އާސަންދަ ސްކީމްގެ ހިދުމަތް ދިނުމަށް ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އާސަންދަ
15 ޖެނުއަރީ 2025 - 11:47
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން މިއަދު ފަށައިފި އެވެ.
އާސަންދަގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާ އެކުގަ އެވެ.
އާސަންދައިން މިއަދު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެއްގައި ބުނީ މި ވަގުތު ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުން އެކަނި ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ، ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓްކުރުމުގެ ހުއްދަ އެ ގައުމުގައި ދޭތީ ކަމަށް އާސަންދައިން ބުންޏެވެ.
"... ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުން ދާ ފަރާތްތަކަށެވެ،" ޔޫއޭއީ އާއި ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމުން އާސަންދައިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ މިހާތަނަށް އާސަންދަ އަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު، މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން މަގުފަހިވާނެ ކަމަށް ބުންޏެވެ.
ފަރުވާއަށް ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުން ކަމަށް ވެސް އާސައިންދައިން ބުންޏެވެ.
"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެ ފަރާތެއްގެ ބަލި ހަލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާ އެކު، ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އާސަންދައިން ބުނީ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފޮނުވާނީ މިހާރު ވެސް އެ ސްކީމްގެ ދަށުން އިންޑިއާ އާއި ސްރީ ލަންކާއަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށެވެ.
އާސަންދައިގެ އުސޫލުގެ ދަށުން މިހާރު ވެސް އެހެން ގައުމުތަކަށް ބޭސްފަރުވާއަށް ދާއިރު ދޭ ފަރުވާގެ ހަރަދާއި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއިންބުއިމުގެ ހަރަދު ވެސް ލިބޭނެ އެވެ. އަދި ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދާ ބަލި މީހާގެ އިތުރުން ޑޯނާ އަށް ވެސް ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދޭނެ އެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބަލިތަކަށް ވެސް އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.
ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭރު ރައީސް ވިދާޅުވީ އާސަންދަ އަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ވާން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި ރައީސް އެވެ.
އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފަ އެވެ. އޭގެ ތެރެއިން، މިހާތަނަށް ފަރުވާއަށް ފޮނުވަމުން ދިޔައީ ލަންކާ އަދި އިންޑިއާއަށެވެ. އެއީ ލަންކާގެ އަށް ހޮސްޕިޓަލާއި އިންޑިއާގެ 49 ހޮސްޕިޓަލަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާބެ
29 January 2025
ތީ ސަރުކާރުގެ ބޮޑެތި މީހުން އަދި އާއިލާ ވަކިބޭނުމެއްގައި ކޮއްގެން އުޅޭ ކަމެއް. ނިކަމެތި މީހާ އަށް ނިކަމެތިގޮތް.
އަލްޖިބްރރާ
16 January 2025
މާދަން ބުނެފާނެ ޔޫކޭ އަދި އެމެރިކާއިން އާސަންދަ ލިބޭގޮތް ހަދަނީއޭ. ގަވާއިދު ނިކުންނައިރު އޮންނާނީ އާސަންދަ ލިބޭނީ ހަށިގަނޑުގެ ކަށިތައް އެކީފުނޑި ތަނެއްދޮރެއް ވަކިނުވީމައޭ.
އެކަލޯ1
16 January 2025
ގާތްމީހުންނަށް ޗުއްޓީހޭދަކޮށްލަން ތި ތަންތަނަށް ފޮނުވުމުގެ ބަދަލުގައި އާސަންދައިން ބޭސްލިބޭނެގޮތް ހެދުން މާ އައުލާކަން ބޮޑު.
ކުޑައަހައްމދު
15 January 2025
އަޑަށް ބާރުލާފަ ބުނެލިގޮތުން އަހަރެން ހީކުރީ އިންޑިއާއަށް ނުފޮނުވާ ބެންކޮކަށާ ޔޫއޭއީ އަށް ފޮނުވަނިއްޔޭ. އެންމެ ފަހުން މިޖެހުނީ ކޮންތާކު؟ ކަނޑާ ފޮންޏަކާ އަމަލަކާ ދިމާލެއް ނުވޭ
އާސަންދަ
15 January 2025
ކޮންއިރަކުން ބާ އިންޑިއާގެ ބެންގަލޫރުން ހިދުމަތް ފެށޭ ވަރުވާނީ؟ ބެންގަލޫރުން ކެންސަރަށް ފަރުވާ ނަގަމުން އަންނަ މީހުން ގޮތް ހުސްވެފަ. ހުރިހާ ރަގަޅު ހޮސްޕިޓަލަކުން ހިދުމަތް ކަނޑާލާފަ. މޮޅެތި ސުރުހީ ހަދަން ނޫޅޭ ކެންސަރު ބަލި މީހުންނަށްވެސް ރަގަޅު ހިދުމަތް ދީބަލަ. އަހަރުން ބޭނުމީ އިންޑިއާގެ ބޭސް ފަރުވާ
ރާވެރިބެ
15 January 2025
ރައީސް އެންމެ ފުރަތަމަ ތައިލެންޑާ ޔޫއޭއީ އަށް ބޭހަށް އާސަންދައިގެ ދަށުން ފޮނުވާނަމޭ ކިޔާ އިއުލާން ކުރި އިރު ނުބުނޭ އެއީ ވަކިކަހަލަ ފަރުވާ އަކަށޭ. މިއަދު މިޚަބަރާ ޖެހިގެން އޮތް އާރޓޮކަލްގަ އޮތީ ޔޫއޭއަށް ފޮނުވާނީ ހަމަ އެކަނި "ކިޑްނީ ޓްރާންސްޕްލާންޓަ" ށޯ! ނޭގޭ ދެން ބެންކޮކަށް ފޮނުވާނީ ކޮން ބައެއްތޯ! އެހެންވީމަ މީ ބޮޑު އޮޅުވާލުމަކަށް ނުވޭބާ؟ ފުރަތަމަ މީހުންނަށް ހީވާނީ ފަރުވާ މޮޅުކޮށްލަން މިތަންތަނަށް ފޮނުވަނީ ކަމަށް. މިހާރު ޢާސަންދަ ކަޑަމުންދަނީ.
ހައްޖަ.
15 January 2025
ތީހަމަ ލޮލުގަ އެޅުވި އަނދުނެއް.އެބޭފުޅުބް ބޭނުން ވާ ބަޔަކު ފޮނުވާނީ.ދެރަމީހުނަށް ދެރަ ގޮއި.
ބުރަތޭރީ
15 January 2025
ރާްއްޖޭގެ އަލަށް ހަދާ ކްލިނިކްތަކާ، ފާމަސީތަށް އެމްޕެނަލް ކުރުން ހުއްޓާލުމަށްފަހު، ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކެއް އެމްޕެނަލް މިކުރަނީ ، ރާއްޖޭން ބޭރުން ފަރުވާކުރުމަށް ހިތްވަރު ދިނުމަށްތޯ...މިގޮތަށް މިކަންކުރުން ބަލައެއްނުގަނެވޭ.
އަލީ މާލެ
16 January 2025
ބަލަ ޔޫއޭއީގައި އުޅޭ ދިވެހި ރައްޔަތު މީހާގެ ބޭސްފަރުވާކޮބާ؟ އެކަމަށް ސަލާން ޖަހަންވަނީ؟ ރައީސްގެ ވައުދު ފުޅުގެ އަކުރެއް ތަންފީޒު ކުރެވުނީމަ ވައުދު ފުޅު ނިމުނީ ދޮއްތޯ؟
މައްކުބޭ
15 January 2025
މިއީ ވަރަށް ރަގަޅު ނިންމުމެއް، ދުރު ޤައުމުތަކަށް ފޮނުވާނީ ޕޮލިސީ އެއްގެ ތެރެއިން އެ ބައްޔަކީ ކައިރި ޤައުުތަކުން ފަރުވާ ނުލިބޭނަމަ. މި ވެސް އެމްޑީޕީ އިން ކުރިކަމެއް ނަމަ އޮންނާނީ ހައްދެއްނެތި ބޭނުންބަޔަކަށް ދައުލަތަށް ބުރަބޮޑުވާގޮތަށްކޮށްފަ. އެންމެ އެމްޑީޕީ ދެކެ މާޔޫސް ވީ 10 މިލިއަން ރުފިޔާ އަށް ވިއްކި ބިންތައް މުޅިން ހިލޭ ރޭސިސްޓް އުސޫލުން ހިތުހުރިގޮތަކަށް ބަހާލުމުން. ޕޮލިސީ އިން އެނގިގެންދިޔައީ މިއީ ވަކި ބައެއްގެ ޤައުމެއްކަން.
އަޒޫނާ
15 January 2025
މިއުޅެނީ ރާއްޖޭގެ އައިކެއަރ އަށް ދައްކަން އާސަންދަ ނުދީގެން، ޑޮކްޓަރުން ބުނަނީ އާސަންދައަށް އެދޭ ލިޔުން ދީފިނަމަ އެމީހުންގެ ލައިސަންސް ހިފަހައްޓާނެކަމަށް ބުނެފައިވާކަމަށް، އިންޑިއާއިން އާސަންދަ ދިނީ ފޮލޯއަޕްއަށް އިންޑިއާއަށް ދިޔަސް ދެން އާސަންދަ ނުލިބޭނެ ކަމަށް .. ،،،،
ސުހާނާ
15 January 2025
ރާއްޖޭގައި ނޫޅޭ ވައްތަރެއްގެ ޑޮކްޓަރަކަށް ދެއްކުމަށް އަހަރެންގެ އަންހެނުން ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރު ލިޔުން ދިނީމައިވެސް އާސަންދައެއް ނުދިން. އެހެންވީމާ އެނގޭ އެއްޗަކީ ތިޔައީ އެމީހުން ބޭނުންވާ ވަކި ބަޔަކަށް އާސަންދައިގެ އެހީ ދިނުމަށް ކުރާ ކަމެއްކަން.
ހަމަހަމ
15 January 2025
އައިކެއާ އަށް އާސަންދަ ނުދޭނަމަ އައިޖީއެމް އެޗަށް އިންޖެކްޝަން ގެނަސް ޖަހައިދޭށޭ، އަހަރެމެން މިތިބީ އައިޖީ އެމް އެޗަށް ދާންވެސް ތައްޔާރަށް