ރާޖް ކަޕޫރްގެ އާއިލާގެ މެމްބަރުން، އޭނާއަށް 100 އަހަރު ފުރުމުގެ ގޮތުން ބޭއްވި ފިލްމު ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ފޮޓޯއަކަށް ހުއްޓިގެން.
15 ޑިސެމްބަރ 2024 - 06:04
އަދިވެސް ގިނަ ބަޔަކު ބުނާ ގޮތުގައި ރާޖް ކަޕޫރް ވަރުގެ ކުޅަދާނަ އެކްޓަރެއް ހިންދީ ސިނަމާއަށް ނާދެ އެވެ. ފިލްމު ކުޅުމާއި އުފެއްދުމުގައި ވެސް އެފަދަ ދެވަނައެއް ނެތެވެ. އޭނާ އުފެއްދި ފިލްމުތަކުގެ އަސަރު އަދިވެސް ހިންދީ ފިލްމުތަކުން ނުކެނޑެ އެވެ.
ރާޖް ކަޕޫރް މަރުވިތާ ސާޅިހަކަށް އަހަރު ވާން ކައިރިވާއިރު ވެސް، އަދިވެސް އެ ހަނދާންތައް ފަނޑުވެގެން ނުދެ އެވެ. އޭނާއަށް އޮތް ލޯބި ފަނޑުނުވި އެވެ. ހިންދީ ސިނަމާގައި މިހާރު އެންމެ ނުފޫޒުގަދަ އާއިލާ ކަމަށްވާ ކަޕޫރް އާއިލާއިން އިއްޔެ ފާހަގަކުރީ މި މުނާސަބަތެވެ. އެ ހަނދާންތަކެވެ. އިއްޔެއަކީ ރާޖް ކަޕޫރްގެ 100 ވަނަ އުފަންދުވަހެވެ.
ރާޖް ކަޕޫރަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ކަޕޫރް އާއިލާއިން ވަނީ "ރާޖް ކަޕޫރް ފިލްމު ފެސްޓިވަލް"ގެ ނަމުގައި އިންޑިއާގައި ދެ ދުވަހުގެ ފެސްޓިވަލެއް ވެސް އިންތިޒާމުކޮށްފަ އެވެ. އެ ފެސްޓިވަލުގައި ރާޖް ކަޕޫރްގެ މަޝްހޫރު 10 ފިލްމު، އިންޑިއާގެ 40 ސިޓީގެ 135 ތިއޭޓަރެއްގައި ދައްކަން ވަނީ ނިންމައިފަ އެވެ. އިއްޔެ އާއި މިއަދު އެ ފިލްމުތައް އަޅުވާނެ އެވެ.
#WATCH | Mahasrashtra: Marking 100 years of Raj Kapoor, the 'greatest showman' of Indian cinema, his family members gather at a film festival organised in his honour in Mumbai.
— ANI (@ANI) December 13, 2024
Randhir Kapoor, Rima Jain, Karisma Kapoor, Kareena Kapoor Khan - along with her husband Saif Ali… pic.twitter.com/8NgbApvOQu
މި ފެސްޓިވަލު ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ހާއްސަަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ކަޕޫރް އާއިލާގެ އެންމެން ބައިވެރިވި އެވެ. ރާޖް ކަޕޫރްގެ ދަރިންނާއި ކާފަދަރިން އަދި މުނިކާފަ ދަރިން ވެސް އެ ހަފުލާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާޖް ކަޕޫރްގެ ފަސް ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ދެ ކުދިން ކަމަށްވާ ރަންދީރް ކަޕޫރާއި ރީމާ ޖެއިން ހިމެނެ އެވެ.
ރާޖް ކަޕޫރުގެ ކާފަ ދަރިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރް ހާން އާއި ރިދިމާ ކަޕޫރާއި ރަންބީރް ކަޕޫރް އަދިވެސް އެހެން ކުދިން އެ ހަފުލާއަށް ދިޔަ އެވެ.
މި މުނާސަބަތުގައި ކަޕޫރް އާއިލާގެ ގިނަ މެމްބަރުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކޮށް، މި ފެސްޓިލުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދީފަ އެވެ.
The Kapoors with PM Modi!🫶🏻#KareenaKapoorKhan, #SaifAliKhan, #RanbirKapoor, #NeetuKapoor, #RiddhimaKapoorSahni and other members of the Kapoor family met #PMNarendraModi ahead of #RajKapoor's Film Festival. #Celebs pic.twitter.com/qifTVWyPMN
— Filmfare (@filmfare) December 11, 2024
ރާޖް ކަޕޫރްގެ އަސްލު ނަމަކީ ޝްރިޝްތީ ނާތު ކަޕޫރެވެ. އެކަމަކު، ފިލްމު ކުޅެން ފެށީ އޭނާގެ ނަން ރަންބީރް ރާޖް ކަޕޫރަށް ބަދަލުކޮށްގެންނެވެ. އެކަމަކު، ފަހުން ބޭނުންކުރީ ހަމައެކަނި، ރާޖް ކަޕޫރެވެ.
އޭނާގެ ބައްޕައަކީ ހިންދީ ސިނަމާގެ ބާނީންގެ ތެރޭގައި ހިމެނޭ ކުރީގެ އެކްޓަރެއް ކަމަށްވާ ޕްރިތުވިރާޖް ކަޕޫރެވެ. އޭރުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝައްމީ ކަޕޫރާއި ޝަޝީ ކަޕޫރަކީ ވެސް އޭނާގެ އެއްބަނޑުއެއްބަފާ މީހުންނެވެ.
ރާޖް ކަޕޫރް ފިލްމު ކުޅެން ފެށީ އިންޑިއާ މިނިވަން ގައުމަކަށް ވިތާ ވަރަށް ކައިރީގަ އެވެ. އެއީ ހިންދީ ފިލްމުތައް އެންމެ ހިޓުވާން ފެށި ވެސް ދުވަސްވަރެވެ. އެކަމަކު، އޭގެ މާ ކުރިން ވެސް އޭނާ ކުޑައިރު ވަނީ ފިލްމެއް ކުޅެފަ އެވެ. އެއީ 1935 ގައި ގެނެސްދިން "އިންގިލާބް" އެވެ. ޒުވާން އުމުރުގައި ފިލްމު ކުޅެން ފެށުމުގެ ކުރިން އޭނާ ފުރަތަމަ މަސައްކަތްކުރީ ކެމެރާގެ ފުރަގަހުގަ އެވެ.
ރާޖް ކަޕޫރްގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް.
އޭނާ މަޝްހޫރުވީ 1947 ގައި ގެނެސްދިން ފިލްމު "ނީލް ކަމާލް" އިންނެވެ.
އިންޑިއާގެ ލިޔުންތެރިޔާ ސުނީލް ހިލްނާނީ ވިދާޅުވި ގޮތުގައި، ރާޖް ކަޕޫރަކީ ހިންދީ ފިލްމުތަކުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްދިން ހުނަރުވެރިއެކެވެ.
"ހިންދީ ފިލްމުތަކަށް ލޯބްތާއި ޖަރުބާތާއި ލަވަތަކާއި، ހިންދީ ފިލްމުތަކުން މިހާރު މި ފެންނަ އަސްލު ރޫހު އުފަންކޮށްދިން މީހަކީ ރާޖް ކަޕޫރް،" އޭނާ ވިދާޅުވި އެވެ.
ރާޖް ކަޕޫރް ވަނީ 1948 ވަނަ އަހަރު "އާރުކޭ ފިލްމްސް ސްޓޫޑިއޯ"ގެ ނަމުގައި އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފައްދައިފަ އެވެ. އަދި އެ ޕްރޮޑަކްޝަންގެ ދަށުން އޭނާ ޑައިރެކްޓުކުރި ފުރަތަަމަ ފިލްމު "އާގް" ހަމަ އެ އަހަރު ގެނެސްދިނެވެ. އެ ޕްރޮޑަކްޝަނުން ވަނީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފަ އެވެ.
ފިލްމު "ޝްރީ"ގެ މަންޒަރެއްގައި ރާޖް ކަޕޫރް.
ރާޖް ކަޕޫރް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބާރްސާތު (1949)، އަވާރާ (1951)، ޝްރީ 420 (1955)، އަދި ސަންގަމް (1964) ހިމެނެ އެވެ. އޭނާ ޑައިރެކްޓުކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި މޭރާ ނާމް ޖޯކަރު (1970)، ބޮބީ (1973)، ސަތުޔަމް ޝިވަމް ސުންދަރަމް (1978)، އަދި ރާމް ތޭރީ ގަންގާ މައިލީ (1985) ހިމެނެ އެވެ.
ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ ރާޖް ކަޕޫރް މަރުވީ އެވޯޑު ހަފުލާއެއްގައި އިންދާ އެސްތުމާ އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް، ޖޫން 2، 1988 ގަ އެވެ. އެއީ އޭނާއަށް ފަރުވާދޭން ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ. އޭރު އޭނާގެ އުމުރުން 63 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަރާނާ
15 December 2024
ރާޖް ކަޕޫރު ކުޅަދާނަވީ އޭނަގެ ފަހަތުގައި ބައްޕަ ޕްރިތުވީ ރާޖް ކަޕޫރުގެ ހުރެގެން ކަމަށް އިންޑިއާގެ ބުޒުރުގޯނުން ބުނޭ.