ޝާހްރުކް ހާން އާއި ސަލްމާން ހާން އަދި އާމިރް ހާން.
09 ޑިސެމްބަރ 2024 - 06:31
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތިން ހާނުން ކަމަށްވާ ޝާހުރުކް ހާން އާއި ސަލްމާން ހާން އަދި އާމިރް ހާން އެކުގައި ފިލްމެއް ކުޅެން މަޝްވަރާކޮށްފި އެވެ.
އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ އޭޝިއާ ނިއުސް އިންޓަނޭޝަނަލް އިން ބުނީ އާމިރް މި ޚަބަރު ކަށަވަރުކޮށްދިނީ ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށް ގެންދާ ރެޑް ސީ ފިލްމު ފެސްޓިވަލުގައި ވާހަކަދައްކަމުން ކަމަށެވެ.
އާމިރް ބުނީ އެކުގައި ފިލްމެއް ކުޅުމަށް ޝާހު އާއި ސަލްމާންއާ އެކު މީގެ ހަ މަސްދުވަސް ކުރިން މަޝްވަރާކުރި ކަމަށެވެ. އެ ހިޔާލު ދިނީ ވެސް އޭނާ ކަމަށް އާމިރް ބުންޏެވެ.
"އަހަރެން މި ހިޔާލު ދިނީ ވެސް، ބުނިން އަހަރެމެން ތިން މީހުން އެކުގައި ފިލްމެއް ނުކުޅޭ ނަމަ ވަރަށް ދެރަވާނެއޭ. އަހަންނަށް ހީވަނީ އަހަރެން ދެއްކި ވާހަކަތަކާ ސަލްމާން ވެސް ޝާހު ވެސް އެއްބަސްވާހެން އަދި އެ މީހުން ކީ، އާއެކޭ، އަހަރެމެން ތިން މީހުން އެކުގައި ފިލްމެއް ކުޅެން ވާނެއޭ،" އާމިރް ބުންޏެވެ.
"އުއްމީދުކުރަނީ ވަރަށް އަވަހަށް އެކަން ވާނެ ކަމަށް. އެކަމަކު އެކަން ވުމަށް ރަނގަޅު ވާހަކައެއް ބޭނުންވޭ. އެހެންވީމަ، ރަނގަޅު ސްކްރިޕްޓެއް ލިބެންދެން މަޑުކުރަން ޖެހޭނީ. އަހަރެމެން މި ތިބީ އޭގެ އިންތިޒާރުގައި."
ސަލްމާން އާއި ޝާހު ވަނީ އެކުގައި ވަރަށް ގިނަ ފިލްމުތައް ކުޅެފަ އެވެ. އެކަމަކު، ސަލްމާންއާ އެކު އާމިރް ކުޅުނީ އެންމެ ފިލްމެކެވެ. އެއީ މީގެ 30 އަހަރު ކުރިން ގެނެސްދިން "އަންދާޒް އަޕްނާ އަޕްނާ" އެކަންޏެވެ. އަދި، ޝާހު އާއި އާމިރް އެކުގައި އެއްވެސް ފިލްމެއް ނުކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނޫ
09 December 2024
ހުރިހާ ޚާނުން އެއްގަލަކަށް (ފިލްމަކަށް) އަރާއިންނަތަން ފެނުންވާނީ މިއިސްލާމީ ކުޑަކުޑަ ދައުލަތުގެ އެންމެހާ މީސްތަކުންނަށް ލިބިގެންދާނެ ވަރަށްބޮޑު އުފަލަކަށް.