ފުލުހުންތަކެއް ވެހިކަލެއްގައި ހަރަކާތްތެރިވަނީ: ގާނޫނު މާނަކުރާ ގޮތުން ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ބަދަލުވަމުންދާ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ފަނޑިޔާރަކު ވަނީ ވިދާޅުވެފައި --- ފޮޓޯ/މިހާރު
25 ޑިސެމްބަރ 2024 - 15:40
ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ގުނުމުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުން ސަލާމަތްވާ ގޮތަށް ގާނޫނު މާނަކުރަން ފެށުމުން ކުށްވެރިން ސުވަރުގެއަކަށް ރާއްޖެ ބަދަލުވަމުންދާ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި އެ ކޯޓުގެ ފަނޑިޔާރަކު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކާއި ވައްކަމުގެ ތުހުމަތެއްގައި ހައްޔަރުކުރި މީހަކަށް ދައުވާކޮށް، ނ. މަނަދޫ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ އެ ދެ މީހުންގެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. އެއީ ކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނިކޮށް ފުލުހުން އަމިއްލަ އަށް ދޫކޮށްލި ދެ މީހުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ކޯޓުން މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފައިވާ ނަމަ އެ މީހަކަށް 45 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ. ނަމަވެސް ކޯޓުން ނުވަތަ ފުލުހުން އަމިއްލައަށް ދޫކޮށްލާފައިވާ މީހެއް ނަމަ ދައުވާ ކުރުމަށްޓަކައި 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އެކަމަކު މަނަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމީ އެ ދެ މީހުން ބަންދުކުރަން ކޯޓުން އަމުރު ކޮށްފައި އޮތުމުން ދައުވާ ކުރަން ޖެހޭނީ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެ ދެ މީހުން ފުލުހުން އަމިއްލަ އަށް ދޫކޮށްލާފައިވާތީ ދައުވާ ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށް ބުނެ އެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވަނީ ގާނޫނު މާނަކުރަން ޖެހޭނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޝަރީއަތް ނުކުރެވޭ ގޮތަށް ނޫން ކަމަށެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވާ ގޮތަށް ތަރުޖަމާ ކުރަން ފެށުމުން ކުށްވެރިންގެ ސުވަރުގެއަށް ބަދަލުވަމުންދާ ކަމަށް އެ ރައުޔުގައިވެ އެވެ.
"ތުހުމަތުވާ މީހުންގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ތަރުޖަމާއެއް ދޭން ފެށުމަކީ މި ގާނޫނު އައުމުގެ ކުރިން އޮތް ހާލަތަށް ވުރެ ގޯސް ހާލަތަކަށް ދިއުމެވެ. ނަތީޖާއަކީ މަޑުމަޑުން ނަމަވެސް ބަލަން ތިއްބާ ކުށްކުރާ މީހުންގެ ސުވަރުގެއަކަށް މި ރާއްޖެ މި ދަނީ ބަދަލުވަމުންނެވެ،" ފަނޑިޔާރު ނިޔާޒް ލިޔުއްވާފައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވާ ގޮތުން އޭގެ ތެރެއިން އެއް މައްސަލަ ދަށު ކޯޓުން ބަލައިނުގަތީ މުއްދަތަށް ވުރެ އެއް ދުވަސް ލަސްވި ކަމަށް ބުނެ ކަމަށް ވާއިރު، ވައްކަމުގެ މައްސަލާގައި ގެއްލުނު މުދަލުގެ ވެރިފަރާތުގެ ހައްގުތަކަށް ވެސް ވިސްނުމަކީ ފަނޑިޔާރުން ކުރަން ޖެހޭ ކަމެކެވެ.
އެ މައްސަލާގައި ތުހުމަތުވި ދެ މީހުން ވެސް ބަންދުން ދޫކޮށްލީ ފުލުހުން އަމިއްލައަށް ކަމަށް ވާތީ އެ މީހުންނަށް ދައުވާ ކުރުމަށްޓަކައި 60 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ. ނަމަވެސް ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ ރައުޔަކީ ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެ މައްސަލާގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ވެސް އެ މައްސަލާގައި ގާނޫނީ ބަހުސެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެ، ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
26 December 2024
ބަލަ ކުށްވެރިންގެ ސުވަރުގެއަށް މި ގައުމު ހެދީ ހަމަ ތި ފަނޑިޔާރުންތައް، ވަަކަށް ނެތް، ވެނިމިއްޖެ.
ހޮޓްކިންގ
26 December 2024
ސުވަރުގެއަށްދޯ ބަަލުވާނީ ސިޔާސީ ބިޔަ މަގާމުތަކުގައި ގޭންގ ބޮޑުން ތިބީ.
ޙަބީބު.
26 December 2024
ރާއްޖޭގެ ވެރިކަމުގަވެސް ހުރީ ކުއްވެރިޔެއް އެނގޭއެއްޗެއް ނޭނގޭކަމައް ހަދާފަ އެހުންނަނީ މިރާއްޖެޔަކީ ފަތުރުވެރިކަން ފުޅާވަމުންގޮސް ރައްޔިތުން ނުހަނު އުފަލާއެކު ވެރިންގެ ފައިބުޑައް ސަލާންޖަހަން ހަރުގެ ޖަލްސާތަކައް ނުގޮސް ބިންގަނެގެން އުޅެވެންއޮތް ގައުމެއް ނަަމަވެސް ވެރިން ރައްޔިތުން ކަރުގަހިފާ ފިއްތާފަ ދައުލަތުގެ އާމްދަނީ ވަކިބަޔަކައް ބަހާތީ ދިވެހިން ހާލުގަޖެހި ކުށައް އަރައިގަންނަނީ
ބަގު
26 December 2024
ޖިނާއީ އިޖުރާތުގެ ޤާނޫނު ހެދީ ޕީ.ޕީއެމް ވެރިކަމުގައި އެމީހުންގެ އަގުލަބިއްޔަތު އޮތް މަޖިލީހަކުން މިކަމަކީ އެޕާޓީގެ ބޮޑެތި ވަގުން ނަށް ފިޔަވަޅެއް ނޭޅި އިތުރަށް ކުރިއަރާ ދިއުމަށް ހަދާފައިވާ ގާނޫނެއް.
އަލީބެ
26 December 2024
ދިވެހިންނަށް ކުރެވުނު ނުބައިހީއަކީ ބޮޑުމުސާރަ ދިނީމަ ފަނޑިޔާރުން ތެދުވެރި ވާނޭ.
ކޮން
26 December 2024
މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރެއްގެ 5 އަހަރުގެ ދައުރެއް ނިމިއްޖެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރެއްގެ 5 އަހަރުގެ ދައުރު މިދަނީ ކުރިއަށް. ތިކަހަލަ ސީރިއަސް މައްސަލައަކާ އުޅޭތަނެއް ނުފެނޭ. ބަލަނީ އެބަޔަކަށް ފައިދާވާ ގޮތަކަށް ގާނޫނުތައް ބަދަލު ކުރެވޭތޯ.
ވީނާން
26 December 2024
ރާއްޖެއަކީ ނާގާބިލް ސިޔާސީންގެ ސުވަރުގެ. ކިޔަވައިގެން ތިބި އަޚްލާގު ރަނގަޅު މީހުންގެ އަގުނުކުރާ ތަނެއްމީ.
ދަގޭ
26 December 2024
ކުއްވެރިންގެ ސުވަރުގެ އަކަށް އަދި ކޮރަޕްޝަންގެ ސުވަރުގެ އަކަށް ވެ ނިމިފަ ވަނީ ވާހަކާށް ދެން ނެތް.
އިޖުރާއު ބިން އަދުލު
26 December 2024
މި މައްސަލައިގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނު މުރާޖައާކޮށް، ވަކިން ހާއްސަކޮށް މިފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތައް އަމަލީ ހަގީގަތާ އެއްގޮތަށް އެކަން ކުރެވޭނެ މުއްދަތެއްތޯ ކަށަވަރު ކުރަން އެބަޖެހޭކަން ހާމަވޭ، މީގެ އިތުރުން އިޖުރާއީ ގޮތުން ތަބާވުމާއި އަދުލުވެރިވުމުގެ ބެލެންސްއާ ބެހޭ ގޮތުން ޝަރުއީ ތަމްރީނު ދިނުމަކީ ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެއް.
ސަނަމް
26 December 2024
ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ހެދީ 2018 އިން 2023 އަށް.ވެރިކަން ކުރި ވެރިން. ބަޔަކަށް އޮޅުނަސް ވިސްނާ ފިކުރުކުރި ކޮންމެ ބުއްދިއަކަށް މިޙަޤީޤަތް ވިސްނޭނެ. ގެގޭނެ.