ސާހިލު: ސާހިލު ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އޭނާ މިއަދު އެދުނު
15 ޖެނުއަރީ 2025 - 17:38
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އޭނާ އެދުނު ނަމަވެސް އެ ބަޔާން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް، 2023 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސާހިލު ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އޭނާގެ ފަރާތުން އެދުނެވެ. ނަމަވެސް، އެ ބަޔާން ބަލައިގަތުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
މީގެ އިތުރުން ދައުލަތުގެ ނުވަ ހެއްކެއްގެ ހެކިބަސް ސިއްރުން ނަގަން ވެސް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އެ މައްސަލާގެ އިބްތިދާއީ މަރުހަލާ މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ޝަރީއަތް ފަށައި، ހެކިބަސް ނެގުމެވެ.
ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ނިންމައިފަ އެވެ.
އެންމެފަހުން ސާހިލް ވަނީ އެ މައްސަލާގައި އަމިއްލައަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ކޯޓުގައި ބުނެ، ވަކީލަކު ބޭނުން ނުވާކަން އަންގައިފަ އެވެ. މިއަދު ވެސް ސާހިލު ކޯޓުގައި ވަކާލާތުކުރީ އަމިއްލައަށެވެ.
ކްރިމިނަލް ކޯޓުން ސިއްރުން ގެންދާ މި މައްސަލާގައި ސާހިލުގެ މައްޗަށް ކުރާ ދައުވާތައް ވެސް އެ ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރުން ގެންދާ އެހެން ޝަރީއަތްތަކުގައި ވެސް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުރާ ދައުވާތައް ކޯޓުން ހާމަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
16 January 2025
މީނާ ކުރި ޢަމަލަކީ ހަމައެކަނި އިންސާނަކު މަރާލުމެއްނޫން. ލާއިންސާނީ އެތައް އަނިޔާއެއްދީ މީހަކު ކަތިލައި ކުދިކޮށްކޮށާފައި ހުރި މީހެއް. މީނާއަށް ހީވީކަންނޭގެ އެއީ ރިހަކައްކަން ގެނެސަފައި ހުރި ކުކުޅެކޭ. މަރުގެ އަދަބު ފިޔަވައި އެހެން އަދަބެއް ދިނުމަކީ ބޭއިންސާފެއް. ގިނަދުވަސްނުކޮށް މައްސަލަ އަވަހަށް ނިންމާލަންޖެހޭ.
އިލްޔާސްއިބްރޭ
15 January 2025
އެހެންވީމަ ހަމަ ރަނގަޅަށްވެސް ބޮލު ރޮދި ކެނޑިފައި ހުރި މީހެއް ދޯ.
މަރުގެ ހުކުމް
15 January 2025
މީނާ ކުރި ބޮޑު ލާއިންސާނީ އަމަލު ގެ އަދަބު މަރުގެ ހުކުމަށް ވުރެ ކުޑަވެގެން ނުވާނެ އަދި އެހުކުމް ތަންފީޒު ކުރުމަކީ ދައުލަތު ގެ މައްޗަށް ވާޖިބެއް