ސްރީ ލަންކާގެ ހަރުކަށި ހާމުދުރު، ގަލަގޯޑައްޓޭ ގްނާސަރާ
13 ޖެނުއަރީ 2025 - 11:00
ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އަރިސް، ހަރުކަށި ފިކުރުގެ ހާމުދުރެއް ކަމަށްވާ ގަލަގޯޑައްޓޭ ގްނާސަރާ އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނީ ހަމަނުޖެހުން އުފެއްދުމުގެ ކުށުގައި ނުވަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ގަލަގޯޑައްޓޭގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުރާސްފަތި ދުވަހު ހުކުމްކުރީ 2016 ވަނަ އަހަރު އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ސްރީ ލަންކާގައި ބުޑިސްޓުންގެ މައްޗަށް ދީނީ މައްސަލަތަކުގައި ކުށް ސާބިތުވަނީ ވަރަށް މަދުން ނަމަވެސް މިއީ ނަފްރަތުގެ ކުށްތަކާއި މުސްލިމުންނާ ދެކޮޅު ހަމަނުޖެހުންތައް ތަކުރާރުކޮށް ހިންގަމުން އަންނަ ގަލަގޯޑައްޓޭ ޖަލަށްލި ދެވަނަ ފަހަރެވެ.
ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވީ ބިރުދެއްކުމާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް 2019 ވަނަ އަހަރު ރައީސް މާފު ދީ ދޫކޮށްލާފައި ވަނިކޮށެވެ.
ގަލަގޯޑައްޓޭ 2016 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް އެތައް ވާހަކައެއް ދެއްކި ކަމަށް ބުނެ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ބުނީ ވަކި ދީނެއްގެ މީހަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ގާނޫނުއަސާސީން ވަނީ ދީނީ މިނިވަންކަން ފުރިހަމައަށް ދީފައި ކަމަށެވެ.
މީގެއިތުރުން 1،500 ސްރީ ލަންކާ ރުޕީސް (5 ޑޮލަރު) އިން ޖޫރިމަނާ ކުރި އެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ އިތުރު އެއް މަސް ދުވަހުގެ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ހުކުމް ގަލަގޯޑައްޓޭ ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އިސްތިއުނާފުގެ މައްސަލާގައި އެންމެ ފަހުގެ ހުކުމެއް އިއްވަންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ވަކީލުން އެދުމުން ކޯޓުން ވަނީ އެކަން ބަލައިނުގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
13 January 2025
ލަދުކުޑަމީހާ އަދިވެސް ހައްގަށް ރުޖޫއަވާކަށްނުވޭތަ؟
ގަހުވަ ތަށި
13 January 2025
ޖުރިމަނާ 5 ޑޮލަރު؟ މަށަށް ފެންނަނީ ތި 5 ޑޮލަރު 5 އަހަރަށް ބަހާލައިގެން ދައްކަން. ތިހާ ބޮޑު އަދަދެއް ކިހިނެތް އެއްފަހަރާ ދައްކާނީ؟؟
ޙަަމުދހުރު
13 January 2025
ދޮގެވާނޫން