ނިލަންދުއަށް މިއަދު ހެނދުނު ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި. -- ފޭސްބުކް ފޮޓޯ | އަހުމަދު ސައީދު
03 ޖެނުއަރީ 2025 - 23:22
ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށް ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީއަށް މިރޭ 8:30 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކާ ހަވާލާދީ ނެރުނު މައުލޫމާތުތަކުގައި ބުނީ ރަށްތަކުގެ ތެރެއިން ނިލަންދޫގެ 80 ޕަސެންޓް ފެންބޮޑުވި ކަމަށެވެ. އަދި ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި ކަމަށް އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވެ އެވެ.
ނިލަންދޫ ކައުންސިލުން ބުނީ މެދުނުކެނޑި އަށެއްކަ ގަޑިއިރުވަންދެން ވެހުނު ވާރޭގައި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވިއަސް މިހާރު އާއްމު ހާލަތަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެކަމަކު، ދެ ވަނައަށް އެންމެ ގެއްލުން ލިބުނު ހިންމަފުށީ ކައުންސިލުން ބުނީ އަދި ވެސް އެއްކޮށް ފެންގަނޑު ނުހިންދޭ ކަމަށެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ހެނދުނު 6:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް ކުރި ވިއްސާރައިގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. މިއީ، ފަހުގެ ތާރީހެއްގައި ވިއްސާރައަކުން ރަށަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރަށުގެ އެކި ހިސާބުތަކުގައި ދެ ފޫޓަށް ފެންބޮޑުވި ކަމަށެވެ. އެކަމަކު، ކޯރު ކަނޑައިގެން ފެން ބޭރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އާއްމު ހާލަތަށް ބަދަލުކުރެވިއްޖެ މިރޭ 8:00 ހާއިރު. އެކަމަކު ލިބުނު ގެއްލުންތައް އަދި ސާފެއް ނުވޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނިލަންދޫގައި ފެންބޮޑުވެފައި.- ފޭސްބުކް ފޮޓޯ: އަހުމަދު ސައީދު
އެންޑީއެމްއޭއިން ބުނީ އުދަ އަރައިގެން ދެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ށ. ނަރުދޫ އަދި ރ. އިނގުރައިދު އެވެ.
ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވަނީ ނިލަންދޫގެ އިތުރުން މަގޫދު އާއި ފީއައްޔާއި ކ. ގުރައިދު އާއި ހިންމަފުއްޓާއި އދ. މާމިގިއްޔާއި ދ. ކުޑަހުވަދޫގެ އިތުރުން މީދޫ އެވެ. އެ ރަށްރަށުގައި ވެސް ގޭގެއަށް ފެން ވަދެ ގެއްލުންތައް ލިބިފައިވެ އެވެ.
މި ރަށްތަކުގެ ތެރެއިން ހިންމަފުށީގެ 60 ޕަސެންޓުގައި ފެންބޮޑުވެ، ނަޖިސް ލީކުވުމާއި ބައެއް ހިސާބުތަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް، ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުންޏެވެ.
ކައުންސިލްގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށުގެ އެއް ދިމާލަކުން ކޯރު ކަނޑައި، ވަރަށް ބޮޑަށް ފެން ހިންދާފައިވާ ކަމަށެވެ. އިތުރު ކޯރެއް ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް އެއްކޮށް މައްސަލަ ހައްލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ފެންބޮޑުވެފައިވާތީ އިރުއޮއްސި 6:30 އިން ފެށިގެން ރަށުގެ އެކި ހިސާބުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އަދިވެސް ހުރިހާ ހިސާބުތަކަށް އެއްކޮށް ކަރަންޓެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯވީ
04 January 2025
ޢެންމެ ބޮޑު ގެއްލުން އެއީ އަރަތަކައް ވެއްޖެ.
ނިލަންދޫ
04 January 2025
ނިލަންދޫ މީހުން ބޭނުންވީ އެއަރ ޕޯޓެއް، ރަށް ހަލާކުކޮށްފަ ފެންބޮޑުވިޔަސް ވަރިހަމަ އެމީހުންނަށް! ސިޔާސީން ބުނާ ކޮންމެ ކަމަކަށް ނޫނެކޭ ބުނަން ކެރެން އެބަޖެހޭ!އެއީ ރަށަށް ގެއްލުން ލިބޭ ކަމެއް ކަމުގައި ވާނަމަ
ޞޮޑާ
04 January 2025
ކުދި ކުދި ރައްރަށުގާ އިންޖީނުލީ ދުއްވާ އުޅަނދު ގިނަވެ ފަސްގަނޑު ދަނީ ހަރުވަމުން، ދިވެހިންގެ ރީތިރައްތައް އަމިއްލައަށް ހަލާކުކުރަނީ!
ރަށު ކައުންސިލް
03 January 2025
ކުދި ކުދި ރައްރަށުގައި މިހާ ފަސޭހައިން ފެން ބޮޑުވަނީ ނުކިޔަވާ ތިބި ބަޔަކަށް ރަށް ތަރައްގީ ކުރަން ހަވާލު ކޮށްގެން
ޝޭމް
04 January 2025
ދެން މާލޭގަ މިހާ ފަސޭހައިން ފެން ބޮޑުވަނީ ކިޔަވައިގެންތިބި ބޭފުޅުން ގިނަކަމުން؟؟؟
ގެގުރި
04 January 2025
ނުކިޔަވާތިބި ބަޔަކަށް ރަށް ތަރައްގީ ކުރަން ހަވާލުކުރި ކިޔަވާފަތިބި މީހުންގެ މައްސަލަތިއީ
ވަހީދުބެ
04 January 2025
ކިޔަވައިގެން ތިބި މީހުން އުޅެނީ ވޯޓުން ހޮވޭ ޖޮބަށް ކުރިމަތިލާން ބިރުން... 5400 ރުފިޔާގެ އެޑްމިން ޖޮބެއްގައި އުމުރު ނަގާލަން ވިސްނައިގެން ތިބެނީ!