އެމްޑީޕީ ހަރުގެ ކުރިމަތީ މީގެ ކުރިން ބޭއްވި އެ ޕާޓީގެ އެއްވުމެއް: ގިނަ ހަރަކާތްތައް ބާއްވާ ހަރުގެ ހުސްކުރަން އެންގުމުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައި--ފައިލް ފޮޓޯ: މިހާރު
28 މެއި 2023 - 10:13
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ބިން ހުސްކުރަން ވެރިފަރާތުން އެންގުމުން އެ ޕާޓީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ސަޕޯޓަރުން އެއްވެ ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެއަކީ އެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ މިހާރު ހުންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް" އާ އެކު އެވެ.
އެމްޑީޕީގެ ހަރުގެ ހުސް ކުރަން އެ ޕާޓީ އަށް ދިން މުއްދަތު ހަމަވުމާ ގުޅިގެން ޝަފިއްޔާ ވަނީ އެ ބިން އެހެން ބަޔަކަށް ކުއްޔަށް ދީފަ އެވެ.
ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީ ތަރުޖަމާން އަނަސް އަބްދުއްސަތާރު މިއަދު ވިދާޅުވީ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ މާ ގިނަ ތަފްސީލެއް ނުދެއްވި ނަމަވެސް އަނަސް ވިދާޅުވި ގޮތުގައި ކޯޓުގައި އެދިފައި ވާނީ ޕާޓީގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ.
"އަޅުގަނޑުމެން އެދިފައި ވާނީ ހައްގުތައް ކަށަވަރު ކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މީގެ ކުރިން ބުނެފައި ވަނީ ހަރުގެ ހުސް ނުކޮށް ހުރީ އިތުރު ތަނެއް އަދި ނުލިބޭތީ އެވެ. ތަނެއް ލިބެންދެން އެތަނުގައި ތިބެވޭނެ ގޮތް ހަދައިދޭން ގޭގެ ވެރިފަރާތުގައި އެދިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި، އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް، އެތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން އެ ތަނުގައި ތިބެވޭނެ ކަމަށް ބުނުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
30 May 2023
އެމްޑީޕީއަށް މީހެއްގެ ގެއެއް ހުސްކުރަން ބުނީމާއި ނުނިކުމެ ހަރުގެ ހަދައިގެން އެގްރިމެންޓް ހަމަވިފަހުން ތިބެވޭނެ ހުއްޖަތެއް ގާއިމުކުރެވެނީ ސަދޫމުގެ ކޯޓަކުން ނޫންތޯއެވެ. ގޭގެ ވެރިފަރާތްތަށް ވުރުން އެމްޑީޕީ މީހެއްގެ މުދަލުގެ މައްޗަށް ގަދަވާނެ ގޮތެއް ނޯންނާނެއެވެ. މުއްދަތު ހަމަވެ އެގްރީމެންޓް އުވިފައި އަދި ވެރިފަރާތުން ބިން ހުސްކުރަން އަންގާފައިވާނަމަ ތިޔަ މައްސަލަ ކޯޓްގައި ރެޖިސްޓަރ ކުރުންވެސް ފުރަތަމަ ގޯހެވެ.
ސިކުނޑި
29 May 2023
އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާނަމަ، މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާނައެއްްނެތް! ޕާޓީގެ ހައްގުތައް ހިމާޔަތް ނުކުރެވި އަތައް ގޮވުމުގެ ކުރިން އެހެން ހަރުގެއެއް ހޯދުން ބުއްދިވެރި! ގޭ ވެރި ފަރާތުން ތަން ހުސްކުރިޔަސް މިކަމުގައި މާބޮޑު މައްސަލައެއް ނެތް! ޕާޓީ ދިރިއުޅޭ ތަނެއް ނޫން ހަރުގެއަކީ!
ސީތާ
29 May 2023
އަނަސް ކަލޯ! އަދިވެސް ބޮޑެއްނުވޭ ދޯ! ކަލޯގެ ފުރޯ އާދަނު އަތުގައި އޮއްވާ ކަލޯގެ ގޭގެ ބަނބުކެޔޮގަސް، ވަރުގަދަ ވައިރޯޅިއެއް އައިސް ގަސް ވެއްޓުމުން ދެން ކަލޯވެސް ދުއްވައިގަންނާނީ އާދަނު ގޯއްޗަށް ފުރޯ ހޯދަން. ދެން އާދަނު މިބުނަނީ މީ ކަލޯގެ ފުރޮޔެއްކަމަކު އަދި ނެތޭ ދެވޭކަށް. މިހެންކިޔާފައި އާދަނު މިދަނީ ކަލޮއާ ދެކޮޅަށް މައްސަލަ ހިފައިގެން ރަށު ކޯޓަށް. ވަޓް އަ ޖޯކް.......
ފަށުވިލިބާސް
28 May 2023
މިހާރުން މިހާރަށް ތަން ހުސްކޮއް ވެރިފަރާތާ ހަވާލު ކުރުން އެދެން
މިފްތާހް
28 May 2023
ބަލަ ނިކުމޭ
މަ ބުނީ
28 May 2023
39000 މެމްބަރުން އުނި ކުރި މޮޅު ތިޔަރީ ބޭނުން ކޮށް އެ ބިތް އެމް ޑީ ޕީ އަށް ރަޖިސްޓްރީ ކޮއްލަބަ އެއިރުން އަ ސް ލު ހިންގާލީ ކަމަށް ވާނީ ދޯ ؟؟؟؟.
ބޮޑުމީހާ
28 May 2023
މިއޮތީ ހިންގާލެވިފައި. ފުލް މެޖޯރިޓީއޮވެ މައި ހަރުގެއެއް ހަދާނެ ޖާގައެއް މާލެއިން ނުހޯދުނުބަޔަކަށް ހިންގޭނެ ޕާޓީއެއް ނެތް.
ޑރ. ރާމީ ޙަސަން މަނިކު
28 May 2023
މިއީ އަޅުގަނޑު ދަންނަވާ ވާހަކަ. އިބޫ ގެ ފަޅީގައި އެންމެ އިސްކޮށް ހުރި ފައްޔާޒު ވަނީ، "ވައްކަން ކުރަން ވެއްޖެނަމަ، އެކަން ވެސް ވަރަށް މޮޅަށް ކުރާނަން" ކަމުގައި ބުނެފަ. ދެވަނަ ކަމަކަށް ބުނާނަމަ، އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލަ ނުބަލާ، އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލާގައި ބެދޭ މީހުން ތިބީ އިބޫ ގެ ފަޅީގައި. ރައީސް ވިޔަސް، އަދި ކޮންމެ މީހަކު ވިޔަސް، "ހަމައެެއް ލަމައެއް" އޮއްނަން ވާނެ ދޯ!
ސުރައްޔާ
28 May 2023
އަސްލުވެސް. ޝަފިއްޔާ އަށް އިންސާފު ލިބެންޖެހޭ. ހުސް ވަގުން. ޑޮކްޓަރ ތިޔަ ވިދާޅުވީ ހުސް ވަގުންނޭ ދެއްތޯ. ތެދުފުޅެއް.
ތިލަފަތް
28 May 2023
ތަނެއް ނުލިބޭ ކިޔާފާ އާއްމު ރައްޔިތެެއްގެ ގޯޗެއް ގައި މުއްދަތު ހަމަވީމަ ތިބެވޭނެ ހަމައެއް ނޯންނާނެ. ތި އިބުރާ ސޯލިހު ފެކުސަން އިންސާފު އުތަ؟ ޗީޑި!!!!
ޕިޓާޓޭ
28 May 2023
ކަމުދާ ގޮތެއްނޫން ތިޔައީ. އެގޭ ވެރި މީހާ ބުނީމާ އަނބުރާ ދޭންޖެހޭނެ ބިންކޮޅު