ފައިނުގައި ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ރައީސް މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2025 - 17:21
ރ. ފައިނުގައި 64 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ.
އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނަށް ވަޑައިގެން މި ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި އެއީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ނިންމި މަޝްރޫއެކެވެ.
ފެނާއި ނަރުދަމާގެ މަސައްކަތަށް ޖުމްލަ 64.2 ހަރަދުވި އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޯޕުގައި ނަރުދަމާގެ ތިން ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީއައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުން ހިމެނެ އެވެ. ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރު.އޯ ޕްލާންްޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ދެ ޓޭންކް އަދި ވާރޭ ފެން ރައްކާކުރާ ޓޭންކެއް ބެހެއްޓުމުގެ އިތުރުން ގޭގެ އަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ދިނުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ފައިނުގައި އެއާޕޯޓެއް ހަދަން އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ. ވަަރަށް އަވަހަށް އެ މަޝްރޫއު ފައްޓަވައި ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމާއި ބޯޅަދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
03 February 2025
ހަލުއަ ކަމާއެކު ލާރިވެސް ހޯދައިފި ރައީސް
ޟމމމމމ
24 January 2025
ތިއީ ކުރީ ސަރުކާރުގެ ކަމެއް. ޝުކުރިއްޔާ ކުރީ ސަރުކާރު.
އަބްޑޫޅް +
24 January 2025
މިހާރު، މި ބީރަށްޓެހީން އަތިރިޔަށް ދިޔުން ހުއްޓާލީތަ؟
ބެށްޔާ
23 January 2025
ޝުކުރިއްޔާ ރައީސް ސޯލިހް