ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ: މަޖިލިސް
24 އޮކްޓޯބަރ 2024 - 16:01
މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ގޮތުގެ ހަރަދުތައް ހާމަކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިހާރު ވެފައިވަނީ ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް ކަމަށާއި އެއީ ރައީސް އޮފީހުގެ ޑެސްކަކަށް ބަދަލުވެފައިވާ ކަމަށެވެ.
މީގެ ކުރިން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ އޭރު ވެރިކަންކުރި އެމްޑީޕީ އަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭރު އަމަލު ކުރަމުން ދިޔައީ ކަންކަން ސާފުވާނެ ގޮތަށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން އަމަލު ކުރަމުން ދިޔައީ ރައްޔިތުންނަށް ދެފުށް ފެންނާނެހެން، ތަފާސްހިސާބުތައް ހާމަވާނެހެން. ރައްޔިތުންގެ މަޖިލީހުގައި އޮންނަ މާލިއްޔަތު ކޮމިޓީން ވެސް އަހަރަކުން އަހަރަކުން ބަޖެޓު ހުށަހެޅޭ ކޮންމެ ފަހަރަކު އަދި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅޭ ކޮންމެ ފަހަރަކު އެ ތަފާސްހިސާބުތައް ރައްޔިތުންނާ ހަމައަށް ތިލަވެގެން ދޭ،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވިގޮތުގައި، ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ބަޖެޓު ފައިސާ ހަރަދު ކުރި ގޮތް އެނގެން ނެތުމެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވެސް ވިދާޅުވީ ރާއްޖޭގައި ތާރީހުގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ހުސްކޮށް، އިތުރު ކުރަން އުޅެނީ ކޮން ސަބަބަކާތޯ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބަޖެޓުން ކަނޑައެޅި މަޝްރޫއުތައް ކުރިއަށް ގެންދާތަން ނުފެންނަ ކަމަށާއި ނަމަވެސް ދުވަހަކު ނުވާ ވަރަށް ހަރަދު ކޮށްފި ކަމަށެވެ. އެކަމަކު، އެ ހަރަދުތައް ހިނގި ގޮތް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ދައްކަނީ 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރި ވާހަކަ. ކިޔާލަން ވަރަށް ކުޑަ އިއްޒަތްތެރި ރައީސް. އެކަމަކު މި މަޖިލީހުގެ ހޯލަށް އަޅައިފިއްޔާ މި ތަން ފުރިގެން އަދި ބޭރަށް ވެސް ޖަހައިގެން ނޫނީ އެކަމެއް ނުވާނެ،" ޣަފޫރު ވިދާޅުވި އެވެ.
"[މި ފައިސާ ހަރަދުކުރި ގޮތް] މާލިއްޔަތު ކޮމިޓީއަކުން ފެންނާކަށް ނެތް. މި މަޖިލީހަކުން ވެސް ފެންނާކަށް ނެތް."
ޣަފޫރު ވިދާޅުވީ ގައުމު މި ހާލަތުގައި އޮތް އިރު، ހަރަދު ކުޑަނުކޮށް މި ހިސާބަށް އަންނަން ޖެހުނީ ސަރުކާރުގެ އިހުމާލުން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހުމަދު ނަސީމް؛ ބަޖެޓު ހަރަދު ކުރި ގޮތް ހާމަކުރަން ވަނީ ގޮވާލާފައި -- ފޮޓޯ: މަޖިލިސް
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން މިއަދު ވަނީ ހުށަހަޅާއިފަ އެވެ. ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރައިގެންދާނެ އެވެ. ފިނޭންސުން ބުނީ ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށެވެ. އެއީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަތްފިޔާ
25 October 2024
މިމީހުން އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް ކޮންމެ ވާހަކައެއް ދެއްކިއަސް ގޮވޭނީ ގުދޯގުދޯކަން އަދިވެސް މިމީހުންނަށް ނޭނގޭ
އަފްރާސިޔާބު
25 October 2024
ތީ ކީއްކުރަން ކުރާކަމެއް. ކަލޭމެންނަށް ކޮންކަމެއް ޚަރަދު ބޮޑަކަސް. ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުން. ދެތިން ކެނައިންނަށް ކޮންކަމެއް ކޮށްދެވޭނީ.
އާސޯހުވާނެ
25 October 2024
މިމީހުންނަށްވުރެ މޮޅަށް ބިޔަ މާ ސިންގާ ބަޖެޓެއް ފެންފޮދަކާ ނުލާ ދިރުވާލި ބަޔަކު އެރީމަ މިމީހުންވެސް އާސޯޚުވާނެތާ. ހައްތަހާވެސް ގައުމަށް ގެއްލުންދޭ އިސްރާފުކުރަން ދަންނަ ވެރިން. ޕާޓީތަކުގެ ލާމަސީލު ވެރިކަން. ރައްޔިތުންނަށް މި ނޫން ދުވަހެއް ދެން ފެންނަން ނެތް ވެރިކަންތައް
މރ.ކާޕެޓް
25 October 2024
ފުރަތަމަ ތިމާމެން 5 އަހަރުގެ ބަޖެޓް ބޮޑުން ބައިއަޅާ ދިރުވާލިގޮތް ރައްޔިތުންނަށް ހާމަކޮށްލަދީބަލަ. ޣަފޫރުގެ ގަސްކާނާ ވިއްކާ ފިހާރަ ބޮޑު މެގަ ކުންފުންޏަކަށް ބަދަލުކޮށްލާ މަޖިލިސް ކައިރިން ބިމެއް ގަނެލާފަ 10 ބުރި ޢިމާރާތް 1 އަހަރުތެރޭ އަޅާލިގޮތްވެސް ރައްޔިތުންނަށް ހާމަކޮށްލަދީބަލަ ނިކަން ކެރެންޏާ.
ނާޑުވާ
25 October 2024
ގަޕޯގެ ވާހަކަ ޤަބޫލް ކުރެވޭ. ކުރީ ސަރުކާރު ކަންކަން ފޮރުވާތީ ކަންކަން ހާމަކުރަން އައި ސަރުކާރުގެ ސިއްރުތައް މާ ގިނަ. ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފަ އެކަމަކު ފައިސާކޮޅު ހުސްވެއްޖެ. ތުރުކީ ފިލްމްސްޓާރުން ކޮޅަށް ސައިދީ ހުސްކުރީ ތޯއްޗެއް.
ސަމާފު
25 October 2024
އެމްޑީޕީއިން އައި މޭޔަރުންނަކީ ރައްޔިތުންނަށް ނުބައި ބައެއް.
އެނަލިސިސް
24 October 2024
ޕްލީސް ސްޓިކް ޓު ދަ ފެކްޓް! 2006 2007 ހިސާބުގައި ރައްޔިތުންގެ މަޖިލީހުގައި ތިބީ އެމްޑީޕީގެ ހައެއްކަ އަށެއްކަ މެންބަރުން! އެ މަޖިލީހުގަައި ސަރުކާރުގެ ސުޕަރ މެޖޯރިޓީގެ އިތުރުން، ރައްޔިތުން ރުހުނަސް އަދި ނުރުހުނަސް ރައީސް މައުމޫން ޢައްޔަނު ކުރެއްވި 8 މެންނަރުން ތިބި! ޖުޑިށަރީ، ސަލާމަތީ ބާރުތަކުގެ އެންމެ އިސް ވެރިޔަކީ ޙަގީގަތުގައި ރ.މައުމޫން. އެކަމަކު ކުރިން ބުނި އެމްޑީޕީގެ ހައެއްކަ އަށެއްކަ މެންބަރުންގެ މިންނަތުންނާއި އިޞްލާޙީ މަސައްކަތުން، ރައްޔިތުން އެ ވާހަކަތައް ގަބޫލުކޮށް އެ ވަރުގަދަ ސަރުކާރު ބަދަލުކުރި! ރިފަރެންސް: ހަވީރު އޮންލައިން. ދެޓް ވޯޒް ހިސްޓަރީ! ބިލީވް އިޓް އޯ ނޮޓް، ހިސްޓަރީ ރިޕީޓްސް........
އަފްރާސިޔާބު
25 October 2024
ތީ މާޒީގެ ވާހަކަ. މާޒީގެ ވާހަކަ އަކުން ކުރާނެ ފައިދާއެއް މިހާރަކު ނޯންނާނެ. ރައްޔިތުން ތިބީ މިސަރުކާރަށް ފުރިހަމަ 5 އަހަރު ދީގެން. ނިމުނީމާ އެހެންމީހަކަށް ވެރިކަން ދޭނީ. ހެވޭ ފަހަރު ކުރިމަތިލަނީ "." ކަމަށް ވިޔަސް. އޭނާ ރައީސަކަށް ހޮވާނީ. ރައްޔިތުންގެ ނިންމުން ހަޖަމު ނުވަނީތަ؟
ހަލީމަތު.
24 October 2024
އަދިވެސް ތިޔަ ޕާޓީ އުވާލާކަށް ނުވޭތަ ؟ ދެން ތިޕާޓީއަށް ވޯޓުދޭނެ ބަޔަކު ނުވާނެ.
ދިއްދޫމީހާ
24 October 2024
ގަޕޯ ގާތު އަހާލަބަލަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބް ކުރުމަށް ބަޖެޓްގައި ނެތް ހަރަދުތަކެއް ކޮއްފަ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި އިރު ގަޕޯ ހުރީ ކޮންތާކުތޯ؟؟
ހާސަރު2
24 October 2024
"ނަމަވެސް އަޅުގަނޑުމެން އަމަލު ކުރަމުން ދިޔައީ ރައްޔިތުންނަށް ދެފުށް ފެންނާނެހެން،" ހުސްދޮގު. މައުލޫމާތުވެސް ސިއްރު. ރައީސްގެ ދަތުރު ޚަރަދު ސިއްރު. އޮފީސްތަކުން އޮޑިޓް މައުލޫމާތު ސިއްރު. ކުންފުނިތަކުގައި މުސާރަ ސިއްރުކުރާ މީހުން ބައިވަރު. އަދިވެސް ލިޔަން ބޭނުންތަ