މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ތިމާވެށީގެ މަޝްރޫއުތަކަށް ހޭދަކުރީ 608 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މި މަހުގެ ހަތަރެއްގައި އާންމުކުރި މާލީ މައުލޫމާތުން އެނގޭ ގޮތުން ތިމާވެށީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުތަކަށް ވަނީ 246 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ވޭސްޓް މެނޭޖްމެންޓް މަޝްރޫއުތަކަށް 229 މިލިއަން ރުފިޔާ ހޭދަކުރި އިރު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 132 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ތިމާވެށީގެ މަޝްރޫއުތަކަށް ހޭދަކުރީ އޭގެ ތެރެއިން 8.4 ޕަސެންޓެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓާއި ބަނދަރުގެ މަޝްރޫއުތަކަށެވެ.

ތިމާވެށީގެ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ޓޫރިޒަމް ދާއިރާއިން ގްރީން ޓެކްސްއެއް ނަގަމުންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.