ރައީސް މައުމޫން: ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާ ކުރުވަން އުޅޭތީ ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފައި
19 ޖެނުއަރީ 2025 - 12:52
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.
ޑީއާރުޕީން ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ.
އެ މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނެގީ އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓަށް މައުމޫންގެ ފަރާޔުން ހުށަހެޅި އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހަށެވެ. މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ދަރަނީގެ ފައިސާ ދެއްކުމަށް މައުމޫން އިންކާރު ކުރައްވައި، ވިދާޅުވެފައިވަނީ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުއާމަލާތަކާ ގުޅިގެން ކަމަށާއި އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން މުއާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.
މީގެ އިތުރުން ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަން (އީސީ) ގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މައުމޫންގެ ފަރާތުން ބުނެފައިވަނީ ޑީއާރުޕީ އުވާލަން ނިންމައި، އެކަން އިއުލާނުކޮށް ހުރިހާ ކަމެއް ކުރިއިރު ވެސް، އެމްޓީސީސީން ދަރަނީގެ ކަންކަމާ އަޅާނުލައި ތިބުމުން ދެން ދިމާވި ކަންކަމަށް އެ ކުންފުނިން އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން ވަކި ގޮތަކަށް ހުކުމް ކޮށްފައި ދަރަނި ސާބިތުކޮށްފައި ވަނިކޮށް އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން، އަސްލު މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ދަރަނީގެ ޒިންމާ ބަދަލު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގައި ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތިން ވަނަ ފަރާތެއް ދަރަންޏަށް ޒިންމާ ކުރެވޭނީ އެ ފަރާތެއް އެއްގޮތަށް ރުހިގެން ކަމަށާއި އެކަމަކު މި މައްސަލާގައި މައުމޫންގެ ފަރާތުން އިންކާރު ކޮށްފައިވާތީ އެ މަނިކުފާނު ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ކުރައްވާފައިވާ ހުކުމުގައިވެ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގަތެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެމަނިކުފާނު ވަކި ކުރުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އޭގެފަހުން ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 3،000 މެމްބަރުން ހަމަ ނުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކްމަތު އަމަލީ
19 January 2025
އަދިވެސް މައުމޫނު ވަރެއްނެތްކަން އިހްސާސްވަނީ ފަހުންއައި ހުރިހާ ވެރިންގެ ނާޤާބިލްކަން ފެނިފައި...
ހަނަފަސް
19 January 2025
މައުމޫނު ރަގަޅަށް ގައުމު ހިނގަނިކޮށް ތިގޮއި ކަޑައޭ kiyaafa އައިސް ހުރިހާ އެންމެނަށް ރީނދޫ ހުން ޖައްސައިފި.. ޖެހުނު މީހުނަށް އެނގޭނެ މިހާރު އެެޖެނޑާއަކީ ރާއްޖެތެރޭ މީހުން ހުސްބުޅީގައި ބޭނުންކަން...ވަރަށް ސާފުކޮށް ސިޔާސަތު ދައްކާފައި އެދިޔައީ... އަޅުންނާއި ރަސްކަލުން... އަދި ވަގުންނަށް ރައްޔިތުން ކުލެސިފައި ކޮށްފައި..ސިޔާސަތު ވަގެއް ނޫންތޯ
ހަނބަލީ
19 January 2025
ވެރިކަމާ ބޫތުކައިގެން އުޅޭ ބައިގަނޑު ފަހަތުން އެމީހުންގެ ހައްގުގައި 31 ގައި ނިކުންނަވާ.. ގައުމު ހަމަ މަގުން ނެއްޓީ.. ކުރީގައި ވަޒީފާ ލިބެނީ ކިޔަވައިގެން tibI މިޙުންނަށް މުޅިއެތި ހަލާކު ކުރީ... ހަމަހަމަ ކަމެެއް..ނެތް ގަބީލާ ވަންތަ ސިޔާސަތު... ޓެކްސް ފައިސާ އެއްބަޔަކަށް ގިނައިން އަނެއްބަޔަކީ އަޅުން... ދެން ވަގުން ތިބޭނީ މި ގައުމުގައި...ސިޔާސަތު ވަގެއް ނޫންތޯ
އެންމެން ހެޕީ
19 January 2025
މިހާރު ވެރިކަމުގަ އެތިބީ ޑީއާރޕީ.5.0 އެވެ.
ސެނބެ
19 January 2025
ދިވެހިރާއްޖެ މި ދަނީ އެކަކު އަނެކަކަށް ޖެއްސުން ކުރުމުގެ ސިޔާސަތުގެ ދަށުން....މީ ބޮޑު ވަބާއެއް...މި ކަން ނިމެންޖެހޭ....