19 ޖެނުއަރީ 2025 - 11:07
އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން އެ ގައުމުގައި ޓިކްޓޮކް މަނާކޮށްފި އެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރީ ޗައިނާ އިން އެ ޕްލެޓްފޯމް ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުންނަށް ޖާސޫސް ކުރާ ކަމަށް ތުހުމަތު ކޮށްގެންނެވެ.
އެމެރިކާގައި މި ޕްލެޓްފޯމް ބޭނުންކުރާ މީހުން އެޕް ހުޅުވުމުން ޓިކްޓޮކް މަނާވެއްޖެ ކަން އަންގައިދޭ ހާއްސަ މެސެޖެއް ވެސް މިއަދު ފެނެ އެވެ.
"ޓިކްޓޮކް މަނާކުރާ ގާނޫނެއް އެމެރިކާގައި ތަންފީޒު ކުރެވިއްޖެ. އެހެންވީމާ ޓިކްޓޮކް ދެން ބޭނުން ނުކުރެވޭނެ ވާހަކަ ހިތާމައާ އެކު ދަންނަވަން. އެކަމަކު، އަޅުގަނޑުމެންނަށް ލިބުނު އުފާވެރި ޚަބަރަކީ ރައީސް ޓްރަމްޕް، ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ޓިކްޓޮކް އަލުން ތައާރަފުކޮށް، މި މައްސަލަ އަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވުން،" އެ މެސެޖުގައި ބުނެފައިވެ އެވެ.
ޓިކްޓޮކް ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާގައި މިދިޔަ އަހަރު ފާސްކޮށްފައިވާ ގާނޫނުގައިވާ ގޮތުން ޓިކްޓޮކް ބޭނުންކޮށްގެން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު ފޮނުވައި ޗައިނާ އިން ދަނީ ޖާސޫސްކުރަމުންނެވެ. މި މަހުގެ 19 އާ ހިސާބަށް މުއްދަތު ކަނޑައަޅައި ފާސްކުރި މި ގާނޫނާ އެކު، ޓިކްޓޮކްގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސަށް ވަނީ އެ ޕްލެޓްފޯމް ވިއްކާލަން ނުވަތަ ހުއްޓާލަން މަޖުބޫރުވެފަ އެވެ.
ނަމަވެސް، ފާޑުކިޔުންތެރިން ބުނާ ގޮތުން މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކަމެކެވެ. ޗައިނާ އާއި ބައިޓްޑާންސް ވަނީ ޖާސޫސް ކުރުމުގެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.
ޓިކްޓޮކް މަނާކުރި އިރު އެމެރިކާގައި 170 މިލިއަނަށް ވުރެ ގިނަ މީހުން މި ޕްލެޓްފޯމް ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވަރު
19 January 2025
މިނިވަންކަން ކަމާ ޑިމޮކްރަސީ ނައްތާލަނީ
އަލްޖިބްރރާ
19 January 2025
އެމެރިކާ ބޭނުންވާ މައުލޫމާތު ނުދިނުމުން ޗައިނާ ބޮލުގަ އަޅުވާފަ ފްރޭމްކޮށްލީ.
މާހިރު
19 January 2025
ކޮންމެބަޔަކުވެސް އެބަޔަކަށް ކުރެވެންއޮތްކަމެއްކުރޭ. ޖާސޫސްކުރުމުގައި އެންމެ ކުރީގައި އުޅޭނީވެސް އެމެރިކާ އާއި އިޒްރާއީލް. އިޒްރާއީލްގެ އަނިޔާވެރިކަމާދެކޮޅަށް ފޭސްބުކްގައި އެއްޗެއް ޖަހާލާއިރަށް އެއެއްޗެއް ނުފެންނަގޮތް ހެދިކަން އެންމެނަށްވެސް އެނގޭ. އެބައިމީހުން ކިތައްމެބޮޑު ޖަރީމާއެއް ހިންގިޔަސް އެއްވެސް މައްސަލަޔަކަށްވެސްނުވޭ.
މިއައު
19 January 2025
ޔޫއެސްއެއިޑް ކުދިން އަންނާނެ އަހަރުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ މިނިވަން ނޫސްވެރިކަމާ ފަޅޮލާ ކިޔައިދޭން. ދެފުށް ދެގޮތް ބައެއް ހުވާ
ޗޯ ޕައިޑެން
19 January 2025
އެމެރިކާގައި ޓިކްޓޮކް މަނާކުރީ މީޑިއާ ކޮންޓެންޓް ސަރުކާރުން ބޭނުންވާ ނެރޭޓިވް ނުދެއްކޭތީ، ޚާއްސަކޮށް ފަލަސްތީނުގެ ހަގީގީ ޚަބަރު އެމެރިކާ ރައްޔިތުންނަށް ފޯރާތީ. މިހާރު އޮތީ އަތަށް ގޮވާފަ، އެމެރިކާ ޓިކްޓޮކް މީހުން މިހާރު ރެޑް ނޯޓް އަށް ޖޮއިންކޮށް ޗައިނާއާ ބެހޭގޮތުން އެމެރިކާ މީޑިއާއިން ފަތުރަނީ ދޮގު މައުލޫމާތުކަން އެނގިއްޖެ. އަދި މެންޑެރިން ދަސްކޮށް ޗައިނާ މާ ކަމު ގޮސްގެން އުޅެނީ.
ތަމީމު
19 January 2025
އެމެރިކާގެ އެޕްލިކޭޝަންތަކުން، ޖާސޫސު ކުރާކަން އެނގޭ، ކީއްވެ އެހެން ގައުމުތަކުގެ ގައުމީ ސަލާމަތަށް ނުރައްކާ ނުވާންވީ؟؟
ސދދފފ
19 January 2025
ޑިމޮކުރަސީގެ ލާމަސިލު މީހުންގެ އަމަލު. ތިވެސް އެހެން ގައުމަކުން ކުރިކަމެއްނަމަ ސަރުކާރު ވައްޓާލަންވެސް ގޮވީސް. މިގައުމުގައިވެސް އުޅޭނެ އެކަހަލަ ދެށުފުއެޅޭބަޔަކު.
ހަސަންދީ(ލ)
19 January 2025
ތިބުނާ ދެފުށުއެޅޭ މީހުން މިހާރުތިބީ ވެރިކަމުގަ!