އިންޑިއާގައި އަންހެނަކު ކައިވެނީގެ ހަފްލާއަށް ތައްޔާރުވަނީ: އެ ގައުމުގެ ކުޑަކުދިން ކައިވެނިކުރުވުމުގެ މައްސަލަ ބޮޑު. -- ފޮޓޯ: އޭއެފްޕީ
23 ޑިސެމްބަރ 2024 - 06:36
އިންޑިއާގެ އިރުއުތުރު ސަރަހައްދުގައި، ގާނޫނާ ހިލާފަށް، ކުޑަކުދިންނާ ކައިވެނިކުރުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަންގައި ގާތްގަނޑަކަށް 5،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އާސާމްގެ ޗީފް މިނިސްޓަރު ހިމަންތަ ބިސްވާ ސަރްމާ އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިން ކައިވެނިކުރުން ހުއްޓުވުމަށް ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 5،000 އަށް އރާއިރު ފުލުހުންގެ އެންމެ ފަހު އޮޕަރޭޝަންތަކުގައި ވެސް 416 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މުޖުތަމައުގައި އާންމުވެފައިވާ މި ނުބައި އާދައާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަދިވެސް އަޅަމުން ދާނަން،" ސަރްމާ ވިދާޅުވި އެވެ.
"ކުޑަކުދިންގެ ކައިވެންޏާ ދެކޮޅަށް އާސާމްގައި ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދާނަން."
އިންޑިއާއަކީ ކުޑަކުދިންގެ އާބާދީ 220 މިލިއަނަށްވުރެ ގިނަ ގައުމެއް ނަމަވެސް މި ގަރުނުގައި ކުޑަކުދިންގެ ކައިވެނީގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އާސާމް ސްޓޭޓްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް މީގެ ރެއިޑްތައް ހިންގައި އެތައް ބަޔަކު ހައްޔަރުކުރި އެވެ. އެފަހަރު ކައިވެނިކުރުވާ ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިންނާއި ކައިވެނި ރެޖިސްޓްރީކޮށްދޭ މީހުން ވެސް ހިމެނެ އެވެ.
މިއާ އެކު މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ވަނީ 4،800 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
އިންޑިއާގައި ގާނޫނީ ގޮތުން ކައިވެނީގެ އުމުރަކީ 18 އަހަރު ނަމަވެސް، އެތައް މިލިއަން ކުދިންނެއް ކުޑައިރު ކައިވެނި ކުރަން މަޖުބޫރުވާ ހިސާބަށްދެ އެވެ. އެކަން ގިނައީ ފަގީރު ރަށްފުށުގެ ސަރަހައްދުތަކުގަ އެވެ. މިފަދަ ކައިވެނިތަކުގެ މަގުސަދަކަށް ގިނަ ފަހަރު ވެފައި އޮންނަނީ އާއިލާއަށް ފުދިގެން ދިރިއުޅެވޭނެ ގޮތެއް ހޯދުމާ އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން 2017 ވަނަ އަހަރު ނެރުނު ހުކުމެއްގައި، ކުޑަކުއްޖެއްގެ އުމުރުގެ އަންހެން ކުއްޖަކާ "ކައިވެނިކޮށް" ޖިންސީ ގުޅުން ހިންގުމަކީ ރޭޕްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy