އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިން އަށް 766 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޯދަން ޖެހޭއިރު، އެ ފައިސާ ނުލިބިއްޖެ ނަމަ ރިޒާވަށް އަސަރު ކުރާނެ ކަމަށާއި އެކަމަށް މާލީ ރިފޯމްގެ މަސައްކަތް ވަރަށް މުހިއްމު ކަަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ރިފޯމް މަސައްކަތް ކުރިއަށް ގެންގޮސް، ރިޒާވް އިތުރަށް ބޮޑުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރޭޓިން ދަށްވުމުން ބޭރުން ފައިނޭންސިން ހޯދުމަށް ބޮޑު ދަތިތަކެއް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރިޒާވް އިތުރު ނުކުރެވޭނަމަ ރޭޓިން ކުންފުނިތަކުން ރާއްޖެއަށް ރަނގަޅު ރޭޓިންއެއް ނުދޭނެ ކަމަށެވެ.
"ބޭރުގެ ފައިނޭންސިން ހޯދަން މަސައްކަތްކުރާ ފައިސާތައް ހޯދިގެން ޕްރޮޖެކްޓްތައް ފެށިގެން ދިއުން މުހިއްމު. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޑޮމެސްޓިކް ފައިނޭންސިން އިން ހޯދަން ވަރަށް ބޮޑު އަދަދެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޑޮމެސްޓިކް މާކެޓުން ހަތް ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ.
މުނައްވަރު ވިދާޅުވީ ޑޮމެސްޓިކް މާކެޓުން ބޮޑު އަދަދެއް ހޯދަން ޕްލޭން ކޮށްފައި އޮތް ނަމަވެސް އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ބަޖެޓުގައި ނެތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމްއެމްއޭއަށް ބަރޯސާ ނުވެ، ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ރޭވުން މުހިއްމު ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގެ ގޮތުގައި 19 ބިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުގެ ބޭންކްތަކުންނެވެ.