މި ހަފްތާގެ ކުރީކޮޅު ސްރީ ލަންކާއަށް ތޫފާން "ފެންގަލް" ގެ ސަބަބުން ކުރި ވިއްސާރާގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
30 ނޮވެމްބަރ 2024 - 11:30
ބޭ އޮފް ބެންގަލްގައި އުފެދުނު ޑީޕް ޑިޕްރެޝަން، ތޫފާނެއްގެ ދަރަޖައަށް ބާރު ގަދަވެ އިންޑިއާގެ ދެކުނު އައްސޭރިފަށާ ކައިރިވުމާ އެކު އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް އާންމުން އެއްގަމު ސަރަހައްދުތަކުން ރައްކާތެރިކަން ހޯދަން ޖެހިއްޖެ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ ތޫފާން "ފެންގަލް" ޓެމިލް ނާޑޫ ސްޓޭޓަށް މެންދުރުފަހު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 70-80 ކިލޯމީޓަރު (43 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި) ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ މަސްވެރިން މަހަށް ނުފުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ކަނޑުގެ ރާޅުތައް ތޫފާނާ އެކު ތިން ފޫޓަށް އުފުލިދާނެ ކަމަށާއި ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ފެންބޮޑުވުން ވެސް އެކަށީގެންވާ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
ޓެމިލް ނާޑޫގެ ގިނަ ޑިސްޓްރިކްޓްތަކެއްގެ ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް، 471 މީހުން ރިލީފް ކޭމްޕްތަކަށް ބަދަލުކޮށްފައިވާ ކަމަށް އިކޮނޮމިކް ޓައިމްސް ނޫހުގައި ބުނެފައިވެ އެވެ.
ތޫފާން "ފެންގަލް" އިންޑިއާގެ އައްސޭރިފަށުގައި
ސައިކްލޯން އާއި އުތުރު އެޓްލާންޓިކް ސަރަހައްދުގެ ހަރިކޭންތަކާއި ހުޅަނގު އުތުރު ޕެސިފިކްގެ ޓައިފޫންތަކާ އެއް ދަރަޖައެކެވެ. އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދުތަކަށް ސައިކްލޯންތަކުގެ ނުރައްކާ އާންމު ގޮތެއްގައި ކުރިމަތިވެ އެވެ.
މި ހަފްތާގެ ކުރީކޮޅު "ފެންގަލް" ގެ އަސަރު ސްރީ ލަންކާގެ އައްސޭރިފަށުގެ ހިސާބުތަކަށް ކުރި އެވެ. ލަންކާއަށް ބޯކޮށް ވާރޭ ވެހުމާއި މޫސުން ގޯސްވެގެން ހިނގި ހާދިސާތަކުގައި 12 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ކުޑަ ހަ ކުދިން ވެސް ހިމެނެ އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ދުނިޔެ ހޫނުވާތީ ކޮޅިގަނޑުތަކާއި ތޫފާނުތަކުގެ ބާރު ކުރިއާ އަޅާބަލާއިރު ގަދަވަމުންދާ ކަމަށް ސައިންސްވެރިން ބުނެ އެވެ. ދުނިޔެ ހޫނުވުމުނެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވެސް މައްޗަށް ދާތީ އެކަމުގެ ސަބަބުން "ވޯޓާ ވޭޕާ" އުފެދުން ގިނަވެ އެވެ. މިއީ ކޮޅިގަނޑުތަކަށް ހަކަތަ އިތުރަށް ލިބި ވައި ގަދަވާން މެދުވެރިވާ ކަމެކެވެ.
ޖައްވު ހޫނުކޮށް އޮތުމަކީ ކޮޅިގަނޑުތަކުގައި ވާރޭގެ މިންވަރު ވެސް އިތުރުވާ ކަމެކެވެ. އެހެންވެ ވާރޭ ވެހޭއިރު ބޯކޮށް ވެހުމާއި ގިނައިރު ވާރޭ ވެހުން ފަދަ ކަންކަން މެދުވެރިވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
30 November 2024
"ޖައްވު ހޫނުކޮށް އޮތުމަކީ ކޮޅިގަނޑުތަކުގައި ވާރޭގެ މިންވަރު ވެސް އިތުރުވާ ކަމެކެވެ. އެހެންވެ ވާރޭ ވެހޭއިރު ބޯކޮށް ވެހުމާއި ގިނައިރު ވާރޭ ވެހުން ފަދަ ކަންކަން މެދުވެރިވެ އެވެ." އެހެންވީމަ ފެންބޮޑުވުމަކީ ސަރުކާރުތަކާ ގުޅުންހުރި ކަމެއްނޫން. ބައެއް މީހުން ސިޔާސަ ވެގެންގޮސް ސަރުކާރުތަކާ އެބަ ގުޅުވާ މިކަހަލަ މޫސުމީ ކަންކަން.
ހާލި.
30 November 2024
މުލޭ ތިހުރީ މާބޮޑަށް ސިޔާސީ ވެފާ