މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު ޒަމީރު ހުށަހަޅައި ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
31 އޮކްޓޯބަރ 2024 - 13:46
ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް ތަންފީޒުކުރާ ފިސްކަލް އިސްލާހުތަކުން 11.5 ބިލިއަން ރުފިޔާ ސަލާމަތް ކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓަށް ސަޕްލިމަންޓު ކުރި އަދަދާ އެކު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅައި ދެއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތުގައި އިތުރުކުރުމަކީ ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ލާޒިމުކަމެއް ކަމަށެވެ.
މިގޮތުން، މިހާރު ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ރިއާޔަތްކޮށް، އަޅަން ފަށާފައިވާ ފިސްކަލް އިސްހާހުތަކުގެ ތެރެއިން، އަންނަ އަހަރު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް މަޖިލީހަށް ހުށަހެޅި ބަޖެޓު ކަރުދާހުގައި ވެ އެވެ. މިދިޔަ އަހަރު ވެސް ރިފޯމުތައް މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ ކުޑަކުރުމަށް އަމާޒު ހިފި އެވެ. ނަމަވެސް، ރިފޯމުތައް ތަންފީޒު ކުރެވިފައި ނުވާތީ އެ އަދަދު ބަޖެޓުން ކުޑަކުރެވިފައެއް ނުވެ އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިހާރު ދެމުންދާ ސަބްސިޑީތައް، ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުމާއި އާސަންދަ ނިޒާމު އިސްލާހުކުރުމާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ހިރާސްތައް ކުޑަކުރުމާއި ޕެންޝަނަށް ވަމުންދާ އިސްރާފުތައް ކުޑަކުރުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުން ހިމެނެ އެވެ.
ހަރަދުތައް ކުޑަކޮށްގެންވެސް އަންނަ އަހަރު ހަރަދަށް އެކަނި 49.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 13.3 ބިލިއަން ރުފިޔާ އެވެ.
ހަރަދުތައް ކުޑަކުރުމާ އެކު، އާމްދަނީ އިތުރުކުރަން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުން ލިބޭނެ ކަމަށް ބެލެވޭ 4.9 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
އެ އަދަދުން އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސާއި، އެއާޕޯޓް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑުކުރާތީ އެވެ.
"މި ބަދަލުތައް ފަރުމާކޮށްފައިވަނީ އާންމު ދިވެހި ރައްޔިތުންނަށް ބުރަ ބޮޑުނުވާނޭގޮތަށް ބަލައިގެން،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މި ފިސްކަލް އިސްލާހުތަކާ އެކު، އަންނަ އަހަރު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވާ 9.4 ބިލިއަން ރުފިޔާ އަކީ، ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓް ބަޖެޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
01 November 2024
ހާދަ ކޮށި ކޮށޭ ބަޖެޓް ހުށަހަޅައި ދެއްވީ. އަންނަ އަހަރު 6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އޭ ބުނާއިރު ބަޖެޓް 56.6 ބިލިއަން ރުފިޔާއަށް ބޮޑު ކޮށް ފައި އެއިން 6.6 ބިލިއަން ރުފިޔާ ޚަރަދު ނުކޮށް ބެހެއްޓީމާ އެވީ ޚަރަދު ކުޑަތަ؟ ކިއޭ ނުކިޔޭ އެއްޗެއްވެސް ހަމަ ނޭގެނީ.
ރަންނަ
31 October 2024
ކުރީ ސަރުކާރާހެދި ތިކަންނުކުރެވުނުވާހަކަ ދައްކާނެ އަންނަ އަހަރު މެދުތެރެއިން
އަދުނާން
31 October 2024
6 ބިލިއަނަކީ ވަރަށް ބޮޑު އަދަދެއް ސަލާމަތް ކުރެވޭ. މީގެ ފައިދާ ކުރިއަށް އޮތްތާ ވާންއޮތީވެސް ދިވެހި ރައްޔިތުންނަށް
ފާއިޒްް
31 October 2024
އެންމެންވެސް ގަބޫލު ކުރޭ މިގައުމުގެ މާލީ ހާލަތު ގޯސްވެއްޖެކަން. މިކަމުގެ ފުރިހަމަ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭ
ޝިފާޒްް
31 October 2024
ޚަރަދު ކުޑަކުރަން ޖެހިއްޖެ. އިބޫ އަކާހުރެ މުޅި ގައުމު ހަލާކުވަނީ. ރައީސް މިދަނީ މި ގައުމު އަލުން އަބުރާ ކޮޅަށްޖަހަން މަސައްކަތް ކުރަމުން.
ކިރުސައި
31 October 2024
އަޅުގަނޑުވެސް އަނގަބަހުން 50 ބިލިއަން ސަލާމަތް ކޮށްދީފާނަން.
އެކޮއި
31 October 2024
6.6 ބިލިޔަން ސަލާމަތްކުރަނީ ކޮރަޕްޝަން ކޮޓަރިއަށް ވައްދާ ތަޅުލައިގެންތޯ؟ ނޫނީ އެތާ ތިޖޫރީއަށް ވައްދައިގެންތޯ؟
ޖަމީލު
31 October 2024
އިގްތިސާދީ ރީފޯމްެިން އޭގެ ހެޔޮ އަސަރި ގައުމަށް ކުރާނެ
ނަފީލު
31 October 2024
އިގްތިސާދު މިހާލަތަށް ވެއްޓުނީ ކުރީ އަހަރު ތަކުގައި އަންރިއަލިސްޓް ފިގާސްތަކެއް ބަޖެޓުގައި ހިމެނުމުން އިތުރަށް ބޭކާރު ހަރަދުތަށް ކުރަން ޖެހުމުން
އަލީ ވާފިރު
31 October 2024
ދައުލަތުން ކުރާ ބޭކާރު ހަރަދުތަށް މަދުކުރަން މި ބަޖެޓުން އިސްކަން ދޭކަން ފާހަގަ ކުރަންް