޮތުން ކާށިދޫ އަންނަނީ އިތުރު އާމްދަނީ ހޯދަމުން. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އެހާ ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތް މިއަދާ ހަމައަށް ވެސް މެދެއް ނުކެނޑެ. ސްކޫލްގައި ކިޔަވަން އުޅުނު އިރު ވެސް ހަމަ ގަސް ހެއްދުމުގެ މަސައްކަތް ކުރަން. މި ކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން މިހާ ދުވަހު މި ކުރެވުނީ. އެކަމު މިހާރު ވިޔަފާރި އުސޫލުން މި ކުރަނީ. އެކި މަހު އެކި ވަރަށް އާމްދަނީ މި ލިބެނީ،" ކ. އަތޮޅު މަދަރުސާގެ ސާނަވީ ދިވެހި ޓީޗަރެއްގެ ވަޒީފާގައި ހުރި ޝާހިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރީތިކޮށް ތާޒާކަމާ އެކު ހެދިފައި ހުންނަ ކޮންމެ ގަހަކަށް ވެސް ޑިމާންޑް އޮވެ އެވެ. އޭގައި މާއަޅާ ގަސްތަކާއި ގޭތެރޭގައި ހައްދާ ޒާތުގެ ގަސްތަކާ ދެމެދު މާ ބޮޑު ތަފާތެއް ނެތް ކަމަށް އޭނާ ބުންޏެވެ. ގިނައިން މާލެ އަށް ގަސް ސަޕްލައިކޮށްދޭ އިރު ބައެއް ފަހަރު ރިސޯޓްތަކަށް ވެސް ގަސް ވިއްކާ ކަމަށް އޭނާ ބުންޏެވެ.

އެ މީހުން އެހާ ލޯބިން އެ ގަސްތައް ހައްދައި ބަލަހައްޓަނީ، އެ ގަސްތަކުން މައިގަނޑު ދެ ފައިދާއެއް ލިބޭތީ އެވެ. އެއް ކަމަކީ އެ ބަގީޗާތަކަށް ވަދެލުމުން ނަފްސަށް ލިބޭ ތާޒާކަމާއި ހަމަޖެހުމެވެ. އެ ގަސްތަކުގައި ފޮޅިފައިވާ އެކި ކުލައިގެ މާމެލާމެލީގެ މީރު ވަހުން ނަފްޒު ތާޒާކޮށްދޭ އިރު، އެކި މަލުގައި ހުރި ސާފު އެ ކުލަތަކުން ސިކުނޑީގެ ވަރުބަލިކަމާއި ހާސްކަން ފިލުވައިދެ އެވެ.

ދެވަނަ ކަމަކީ އެ ގަސްތަކަށް އޮތް ޑިމާންޑެވެ. މާލެ އާއި ރިސޯޓްތަކަށް ގަސް ގަންނަން ބޭނުންވާ ވަރު ބޮޑުކަމެވެ. ގަސްތައް ވިއްކައިގެން ލިބޭ އާމްދަނީ ރަނގަޅު ވުމެވެ. އެހެންކަމުން އެ ގަސްތަކަށް އެމީހުންގެ ހިތުގައި ޚާއްސަ ލޯތްބެއް އޮވެ އެވެ. ބޮޑު ކުލުނެއް ވަނީ ޖެހިފަ އެވެ. އެ ގޭގޭގައި އުޅޭ ކުޑަކުދިން ވެސް ދެކޭ ގޮތުގައި އެ ގަސްތަކަކީ މިހާރު އެ ކުދިންގެ އާއިލާގެ މެމްބަރުންނެވެ. ގަހަކުން ފަތެއް ނުވަތަ މަލެއް ވިޔަސް ބިނދެލާކަށް ބޭނުމެއް ނޫނެވެ.

ކާށިދޫ ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކެއް: ދަނޑުވެރިކަމުގެ ގޮތުން ކާށިދޫ އަންނަނީ އިތުރު އާމްދަނީ ހޯދަމުން. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"މިއީ މާ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން. ފެންދީ ރަނގަޅަށް ބެލެހެއްޓީމަ ގަސްތައް ވަރަށް ރީތިކޮށް ހެދޭނެ. ދެން އަނެއްކާ ތަރުކާރީ ކަހަލަ އެއްޗެހި ހައްދާއިރު، އެއް ފަހަރު ކަނޑައިފިއްޔާ މި ޖެހެނީ އަނެއްކާ މުޑުވައް ގަނެގެން އިންދައިގެން ހައްދަން. މި ކަހަލަ ގަސްތަކުގައި މިވާ ގޮތަކީ އަޅުގަނޑު މިތަނުން ގަހެއް ވިއްކާލަން ޖެހުނީ އެ ގަހުން އޮފިކޮޅެއް ކަނޑާފައި އިންދީމާ އިތުރު ގަހެއް އުފެދުނީ. މުޑުވައް ގަނެގެން އެ ޚަރަދު ކުރާކަށް ނުޖެހޭނެ،" ގޯތިތެރޭގައި މާގަސް ހެއްދުމުގެ ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ބުންޏެވެ.

އެ ރަށުގެ އެހެން އަންހެނަކު ވެސް ބުނީ އޭނާ މާގަސް ހެއްދުމަށް މާ ބޮޑު ޚަރަދެއް ނުކުރާ ކަމަށެވެ. ނަމަވެސް އަމިއްލަ ހިތްހަމަޖެހުމަށް ހުސް ވަގުތުގައި ކުރަން ފެށި މި މަސައްކަތުން ބޮޑު އާމްދަނީއެއް ލިބެން ފެށުމުން މިހާރު ވިޔަފާރި އަށް އިސްކަން ދޭ ކަމަށް އޭނާ ބުންޏެވެ.

"މިކަމަށް މާ ބޮޑު ޚަރަދެއް ނުކުރަން. ފްލޮރަލް ކޮޅެއް ގަންނަނީ. ދެން ފެންދީގެން ހައްދަނީ. ގަސްކާނާއެއް ވެސް އިތުރު ކެމިކަލްތަކެއް ވެސް ނާޅަން. އެހެންވީމާ ވާގޮތަކީ ލިބޭ އާމްދަނީ އަކީ ކުރާ ޚަރަދާ އަޅައި ބަލާއިރު ބޮޑު އާމްދަނީއަކަށް ވޭ. މަހަކު 3،000-4،000ރ. އެބަ ލިބޭ ހަމައެކަނި މި ކުޑަ ތަންކޮޅުން ވެސް،" ގޯތިތެރޭގައި ގަސް ހައްދާފައި އޮތް 200 ވަރަކަށް އަކަފޫޓުގެ ތަންކޮޅަށް އިޝާރާތްކޮށް އަންހެނަކު ބުންޏެވެ.

މި ރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ބާވަތުގެ ދަނޑުވެރިކަން ވެސް ކުރާ މި ރަށު ގުރަހަ، އާދަމް އަބްދުﷲ ބުނި ގޮތުގައި ދަނޑުބިމުގައި މޭވާ އާއި ތަރުކާރީ ހައްދާފައި ގޯތިތެރޭގައި ހައްދާ ބަގީޗާ ގަސްތަކުން ވެސް ގޭގެ ހުރިހާ ޚަރަދެއް ކަނޑާފައި ރަނގަޅު ފައިދާ ލިބެ އެވެ.

ކާށިދޫ ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކެއް: ދަނޑުވެރިކަމުގެ ގޮތުން ކާށިދޫ އަންނަނީ އިތުރު އާމްދަނީ ހޯދަމުން. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އަޅުގަނޑުމެންގެ ހުރިހާ ޚަރަދެއް މި ކުރަނީ ހަމައެކަނި މިކަމުން. އަޅުގަނޑުމެންނަށް މި އޮންނަނީ އޯޑަރު ލިބޭ ވަރަށް ނުހެއްދިފައި. މި ރަށުން މާލެ އަށް އެބަ ދަތުރު ކުރޭ ހަފުތާއަކު ދެ ބޯޓު. އެއިން ދަތުރެއްގައި އަޅުގަނޑުމެން މާލެ އަށް ގަސް ނުފޮނުވާ ފަހަރެއް ވަރަށް މަދުވާނެ. އެންމެ ގިނަ އޯޑަރު މިހާރު ލިބިފައި ހުރީ ސަރުކާރުގެ އޮފީސްތަކުން،" އާދަމް އަބްދުﷲ ބުންޏެވެ.

މި ރަށުގެ ޒަމާންވީ ބައެއް ގޯތިތަކަކީ އެކަށީގެންވާ ބޮޑެތި ގޯތިތަކަށް ވާއިރު، ބައެއް ގޭގޭގައި ބަގީޗާ ހައްދާފައި އޮންނަ ސަރަހައްދުގެ ބޮޑުމިން 1،000-1،500 އަކަފޫޓުވަރު ވާނެ އެވެ. އެ މީހުން މިހާރު ތިބީ މަސައްކަތުގައި އަތުކުރި އޮޅާލައިގެންނެވެ.

މާގަހުގެ ދަނޑުވެރިކަން ކުރާ ގިނަ މީހުންނަކީ، ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ ދަނޑުވެރިކަން ވެސް ކުރާ މީހުންނެވެ. އެހެން ކަމުން ބައެއް މީހުން ދުވާލުގެ ވަގުތުތައް އޮންނަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ.

އެއް ދަނޑުވެރިއަކު ސިފަ ކޮށްދެމުން ބުންޏެވެ؛ "މިއީ ހަމަ ދެ އަންބަތް މީހުނާ އިނދެގެން އުޅުން ކަހަލަ ކަމެއް. ދަނޑުތަކުގައި ތަރުކާރީ އާއި މޭވާ ހައްދާއިރު ބަލަހައްޓާ ވަރަށް ގޯތިތެރޭގައި ހައްދާ މި ގަސްތަކަށް ވެސް އަޅާލަން ޖެހޭ. އެއްވެސް ކޮޅަކަށް ފަރުވާ ކުޑަކުރެވިއްޖެއްޔާ ޝަކުވާ އަންނާނެ ނޫންތޯ؟"

16 ކޮމެންޓް, 146 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 4%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު

06 March 2017

މި ލިޔުން ކިޔާލުމުން އަހަރެން ވަރަށް ދެރަ ވެއްޖެ. އަހަންނަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ގަސްހައްދާ ހިއްވާ މީހެއް. 100 ފޫޓް 50 ފޫޓް ގޯތީގެ މެދުގައި ގެ ހުންނައިރު، ގޭ ދޮރުމަތީގައި މާގަހާއި ބަގީޗާ ގަސް އިންދާ ހެއްދިން. ގޭ ފުރަގަހުގައި ބަދިގެކައިރި ސަރަހައްދުގައި ތަފާތު ވައްތަރުގެ މޭވާއާ ތަރުކާރީ ހެއްދިން. އެހެނަސް އެއީ މާޒީ. މިހާރު މިއުޅެންޖެހެނީ ބޮޑު ކުއްޔެއްދީގެން ކުޑަ އެޕާޓްމަންޓެއް މާލޭން ކުއްޔަށް ހިފައިގެން. ކީއްކުރާނީ، މިއީ މިއަދުގެ މަޖުބޫރީ ހާލަތު.

The name is already taken The name is available. Register?

އާދަމް

06 March 2017

ޝާހިދޫ. ޝާހިދުގެ ޚަބަރެއް ނުވާތާ ކޮންޒަމާނެއް. އެކުގައި ކިޔަވަން އުޅެފައި. ދެން ގެއްލުނު ގޮތަށް މި ފެނުނީ ނޫހުން. އެވެސް ވަރަށް ފައްކާ ކަމެއްގައި. ރަނގަޅު ކަމެއް ތީ. ކުރިއަށް ތިޔުން ރަނގަޅު.

The name is already taken The name is available. Register?

ބަލްކު އެންޑް ބަލަކް

05 March 2017

ކާށިދޫތީ ފައްކާރަށެއް. ސަޅިރަށެއް. ސާފުވެސްރަށެއް.

The name is already taken The name is available. Register?

ސަޅި

05 March 2017

އާޗާ ހާދަ ރީއްޗޭ! ކާށިދޫ އަށް ދާހިތްވެއްޖެ އެވެ.

The name is already taken The name is available. Register?

ސިންމި

05 March 2017

ކާށިދޫ މީހުންނަކީ ބަގީޗާ ހެއްދުމުިގައި ނަމޫނާ ބައެއް. ސާބަހޭ ، ޝާހިދު . ތީހަމަ ނަމޫނާ ގާޑްނާރއެއް، އޯގާތެރި ފިރިއެއް، ހުނަރުވެރި ދިވެހި ޓީޗަރެއް، މޮޅު އާޓިސްޓެއް، ޝާޢިރެއް، .

The name is already taken The name is available. Register?

މއ

05 March 2017

އެހެންވީއިރު މަށަށްވެސް ހުންނާނީ ތިތަނުން ކޮންމެވެސް އަންބެއްގެ ފަރާތުން އުފާ ހާސިލު ކުރެވިފައި، ވަރަށް ފަހުން ކާށިދޫއަށް ދަތުރެއް ކުރެވުނު

The name is already taken The name is available. Register?

ރަދީފް

05 March 2017

ސަޅިކަމެއް.ތާއީދުކުރަން.

The name is already taken The name is available. Register?

ަަަަަައަލީ

05 March 2017

އަނތްބަށް

The name is already taken The name is available. Register?

ދދ

05 March 2017

އަޅުގަޑު މިއުލެނީ ބޯހިޔާވަހިކަމަށްވެސް ބިންކޮޅެއް ނުލިބިގެން ދެން ކިހިނެއްތޯ ބަގީޗާ ދަންޑުވެރިކަން ކުރާނީ!

The name is already taken The name is available. Register?

ަސދ

05 March 2017

ކަލޭ މަޑުމަޑުން ހުރޭ. މާތްﷲ ކަލެއަށް ރަހްމައް ލައްވާށި. ފްލެޓްތަށް އެބަ އާދޭ..

The name is already taken The name is available. Register?

ތޮއްޑޫ

05 March 2017

ކިހާ ބޮލަށް ފަސޭހަ .. އަމިއްލަ ރަށުގައި ކުލި ނުދައްކާ އުޅެވޭނެ ބައިވަރު ގޮތްގޮތް އެބަހުރި .. ރަށުގައި ހުރެގެން ވެސް ރަނގަޅަށް ކިޔެވޭނެ .. ޚާން އެކަޑަމީގެ ބޭނުން ހިފާ .. އޯލެވެލް އިން ކީއްކުރަން އޭލެވެލް އިންވެސް ރަނގަޅު ވަނައެއް ލިބޭނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454