މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން މަސައްކަތް ކުރަނީ. --ފޮޓޯ: މިހާރު
19 ޑިސެމްބަރ 2024 - 22:42
މިދިޔަ ހަފްތާގެ ބުރާސްފަތި ހިނގި އަލިފާނުގެ ހާދިސާއާއި ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ފާހަގަނުވާ ކަމަށް ޕޮލިހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ޖެހިގެން ހުރި ގްރީން ބިލްޑިންގުގައި ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީ އަށް ފެތުރި ބޮޑު އަލިފާނުގެ ހާދިސާއަކަށް ބަދަލުވީ އެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ-- ފޮޓޮ: މިހާރު
ނުހައްގުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައިގެ ހެކިތައް ނައްތާލުމަށް ހައުސިން މިނިސްޓްރީގެ ގަސްދުގައި ރޯކޮށްލީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ތުހުމަތު ކުރެވެމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގޯތިތަކުގެ މައްސަލައާ އަދި ގުޅުވެން ނެތް ކަމަށެވެ.
"އަދި އަޅުގަނޑުމެން ބޭނުންވާ ޑޮކިއުމެންޓެއް ހޯދުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރޭގައި އަދި އެކަމާ ގުޅިގެން ޑޮކިއުމެންޓެއް ނުލިބޭނެ ކަމަށް ވެސް އަދި ފާހަގަ ކުރެވިފައެއް ނެތް،" އަލިފާނުގެ ހާދިސާގައި ގޯތީގެ ތަހުގީގާ ގުޅޭ އެއްވެސް ލިޔުމެއް ގެލިފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މައްސަލާގައި ބޭނުންވި ހުރިހާ މައުލޫމާތެއް މިހާތަނަށް ލިބިފައިވާ ކަމަށާއި އަދި އެޗްޑީސީން ވެސް ހެކި ނައްތާލުމުގެ އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަ ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހުޅުމާލޭގެ ތިން ލޮޓެއްގައި މައްސަލަ ހުރި ކަން ފާހަގަވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފޯޖަރީގެ މި މައްސަލައަށް ހޯދޭ ހޯދުންތަކުގެ އަލީގައި މި ތަހުގީގު އިތުރަށް ފުޅާކޮށް، އިތުރު ފަރާތްތަކާ ސުވާލުކޮށް، މި ކަމުގައި އިތުރު ބިންތަކާއި ފްލެޓުތައް ހިމެނޭތޯ ވެސް ފުލުހުން ބަލާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފަ އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފަޒުލް ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އެންމެ ފަހުން ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ބޯޑު ސަސްޕެންޑްކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިޓިކަލް އާރޓް
23 December 2024
އަހަރެމެންވެސް އުޅުނިން ތަހްޤީޤްކުރާ މީހެއްގެގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ފުލުސްކޯޓް ކުރިމަތިން ހިނގިމީހާއަށްވެސް އެނގޭނެ މިކަމުގައި ގުޅުންހުރިކަން
ަގެދޮރު
22 December 2024
100% މިކަންކަމާއި ގުޅުން އޮތްކަމަށް ބެލެވޭ
ތޮޅިބެ
21 December 2024
ނޫން ނޫން ވަރަށްވެސްބޮޑަށް ގުޅުން އެބަހުރި އެކަން އެގި ހާމަވާނެ ފަހުން. މިއަދު ވަޒީފާގެ ދިފާއުގައި ކޮންމެ އެއްޗެއްވެސް ބުނެވިދާނެ! މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭގޭނެ! ހާލަތު ބަދަލުވާން ނަގާނީ ހަމަ ހިނދުކޮޅެއް! "ކުންފަޔަކޫން"
އިއްޒަތު
21 December 2024
ފްލެޓްތަކާއި ގޯއްޗާއި ތިއަލިފާނުގެ ހާދިސާއާއި ގުޅުންހުރި ޝައްކުކުރެވޭ ބައިވަރު ކަންކަން ހިގާފައެބަހުރި!
ރަމަ
21 December 2024
ތި ނޫސްކޮންފަރެންސްގައިނެތް ރައްޔިތުން އިތުބާރުކުރާނެ އެކަކުވެސް ތިބައްދަލުވުމަށްފަހު އަނެއްކާވެސް ރައްޔިތުން ފުލުހުންނަށްކުރާ އިތުބާރު ބޮޑުތަނުންވަނީ ގެއްލިފައި ފްލެޓާއި ގޯއްޗާއި އަލިފާނުގެ ހާދިސާއާއި ގުޅުމެއްވާކަން މިފެންނަކަންކަމުން ޝައްކުކުރެވޭ ގިނަކަންކަން އެބަހުރި!
ދޮނަޅަ
20 December 2024
ތިކަން ނިމިގެންދާނެ ގޮތުގެ ތަސައްވަރެއް މިހާރު ލިބިއްޖެ. މިސަރުކާރަކާ ތިކަމަކާ އެއްވެސް ގުޅުމެއްނެތް. ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލާފަ ފަޒުލްއާއި އޭނާގެ ބޭބެއަކީ މައުސޫމް ބަޔަކަށްވެ އެމީހުން އިހުނަށްވުރެ ގަދަކޮށް ނުކުންނާނެ.
ޔަމްލީ
20 December 2024
ވަގަށް ގޯތި ހޯދި މީހުން ބުނި އެއްޗެއް ދޯ؟؟އެމީހުން ބުނީ ގޯތި ހޯދިޔަސް އަލިފާން ރޯ ނުކުރަމޭ..އެހެންވީމަ ގުޅުމެއް ނެތީތާ..
ދެންބޮޑުވަރު
20 December 2024
ކާކުހޭ ބުނީ ބިންވެރިޔާ ގޯތީގެ މައްސަލައަކާއި ގުޅުމެއް އެބައޮތޭ. ގުޅުމެއް އޮތިއްޔާ އޮންނާނީ ވަގަށް ވިއްކައި ހުސްކުރާ ސުކީމާއި ނޫންތަ!
އިހްސާސް
20 December 2024
ގުޅިގެން ޖަރީމާ ހިންގަނީ ކުރިންވެސް މިހާރުވެސް. ރައީސް މުއިއްޒު ނިކަން ހަމަ ބުއްދިން ވިސްނާބަލަ.
ތަހުގީގު
20 December 2024
ތަހުގީގު ނުނިމެނީސް ތިޔަކަން އެނގުނީ ކިހިނެއް؟