06 ޖެނުއަރީ 2025 - 11:19
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު ފެނުނު 1.4 މިލިއަން ރުފިޔާއާ އަމިއްލަ ކުންފުންޏަކުން ހަވާލުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ވަނީ 1.4 މިލިއަނެއްހާ ރުފިޔާ ފެނިފަ އެވެ. އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ ފައިސާގެ އަދަދު "މިހާރު" އިން ރޭ ފެންމަތި ކުރުމާ އެކު، މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ "ރިލެކްސް ފެރީ ސާވިސް" ނަމަކަށް ކިޔާ ކުންފުންޏަކުން ވަނީ އެ ފައިސާއާ ހަލުވެފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ އެވެ.
ރިލެކްސް ފެރީ ސާވިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ މުއާމަލާތް ކުރެވި ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އެ މަސައްކަތުގެ ފެންވަރު ރަނގަޅުކަމުން މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާ ކުރުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަޒުލް ވެސް މިއަދު ވަނީ ރިލެކްސް ފެރީ ސާވިސްގެ ފޭސްބުކް މެސެޖު ރީޕޯސްޓް ކުރައްވައިފަ އެވެ.
ފަޒުލްގެ މައްޗަށް މި ތަހުގީގުގައި ކުރަނީ ސީދާ ކޮން ތުހުމަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ފައިސާއާ ގުޅުވައިގެން ކުރާ ތުހުމަތެއް ވެސް އަދި ނޭނގެ އެވެ.
ފުލުހުން ވެސް އެ ފައިސާގެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނާނާ
08 January 2025
ތިވާނީ މައްސަލަ އޮއްބާލަން ކޮންމެވެސް ބާރުވެރި ފަރާތަކަށް ތައްޔާރުކޮށްފައިހުރި ދަބަހެއްކަން. ތިޔަކަހަލަ ދަބަހެއްގެ ވަހަކަ ކުރީގެ މެމްބަރެއްވެސް ދެއްކެވި.
މަނީ
08 January 2025
ޑްރާމާ ކުޅެން އުޅުނަސް ބޮޑުވަރު. މިއުޅެނީކީ 80ގެ އަހަރުތަކުގެ ތެރޭގައެއްނޫން. ރިލެކްސް ފެރީ ސަރވިސަސްވެސް އަމިއްލައަށް އަނދަވަޅެއް ތިޔަކޮނެވުނީ. މިޒަމާނުގައި ލޯންޗެއްބަންނަން މިލިއަނުން ނަގުދުފައިސާ އެއްވެސް ކުންފުންޏަކުން އެއްފަހަރާދޭތަ. ފަޒުލްގެ ލޯންޗުބަންނަ ކުންފުނީގައި ލޯންޗުގެ އޯޑަރުތައް 2030އާއި ހިސާބަށް ކިއުޖެހިފައިހުރީތަ؟ މިއިންޑަސްޓްރީގައި ދެންތިބީ ބޯބިނދިފައިތިބި ބައެއްތަ؟ ނޫނީ ތަހުގީގުގެ އިދާރާތަކުގައިތިބީ ގަމާރުބައެއްތަ.
ހ. ހުސައިން
07 January 2025
ކުންފުނީގެ ފައިނޭޝަލް ސްޓޭޓްމަންޓުން މިކަން ސާބިތުވާނެތޯ؟ އެހެނީ ކުންފުނިން އެހާގިނަ ފައިސާ އެޑްވާންސްކޮށް ދީފައިވާނަމަ އެކަން ކުންފުނީގެ ފައިނޭޝަލުން ފެންނާންޖެހޭނެ. ވަކި ސާރވިސްއަކާ ގުޅުވައިގެން އެޑްވާންސެއް ދީފައިވާނަމަ އެ އެޑްވާންސް ލިބުނު ކުންފުނިން ޖީ.އެސް.ޓީވެސް ދައްކައިފައި އޮންނާންވާނެ. މީރާއިން މިކަން ބަލާ ފުލުހުންގެ ޓީމަށް އެހީތެރި ވާންޖެހޭނެ.
މުޅިންވެސް ފޭކް ސްޓޯރީސް
07 January 2025
އެބުނާ ލޯންޗް ދުއްވާ ކުންފުނިން ހުޅުމާލޭ އިން ބިމެއް ގަނެފަ އޮތުންވެސް އެ ހަމަ އިއްތިފާޤެއް
މައިހޯ
07 January 2025
އިންޑިޔާގައި މިގޮތަށް ދަބަސްތަކަށް ފައިސާ އަޅަފައި ފޮރުވާފައި ބެހެއްޓުމަކީ ވަރަށް ބޮޑު ކުށެއް، އިންކަމްސް ޓެކްސް އޮފިސަރުން އައިސް ހޭއަރުވާލާ އެފަދަ މީހަކު .
އަފްރާސިޔާބު
07 January 2025
އަދި ތިހެން ހަވާލުވުމަކުން ނުފުދޭނެ. ތިޔަ ލޯންޗް ސެކްސަނަށް އެފައިސާ ލިބުނު ގޮތެއްވެސް ސާފުކޮށްދޭން ޖެހޭނެ. ބުނެވޭ ގޮތުގައި ޑްރަގް ޓްރެފިކް ކުރުމުގައިވެސް ލޯންޗް ފަހަރު ބައިވެރިވޭ. ބޯޓްފަހަރުން ގެނެސް ރާއްޖެއާ ވަކިހިސާބަލަށް ކައިރިވީމާ ލޯންޗް ފަހަރުގައި ގޮސްނަގައިގެން ރާއްޖެއަށް އެތެރެ ކުރަނީ. ދެންތީ ލޯންޗް ދުއްވައިގެން ލިބުނު ފައިސާނަމަ ބިލާއި ހެދުމާއި ޚަރަދުކުރާ ގޮތްވެސް ބަލައި ޓެކްހަށް މަކަރުހަދާފައިވޭތޯވެސް ބެލޭނެ.
ގުރަހަ
06 January 2025
ޢެހާ ބައިވަރު ނަގުދު ފައިސާ؟؟؟؟؟ މަމެން އެންމެ އާދައިގެ މީހުންވެސް މީހަކަށް ކޭޝް ނުދެން..
ވަކީލްް
06 January 2025
ފުލުުުހުން ރަނގަޅަށް ތަހުގީގު ކޮށްފިނަމަ ލޯންޗު ކުންފުނި އަދި ފަޒުލްވެސް ސަލާމަތެއް ނުވާނެ. ސަރުކާރާ ގުޅިގެން ޖަހާ ސަކަރާތަކަށްވުންވެސް އެކަށީގެންވޭ.
ފޭކް ގެ ފޭކް
06 January 2025
ސަޅިއޭ ސަޅިއޭ. ތިގޮތަށް ޑްރަގް ގޭންގްތަކުންވެސް ކަންކުރޭ. އަޅެ މިއޮއްފަދަ ޒަމާނުގަ އެއް ކުންފުނިން އަނެއް ކުންފުންޏާ ވިޔަފާރި މުޢާމަލާތް ކުރޭތަ ނަގުދު ފައިސާއިން . އެވެސް މިލިއަނުން . އަދި ގޭގަ ދަބަހެއްގަ ބަހައްޓާފަ. ބޭންކަށް އިތުބާރު ނުކުރެވޭތީ ކަމަށްވާނީ
އެކްސިް
06 January 2025
ވަރަށް މަނީ ލޯންޑަރިންގް އާ ވައްތަރު. ކޮބާ އެފްއައިޔޫ.