އެމްޑީޕީ ހަރުގޭގައި ހުރި ކުރީގެ ރައީސް ސޯލިހުގެ ޕޯސްޓަރު، އޭރު ޑިމޮކްރެޓްސްގެ ބޭފުޅުން ނައްޓަނީ: އެ ތަން އަތުލި މައްސަލާގައި ކުރި ދައުވާ ވަނީ އަނބުރާ ގެންގޮސްފައި --- ފޮޓޯ/މިހާރު
23 ޖެނުއަރީ 2025 - 15:15
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދު ކުރިމަތީގައި ހުރި އެމްޑީޕީގެ މައި ހަރުގެ ހުރި ބިން ހުސްކުރަން އެތަނުގެ ވެރިފަރާތުން އެންގި މައްސަލާގައި، އެތަން އަނބުރާ ހޯދަން އެ ޕާޓީން ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގި މައި ހަރުގެއަކީ އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ އެ ޕާޓީން 2023 ވަނަ އަހަރު ވަކިވި އެވެ.
އެމްޑީޕީގެ ހަރުގެ ހުސްކުރަން އެ ޕާޓީއަށް ދިން މުއްދަތު ހަމަވުމުން ޝަފިއްޔާ ވަނީ އެ ބިން އެހެން ބަޔަކަށް ކުއްޔަށް ދީފަ އެވެ. އޭގެ ފަހުން އެ ތަނުގައި ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ހެދި އެވެ. ނަމަވެސް މިހާރު އެ ތަނުގައި ހިންގަނީ ޕީއެންސީގެ ޖަގަހަ އެވެ.
އެ މައްސަލާގައި އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހަރުގެ ހުސްކުރަން އެންގީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެވެ. އެހެންވެ އެ ޕާޓީން ކޯޓުގައި އެދިފައިވަނީ ދައްކަމުންދިޔަ ކުލީގައި އެތަން ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެ އެވެ.
ސިވިލް ކޯޓުން މި މައްސަލާގައި ކޮށްފައިވާ ހުކުމްގައިވާ ގޮތުން މައްސަލަ ކުރިއަށް ގެންދިޔުމަކީ ދައުވާކުރާ ފަރާތަށާއި ދައުވާ ލިބޭ ފަރާތަށް އިތުރު އެއްވެސް ފައިސާއެއް ނުލިބޭ ތަނުގައި ވަގުތުގެ ގޮތުންނާއި މާލީ ގޮތުން އިތުރު އެތައް ގެއްލުންތަކެއް ވާނެ ކަމަކަށް ވާތީ، އެ ދައުވާ އަނބުރާ ގެންދަން އެމްޑީޕީން މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ، ދައުވާ އިތުރަށް ކުރިއަށް ނުގެންގޮސް ސިވިލް ކޯޓުން ވަނީ މައްސަލަ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
24 January 2025
ޝަފީޢާ ޒުބައިރު އަކީ ތިންވަނަ އައްސުލްތޯނު މޮހުންމަދު ސަންސުއްދީނު އިސްކަންދަރު ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަގެ މުނިކާފައި ދަރިކަނބަލެއް. ކޮއިލުތެރޭގެ ގޮމައެއް. އެ ގޮމައަށް ތިޔަ މުހާތޮބު ކުރަނީ، ނައިފަރު، ހިންނަވަރު، ވަށަފަރު، ގަބުޅިކަތީބެއްގެ ދަރިޔެކޭ ހީކޮށްގެންތަ؟
ޖަގަހަ
24 January 2025
އެމްޑީޕީ އިޒް ޑެޑް. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން