މަރުވާ މީހުން ވަޅުލުމަށް ހުޅުމާލެ ސަހަރާގައި ވަޅު ކޮންނަނީ: ބިމު އަޑިން ފެންގަނޑު ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މިހާރު ވަނީ މެދުކަނޑާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 ޖެނުއަރީ 2025 - 13:59
މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރަ އަށް ފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގެ ފެންފަށަލާގައި، 8 އިންޗި އާއި 9 އިންޗިއާ ދެމެދު މިންވަރަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ، ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ.
އެހެންވެ، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މިގޮތަށް ދިމާވުމުން މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލާން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައި ވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ދަންނަވަމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
ހުޅުމާލެ ސަހަރާގައި މީހަކު ވަޅުލަން ކޮނެފައި އޮތް ވަޅެއް: ސަހަރާގެ ބިމުގެ ވަރަށް މައްޗާ ހަމައަށް ފެންގަނޑު ހުރީ ހަރުލައިފައި.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.
އެ މައްސަލަ ހައްލުކުރަން ހުޅުމާލެ ސަހަރާގައި ވޯޓާ ޑްރެއިނިން ސިސްޓަމެއް ގާއިމްކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ސިޓީ ކައުންސިލުން ނިންމިޔަސް، މިހާތަނަށް އެ މަސައްކަތް ފަށައިފައި ނުވެ އެވެ.
އެ މަސައްކަތް ނުފެށި އޮތް ސަބަބެއް އެނގޭ ގޮތެއް އަދި ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
07 January 2025
ގުދުރަތީ ނިޒާމު ތަކާ އިންސާނުން އުފައްދާ ނިޒާމު ތަކާ ހާދަހާ ތަފާތޭ ދޯ، އިންސާނާ މީ މާމޮޅު މާިހެއް ކަމަށް ހެދި މޭފުޅާކޮށް، ބޭރުން ކިތަންމެ އޮފެއްއަރުވާފަ ކަންކަން ކުރިޔަސް ގުދުރަތީ ނިޒާމުގައި ފޮރުވިފައިވާ ފައިދާހުރި ހާދަކަންކަމެއް ވެޔޭ.
ދޮން އަލީ
07 January 2025
ކޮބާ ސިފައިން ނެރެގެން ޕަންޕް ޖަހާލެވޭކަށް ނެތް؟ މައްޔިތުންނަށް މިހެން ހަދަން ހެޔޮވާނެ؟ ކޮބަ އެއްކަލަ ޝަހީމް އޭނަގެ ބަހެއް ނެތްތަ؟
ޕަންޕު
07 January 2025
ބިރު ވެރި...