ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އެނުއަލް މީޓިންގައި ގަވަރުނަރު މުނައްވަރު ތަގުރީރު ކުރައްވަނީ -- ފޮޓޯ: އެމްއެމްއޭ
25 އޮކްޓޯބަރ 2024 - 20:08
ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރަން ސަރުކާރުން ފެށި ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް އެހީ ހަމަޖެހުނީ 13 ޕަސެންޓަށް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޗެއާގެ ހައިސިއްޔަތުން އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ދެއްވި ތަގުރީރުގައި މުނައްވަރު ވިދާޅުވީ، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ގައުމު ކަމަށެވެ. އެފަދަ މައްސަލަތަކުން އަރައިގަތުމަށް އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުން ފެށިގެން އެމްއެމްއޭ އަކީ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ޗެއާ އެވެ.
"ދިވެހިރާއްޖޭގައި 33 ޕަސެންޓް ކަރަންޓް، އިޔާދަކުރަނިވި ހަކަތައިން 2028 ވަނަ އަހަރު އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފައި. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 ޕަސެންޓް،" މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވާހަކަ ދައްކަވަނީ: އިޔާދަކުރަނިވި ހަކަތަ ޕްރޮޖެކްޓު ކާމިޔާބުކުރަން މުހިއްމު މަސައްކަތްތަކެއް ރާއްޖެ އިން ކުރަމުން އަންނަ ކަން ފާހަގަކުރެއްވި.
މުނައްވަރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާވާނެ ކަމަށެވެ. އެއާ އެކު ތެލަށް ކުރާ ހަރަދު ކުޑަވުމުން ރާއްޖެ ފަދަ ގައުމަކުން ބޭރު ފައިސާ ހަރަދުކުރަންޖެހޭ މިންވަރު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިއެމްއެފްގެ ރެޒިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑުން ތައުރީފު ހައްގު މަސައްކަތްތަކެއް ރާއްޖޭގައި މި ދާއިރާއިން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބުރައަކަށް ނުވާނެ ގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމްތައް ހަމަޖެއްސުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، 33 ޕަސެންޓަށް ރާއްޖެ ވާސިލްވުމަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އާ ސްޓްރެޓެޖީތައް ވެސް އެކުލަވާލަން ޖެހެ އެވެ.
މުނައްވަރު ވިދާޅުވީ، ތަރައްގީ ވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ހުރި ގައުމުތައް ކަމަށެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށް ވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޮޑަށް ދަރަނިވެރި ވެފައިވާ ގައުމުތަކަށް އެހީވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހެ އެވެ.
"ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއި ކޮށްދެވޭނެ ގޮތެއް ރާވަންޖެހޭ. އަދި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދު ތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ޑައިވާސިފައިކުރަން ވިސްނަންޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ، ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލް ގުޅިފައި އޮތީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ކާމިޔާބީއާ ކަމަށެވެ. އެހެންވެ، ސަރުކާރުތައް ފެއިލް ކޮށްގެން ނުވާނެ ކަމަށާއި ވަކިން ހާއްސަކޮށް ތަމްސީލުކުރާ ރައްޔިތުންގެ އުއްމީދުތައް ފެއިލްކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑުދަށް
26 October 2024
ގޮހޮރަށް ތަދުވާ ވަރަށް އެމްޑީޕީގެ ވެރިން ކައިގެން ބެޗީ. ދެން ކިހިނެއް އެހީ ނުހޯދާ ކަމެއް ކުރާނީ
މަފާޒް ސަލީމް
26 October 2024
ގުޑް. ފައިސާ މިކަމަށް ހޯދާ މިކަން އަވަސް ކުރަންވީ.
ހައިޗަމް
26 October 2024
ރާއްޖޭގެ ސަރުކާރަކުން ކުރާނެ އެއްމެ ރަނގަޅު ކަމަށް ވާނެ މިކަން. މީ ވަރަށް ވާހަކަ
ހަސަން ނިހާމް
26 October 2024
ގައުމުގެ އިޔާދަކުރަނިވި ހަކަތައަށް ބަދަލްކުރާނެ ވެރިޔަކަށް ވާނީ ރައީސް މުއިއްޒް. އަންނިމެންހެން ތޯޠޯ ކޮށް ނޫން މިކަން ކުރާނީ. ނަތީޖާ ނެރޭނެ. ފެންނާނެ އެކަން
ޝަގުމް
26 October 2024
33 ޕަސަންޓް ރިނީވަބަމް އެނާޖީއަށް ހެދުމުން ތެލައް ކުރާ ހަރަދު ކުޑަވާނެ އެތައް ގިނައަކަށް. މާނައަކީ ޑޮލަރ މިގައުމުން ބޭރުވާ ވަރު މަދުވެ ބޭރު ފައިސާ އިގްތިސާދުގަ ހަރުލާނެޔޭ. ފައްކާ
މަހާޒް ހުސައިމް
26 October 2024
މިދިޔަ އެއްވެސް ސަރުކާރަކުން ނެތް މިކަމަށް މަސައްކަތް ކޮށްފައެއް. ރައީސް މުއިއްޒްގެ ސަރުކާރުން މި ކުރަނީ ނަމޫނާ މަސައްމަތެއް ގައުކުގެ ހައްގުގައި
މޫސާ ޔައިޝް
26 October 2024
ރައީސް މުއިއްޒް އަކީ ވަރަށް ވިޝަނަރީ ލީޑަރެއް. އަހަރުމެން ކަހަލަ ގައުމަކަށް އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ އިޔާދަކުރަނިވި ހަކަތައަށް ބަދަލް ކޮށްގެން
ނިހާލް ސަލީމް
26 October 2024
މިގައުމު 33% އިޔާދަކުރަނިވި ހަކަތައަށް ބަދަލްކުރަމް ރައީސް ތި ގެންގުޅޭ ސިޔާސަތު ވަރަށް ކަމުދޭ
ހަނަފީ
26 October 2024
ރާއްޖެ ކަހަލަ މޫސުމީ ގައުމަކަށް މިކަން މުހިއްމު.
މަސްއޫދު ޝަރީފް
26 October 2024
އަސްލުވެސް. މިގައުމު އެބަޖެހޭ އެދާއިރާއިން ކުރިޔަށް ދާން