އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު އެ ތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އެމްކިޔުއޭ
04 ޑިސެމްބަރ 2024 - 20:24
މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އެސަސްމަންޓްތަކުން 50 ޕަސެންޓް ފާސްވާން ޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އުސޫލަށް ބަދަލު ގެނެސްފި އެވެ.
މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަން ހުއްޓުވުމަށް ފާސްވާ ޕަސެންޓް މަތި ކުރުމަށް އެމްކިޔުއޭއިން ނިންމާފައިވާކަން އިއުލާން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
"ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ބަދަލު ގެނެސް މިދިޔަ އާދިއްތަ ދުވަހު އާންމުކުރި އިސްލާހުގެ ދަށުން ކޮންޓްރޯލް އެސެސްމަންޓް 50 ޕަސެންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވާން ޖެހެ އެވެ.
މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް ކުރިން އެޕްރޫވަލް ދީފައިވާ ކޯސްތައް ގެންދިއުމުގައި އެ އުސޫލުގައި ބުނާ ގައިޑްލައިނަށް އަމަލުކުރުމަށް ވެސް އެމްކިޔުއޭއިން ވަނީ އަންގައިފަ އެވެ.
ކޮލެޖެއްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއް---.ފޮޓޯ: މިހާރު
- ޕްރޮގްރާމްގެ ކޮންމެ މޮޑިއުލެއް ނުވަތަ ޔުނިޓަކަށް އެސެސްމަންޓަށް ބޭނުންވާ މިންގަނޑުތައް ސާފުކޮށްދީފައި ހުރުން
- ދަރިވަރުގެ ގާބިލުކަން ވަޒަންކުރެވޭނެ، މަދުވެގެން އަމިއްލަ އެއް މަސައްކަތް (ލިޔުމުން ނުވަތަ އެހެން ގޮތަކުން) ދަރިވަރުން އުފައްދަން ޖެހޭ
- މާސްޓާޒް ކޯސްތަކުގެ ރިސާޗް ފިޔަވައި ހުރިހާ ކޯހެއްގައި މަދުވެގެން 50 ޕަސެންޓް ސުޕަަވައިޒްކޮށް، ވަގުތު ކަނޑައަޅައި، ކޮންޓްރޯލްކުރެވޭ އެސެސްމަންޓް ހާލަތްތަކެއް އިމްތިހާން ތަކުގައި ހިމަނަން ޖެހޭ
- އެސެސްމަންޓުގެ 50 ޕަސެންޓަކީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހަދާ އެއްޗަކަށް ވުން
- އޯޕަން ބުކް ޓެސްޓުތައް ހެދުމަށް ވަގުތެއް ކަނޑައެޅުން
- ޓެސްޓު ހެދުމަށް އާ ލިޔުމެއް ބޭނުން ކުރުން
- ފޮތް/ނޯޓްސް ބޭނުންކޮށްގެން ލިޔުމުން ދޭ އިމްތިހާންތައް
- ސުވާލާއި ޖަވާބުތައް
- ކްލާހަށް ގޮސްގެންދޭ ޕްރެޒެންޓޭޝަން
- އަނގަބަހުން ދޭން ޖެހޭ ޓެސްޓު
- ސުޕަވައިޒަރުންނާއެކު ބާއްވާ ބައްދަލުވުންތައް
- ލެބޯޓަރީ މަސައްކަތްތައް
- ކްލާހުގައި ދޭ ކުއިޒްތައް
ގްރެޖުއޭޝަން ހަފުލާއެއްގައި ދަރިވަރަކު ސެޓްފިކެްޓް ހިފައިގެން.-- ފޮޓޯ: މިހާރު
އޭގެ އިތުރުން އެސައިންމަންޓުތައް ތައްޔާރުކުރުމުގައި ތިންވަނަ މީހެއްގެ އެހީތެރިކަން ނުވަތަ ބައިވެރިވުން މަދުކުރުމަށް، އެއްވެސް މޮޑިއުލްއަކުން ހުރިހާ އެސައިންމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ވެ އެވެ.
މީގެ ތިން އަހަރު ކުރިން 2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
އެފަދަ އަމަލުތަކަށް ފާރަވެރިވުމަށް ތައުލީމުދޭ މަރުކަޒުތަކުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޖޫރިމަނާގެ އިތުރުން ވެސް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް މައްސަލައެއްގައި ފިޔަވަޅު އެޅިކަން އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިތަކުރު
05 December 2024
ރަގަޅު. އަދިވެސް ހަރުކަށިކުރަންވީ. ނޫނީ ވަޒީފާއަދާކުރަން ގާބިލެއްނޫން
ޑަބަލޭ
05 December 2024
ތިޔަ ހެދި ގަވާއިދަކުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލައަށް ދެވޭނެ ހައްލެއް ނޭގުނު! އެހެނެއްނޫން، އެކަން ކުރާ ބަޔަކު ޑަބަލް ޗާޖު ކުރާނެ ފުރުސަތެއް ތިއީ! ޑަބަލް ޗާޖު ކުރިއަސް ކްލަޔަންޓުން ސާވިސް ހޯދާނެ!
ހަސީނާާ
05 December 2024
ތިދާވަރުން އަދި އެމް.ކިއު.އޭ އިން ޓެސްޓު ޕޭޕަރު ތައްޔާރުކޮށްދޭން ވެސް ފަށާފާނެ
އޯކޭ1
05 December 2024
ހުސް ޖޯކުން! އެލައިޑް ހެލްތް ވެސް!
ލޮއްލަ
05 December 2024
ޑިގްރީ ހަދައިގެން ސިވިލް ސާވިސް ވަޒީފާއަށް ކުރިމަތިލާއިރު ސިވިލް ސާރވިސް ގަވާއިދު ހިތުދަސްވެފަ ހުންނަންޖެހޭ. އެކަމު އެވުޒާރާއެއްގެ އެންމެ މަތީފަޑީގެ ސިޔާސީ ވެރިންނަށް ސިވިލް ސާރވިސް ގަވާއިދު އެއީ ކޯޗެއްކަން ނޭންގުނަސް އޯކޭ. ޑިގްރީއެއް މާސްޓާސްއެއް ނެތަސް އޯކޭ ޕޯޑިއަމްގަ އަނގަތެޅެނިކޮށް. ގަވާއިދުތަކާ ގާނޫނުތަށް އޮންނަނީ އާބާދީގެ “ނިކަމެތި” %70 މީހުންގެ މައްޗަށް އެކަނި.
ޚަދީޖާޖާ
06 December 2024
ސިވިލް ސަރވިސް އެއީ .. ކެނޑިފަ ތިބި މީހުންގެ ތަނެއް. އެމީހުން މަޤާމްތަކަށް ޝަރޔތު ކަނޑައަޅާ ގޮތްވެސް ދެން ވަރަށް މަޖާ. އެހެންޏާ ޓީޗިންގަ ހަދާފަ ހުންނަ މީހާވެސް ހިއުމަން ރިސޯސް ނޫނީ އިދާރީ މަޤާމްތަކަށްވެސް އެމީހުން އެބަ ނަގާ ޝަރުތު ހަމަކޮށްގެން. އެކަމަކު ކޯ ޑިސިޕްލިންއަކާ ޕްރިފަޑް ޑިސިޕްލިންގ އެކޯ ކިޔައިގެން އުޅޭނެ
ހަސަންބެއްޔާ
05 December 2024
އެސައިންޓްމަންޓްތައް މީހުން ލައްވާ ހަދުވާނީ މޮޔައިން. ޗެޓުޖީޕީޓީގައި ޖަހާލާއިރަށް އެސައިންމަންޓް ހަދާލަ ދޭނެ
ގޮހޮޑާ
05 December 2024
މިބަދަލުގެ ސަބަބުން އަގުދީގެންނާއި އޭ.އައި ބޭނުންކޮށްގެން ފުލްއަސައިންމަންޓް ހެދުން މަދުކުރެވޭނެ. މިހާރު އެނގޭނެ އެސައިންމަންޓުން ފުލްމާކްސް ލިބުނަސް ފާސް ނުވާނެކަން. ހަމަ މިއާއެކު އޮންލައިން ކޯސްތައް ބްލެންޑެޑް މޯޑަށް (ސެމިސްޓާއަކު އެއްފަހަރު ނަމަވެސް ކެމްޕަސްއަށް ހާޒިރުވާންޖެހޭގޮތަށް) ބަދަލުކޮށް ހުރިހާ އެގްޒާމްތަކެއް ފިޒިކަލްކޮށް ބާއްވަން. އޮންލައިންކޮށް ކިޔެވިޔަސް ކްލާސް ގަޑިއަކީ ހަމައެކަނި ކިޔެވުމަށް ހޭދަކުރާވަގުތަކަށް ހެދުން މަޖުބޫރުކުރަންވީ
އައިޝާ21
05 December 2024
އެމް.ކިއު އޭ ބޮޑު ޖޯކަކަށް ވެއްޖެ. އެލައިޑް ހެލްތް ވެސް ބޮޑު މުސީބާތަކަށްވެއްޖެ. ކައުންސެލިން ލައިސަންސް ނަގަން އުޅޭ ކުދިންނަށް ބޮޑު މުސީބާތަކަށްވެއްޖެ. ޑޮކްޓަރ އާފިޔާ މިއަދު އިރުއަރާ ގޮތަކުން ގައިޑްލައިން ބަދަލުކޮށްފާނެ. ދެން ހުންނާނީ އެމް.އެން.ޔޫގެ ދަރިވަރެއް ކޮމެޓީގައި އާފިޔާއަށް އެޑްވައިޒް ދޭން. މީ ފެންވަރު. ރެޖިސްޓްރާއަކަށް ފާމަސިސްޓްއެއް. ހަދާފަ ނަހަދާނެ އެއްޗެއް ނޭނގިގެން އުޅޭބައެއް.
ބޮޑުބެގެ ބެެއްޔާ
05 December 2024
ކުޅޭކުޅޭ ގަވައިދުތައް ނުހަދައި، ކިޔަވައިދޭންޖެހޭ ގަޑިއިރު ހަމަނުކޮށް ސެޓުފިކެޓް ދޭ ކޮލެޖުތައް އުވާލަބަލަ. ބައެއްގެ ހައްގުތައް ހިމާޔަތް ކުރަން ހަދައިގެން މިގައުމުގަ މަތީތައުލީމު ހަލާކުކޮށްލީ ގަސްތުގަ. މިހާރު އެންމެން އަތުގަ މާސްޓަރޒް. އެނގޭއެއްޗެއް ނޭނގޭއެއްޗެއް ނެތް.
ގޮހޮޑާ
05 December 2024
ކޮންމެ ބަދަލެއް ގެނަޔަސް މިހާރު މިގެންދާ ގޮތަށް 'ފުލީ އޮންލައިން'ކޮށް ކޯސްތައް ހިންގަންޏާ ފެންވަރު މަތިނުވާނެ. އެންމެ ކުޑަމިނުން އެބަޖެހޭ 'ބްލެންޑެޑް' މޯޑަށް ކޯސްތައް ގެންދަން. އަދި ހުރިހާ އެގްޒާމްތަކެއް ފިޒިކަލްކޮށް ބާއްވަން.
ޣުދް
05 December 2024
ވަރަށް ރަނގަޅު ވާހަކައެއް.