31 ޑިސެމްބަރ 2024 - 11:44
އާ އަހަރު ފެށުން ފާހަގަކުރުމަށް ފުޑް ފެސްޓިވަލަކާ އެކު، ހުޅުމާލޭގައި މިރޭ ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި މިރެ އާއި މާދަމާ ހަވީރާއި މާދަމާ ރޭ ސެންޓްރަލް ޕާކްގައި އެ ހަރަކާތް ބާއްވާއިރު، އާ އަހަރު ފެށުން ފާހަގަކުރުމަށް ހާއްސަ ޑްރޯން ޝޯއަކާއި ހަވާ އެރުވުން މިރޭ އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ފުޑް ފެސްޓިވަލް ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ. އެއާ އެކު، ރާއްޖެ އަށް ޓޫރިސްޓަކު ކުރާ ދަތުރު ޑްރޯން ޝޯއެއްގެ އައިޓަމަކުން ގެނެސްދޭން އެމްއެމްޕީއާރުސީން ވަނީ ނިންމައިފަ އެވެ. ފުޑް ފެސްޓިވަލްގައި މިރޭ ދެން އޮންނާނީ ބޮޑުބެރުގެ އައިޓަމްތަކާއި ދަފި ނެގުން ފަދަ ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކާލުމެވެ. އާ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި ހަވާ އެރުވުން އޮންނާނީ މިރޭ 12 ޖަހާއިރު އެވެ.
ފުޑް ފެސްޓިވަލް އޮންނާނީ މިރޭގެ އިތުރުން މާދަމާގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. އާއިލާތަކަށް ހާއްސަ ކޮށްގެން ފެސްޓިވަލް ކުރިއަށް ގެންދާއިރު، ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ހުންނާނެ އެވެ. އަދި ފުލުހުންނާއި ފަޔާ ޓްރަކްގެ ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް ހުންނާނެ ކަމަށް އެމްއެމްޕއާރުސީން ބުންޏެވެ.
"މީގެ އިތުރުން ބޮޑުބެރު ހުށަހެޅުންތަކާއި ފޯރިގަދަ ރޮބޯމޭން ޝޯކޭސް އެއް ވެސް ކުރިއަށް ދާނެ އެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގައި ވެ އެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އެ ފެސްޓިވަލަކީ ޓޫރިސްޓުންނާއި އާއްމުންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ރާވާ ހަރަކާތެއް ކަމަށެވެ.
"މި ހަރަކާތުގައި މި އަހަރު ރާއްޖޭގެ ކާމިޔާބީތައް ފާހަގަކުރުމާއި ރާއްޖޭގެ ތަފާތު ސަގާފީ ތަރިކަ ޕްރޮމޯޓް ކުރާނެ. މިއީ ދިވެހިންނާއި ފަތުރުވެރިންނަށް އާ ތަޖުރިބާއެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް. މިކަމުގައި ބައިވެރިވުމަށް އަޅުގަނޑުމެން އެންމެންނަށް ދައުވަތު އަރުވަން،" އޭނާ ވިދާޅުވި އެވެ.
ފުޑް ފެސްޓިވަލާއި އާ އަހަރު ފެށުމާ ގުޅުން ހުރި އެހެނިހެން ހަރަކާތްތައް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޑީސީ އާއި މައި ހުޅުމާލެ އާއި ބީސީސީ އާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާއި ސިފައިންނާއި ފުލުހުންނާއި ޕީއެސްއެމާއި އެމްއޭސީއެލާއި ދިރާގާއި އުރީދު އާއި މަންޓާ އެއާ އާއި މޯލްޑިވިއަން އެއާލައިނާއި އޭސް ޓްރެވެލްސް އަދި ގަލްފް އެއާއާ ގުޅިގެން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަެބެ
01 January 2025
މިހަރަކީ, ރައިސްގެ ޓީމް ވައްކަން ކުރުން މަދު އަހަރަކަށް ހައްދަވާ, އަދި ދޮގުހެދުންވެސް މަދު ކުރެވޭތޯ ބަލާދީ. 2025 މަރުހަބާ.
ސަމޭދާ
31 December 2024
ކަލޯ ވަރަށް މޫސުން ގޯސް ކަމަށް ދައްކަނީ…
އާދަނު33
31 December 2024
އުފާވެރި އައުއަހަރުގެ ތަހުނިޔާ ދަންނަވަން. happy new year 2025
އަހުމަދު255
31 December 2024
އަހަރުމެންގެ އާސަންދަ ކަނޑާފަ މިމީހުން ފައިސާ އިސްރާފުކުރަނީ... ވަރަށް ފޭުހިވެ މިސަރުކާރުދެކެ މިހާރު.
ޜާއްޖެ
31 December 2024
ކާކުގެ ކޮން އާސަންދަ އެއް ކެނޑީ؟
އަސްލީ
31 December 2024
ރައްޔިތުންގެ އަތްމަތި ދަތިވެ ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ނެތިގެން އުޅޭ އިރު މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތި ކުރާ ބޭކާރު ހަރަކާތް ކުށްވެރިކުރަން. ތިފަދަ ކަންކަން ކުރާނީ ރައްޔިތުންގެ ބޭސިކް ނީޑްސް ފުއްދާފަ އޭގެ ފަހުން.
މުލޭ
31 December 2024
ރައްޔިތުންގެ އަތްމަތި ދަތިކަމެއް ނުފެނޭ އެއްވެސް ދިމާލަކުން. ތިޔާގިކަމުގެ ކުލަވަރު ހުރިހާ ދިމާލަކުން ވެސް ފެންނަނީ. ހަމައެކަނި ބުނެލާ ބުނެލުމަކުން އަތްމަތި ދަތީ.