އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި މިދިޔަ އަހަރު މުޒާހަރާކުރަނީ: އެތައް އަހަރެއް ވަންދެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި 49 މީހަކު ހައްޔަރުކޮށް މިހާރުވެސް ދަނީ މައްސަލަ ބަލަމުން. -- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2025 - 12:14
އިންޑިއާގައި ފުރާވަރުގެ ކުއްޖަކު އެތައް އަހަރެއް ވަންދެން ރޭޕްކޮށް ޖިންސީ އަނިޔާ ދިން މައްސަލައެއްގައި 49 މީހަކު ހައްޔަރުކޮށްފި އެވެ.
އަނިޔާ ލިބުނު ޒުވާނަކީ ހަރުކަށި ހިންދޫން މީހުން ދަރަޖަކުރުމުގައި އެންމެ ދަށް ފަންތި ކަމަށް ބަލާ "ދަލިތު" ފަންތީގެ ކުއްޖެކެވެ. އަންހެނުންނަށް ޖިންސީ އަނިޔާކުރުން ގިނަ އިންޑިއާގައި މިއީ ޖިންސީ ޝިކާރައަކަށް ވަރަށް ގިނައިންވާ ބައެކެވެ.
އުމުރުން މިހާރު 18 އަހަރުގެ މީހާއަށް ޖިންސީ އަނިޔާކުރަމުން ދިޔައީ އޭނާ ނިސްބަތްވާ ކެރެލާގައި ސްޓޭޓްގައި އުމުރުން 13 އަހަރުން ފެށިގެން ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި 60 ވަރަކަށް ފިރިހެނުން އޭނާއަށް ޖިންސީ ގޯނާ ކުރި އެވެ.
ޕަތަނަމްތިއްޓާ ޑިސްޓްރިކްޓްގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ނަންދަކުމާރު އެސް އޭއެފްޕީއަށް ވިދާޅުވީ 49 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަންހެން ކުއްޖާ ދަންނަ އަވަށްޓެރިންނާއި އާއިލާގެ ރަހުމަތްތެރިން ވެސް ހިމެނެ އެވެ.
ލޯކަލް ޗައިލްޑް ވެލްފެއާ ކޮމިޓީގެ ވެރިޔާ އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރަޖީވް އެން އޭއެފްޕީއަށް ވިދާޅުވީ އަންހެން ކުއްޖާގެ މައިންބަފައިންނަށް "އަންހެން ދަރިފުޅަށް ދިމާވެގެން އުޅުނު ބިރުވެރިކަން ނޭނގޭ" ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން މި ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ތުހުމަތު ކުރެވޭ ފިރިހެނަކު އަންހެން ކުއްޖާއާ އެކު ބޭއްވި ގައިގޯޅި ގުޅުންތަކެއް ވީޑިއޯކޮށް ބްލެކްމެއިލް ކުރުމަށް ފަހު އެވެ. އޭގެ ފަހުން އެ ވީޑިއޯ ބޭނުންކޮށްގެން ކުއްޖާއަށް ބިރު ދައްކައި ބްލެކްމެއިލްކޮށްގެން އެ މީހާގެ އެކުވެރިން ވެސް ކުއްޖާ ރޭޕްކުރަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން ފުލުހުން ކުރި ތަހުގީގަށް އެނގުނު ގޮތުގައި މަދުވެގެން ފަސް ފަހަރަކު ވަނީ އެ ކުއްޖާ ގޭންގް ރޭޕްކޮށްފަ އެވެ. މީގެ ތެރެއިން އެއްފަހަރު އެ އަމަލު ހިންގާފައި ވަނީ ހޮސްޕިޓަލެއްގައި ކަމަށް ވެސް ވަނީ ތަހުގީގަށް އެނގިފަ އެވެ.
އާބާދީ 1.4 ބިލިއަނަށް އަރާ އިންޑިއާގައި 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު ގާތްގަނޑަކަށް، ރޭޕްގެ 90 ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. އަދި ރިޕޯޓް ނުކުރާ އަދަދު މިއަށްވުރެ މާ ގިނަވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު އުމުރުން 31 އަހަރުގެ ޑޮކްޓަރަކު ރޭޕްކޮށް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ މިހާރު ވެސް ކޯޓުގައި ހިނގަމުން ދާއިރު މި ހަފްތާގައި ހުކުމް އިއްވާނެ ކަމަށް ވެސް ބެލެވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯގާދެޔޯ
18 January 2025
ކޯއްޗެއް ލައިގެން އުޅޭ ބައެއް.
ނޫންތަ
15 January 2025
ބޮލީވުޑްގެ "ހެޔޮ އަސަރުވެސް" އިންޑިޔާގެ ރޭޕް ސަގާފަތުގައި ބޮޑު ދައުރެއް އަދާކުރާނެކަމަށް ބެލެވޭ!