25 ޖެނުއަރީ 2025 - 13:23
އިސްލާމީ ނަޒަރުން ބަލާއިރު ކައިވެންޏަކީ ވަރަށް މުހިންމު އަދި އެހާމެ މުގައްދަސް ގުޅުމެކެވެ. އެއީ މަގުބޫލު ސަބަބެއް އޮވެގެން މެނުވީ މުޅި އުމުރަށް ގުޅޭ ގުޅުމެކެވެ. އެއީ އިންސާނީ ދަރިފަސްކޮޅު ދެމިގެން ދިއުމަށް އޮތް އެންމެ މާތް މަގެވެ. މިހެންވެ އިސްލާމް ދީނުގައި ކައިވެންޏަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި ވެއެވެ. ކައިވެނީގެ ހުކުމާއި ކައިވެނީގެ އަގުދުގެ ޝަރުތުތަކާއި ކައިވެނީގެ ސަބަބުން ދެފަރާތަށް ލާޒިމުވާ ވާޖިބުތަކާއި އަނެއް ފަރާތަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާއި ކައިވެނި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ކައިވެނީގެ އަދަބުތައް ފަދަ ކަންކަން ކަނޑައަޅާފައި ވެއެވެ. މި ލިޔުމުގައި މި ބަލައިލަނީ ކައިވެނީގެ ހުކުމަށާއި ކައިވެނި ކާމިޔާބު ކުރުމުގެ އިސްލާމީ މިންގަނޑު ތަކަށެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނި ކުރުމުގެ އާންމު ހުކުމަކީ ހުއްދަ އެވެ. ނަމަވެސް ހާލަތާ ގުޅޭ ގޮތުން މި ހުކުމް ބަދަލުވެގެން ދެއެވެ. ބައެއް ހާލަތްތަކުގައި ކައިވެނި ކުރުން ވާޖިބު ވެ އެވެ. އެއީ ކައިވެނި ނުކޮށް ހުރެއްޖެ ނަމަ ފާޙިޝް ޢަމަލަކަށް އަރައިގަނެވިދާނެ ކަމުގެ ބިރު ހީވާ ހާލަތްތަކުގަ އެވެ. އެއީ ރޯދަ ހިފައިގެން ނުވަތަ އެ ނޫން ގޮތަކުން ވިއަސް އެފަދަ ފާޙިޝް ކަންކަމުން ދުރުހެލިވާން ދަތިވެދާނެ ހާލަތްތަކެވެ. އަނެއްބައި ހާލަތްތަކުގައި ކައިވެނި ކުރުން ސުންނަތް ނުވަތަ މަންދޫބު ވެގެން ވެ އެވެ. އެއީ ކައިވެންޏަކަށް ހިތް އެދިފައި ކައިވެނި ކުރުމުގެ ގާބިލިއްޔަތު (މާލީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން) ލިބިގެންވާ ހާލަތުގަ އެވެ. ޒުވާނުންނަށް މުޚާތަބު ކުރައްވައި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ކައިވެނީގެ ގާބިލިއްޔަތު ލިބިއްޖެ ނަމަ ކައިވެނި ކުރުމަށެވެ. އެއީ ބެލުންތައް ތިރި ކުރެވި ލަދުވެތި ގުނަވަނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ (ހަ ބޭކަލުން).
ހަމަ އެއާ އެކު ކައިވެނި ކުރުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވާތީ އެވެ (ބުޚާރީ). ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ހާލަތުގައި ހުކުމަކީ ހަމަ އަސްލު ހުކުމް ކަމުގައިވާ ހުއްދައިގެ ހުކުމެވެ. އެހެނީ ކައިވެންޏަކަށް ގާބިލު ވިޔަސް އަޅުކަންތަކަށް ޚާއްސަ ވުމާއި ކިޔެވުމަށް ވަގުތު ދިނުމަށްޓަކައި ކައިވެނި ކުރުމުން ދުރުހެލިވުން އެއީ ތައުރީފު ކުރެވިގެންވާ ކަމެއް ކަމަށް ވާތީ އެވެ. ޔަޙުޔާ ޢަލައިހިއްސަލާމް އަޅުކަން ކުރެއްވުމަށްޓަކައި ކައިވެނި ނުކުރައްވާ ހުންނެވުމަށް ސަނާ ކިޔިގެން ވެ އެވެ (މަރްޔަމް 23).
ކައިވެނީގެ ޝަރުޢީ އަނެއް ހުކުމަކީ މަކުރޫހަ ވުމެވެ. މަކުރޫހަވާ ހާލަތަކީ ތިމާގެ މާލީ ތަނަވަސްކަން ނުވަތަ ޖިސްމާނީ ގާބިލުކަން ހުރި މިންވަރުގެ ގޮތުން ކައިވެނީގެ ސަބަބުން ލާޒިމުވާ ކަންކަން ފުރިހަމަ ކުރެވިދާނެ ކަމާ މެދު ޝައްކު އުފެދޭ ހާލަތްތަކެވެ. މިސާލަކަށް ކައިވެނީގެ ޚަރަދުތައް ކުރުން ނުވަތަ އަނބިފިރިކަމުގެ ގުޅުން ހިންގުން ފަދަ ކަންކަން ފުރިހަމަ ނުކުރެވޭނެ ކަމަށް ހީވުމެވެ. ކައިވެނީގެ ޝަރުޢީ އަނެއް ހުކުމަކީ ޙަރާމް ވުމެވެ. ކައިވެންޏެއް ކުރުން ޙަރާމް ވާ ހާލަތަކީ ތިމާގެ މާލީ ތަނަވަސްކަން ނުވަތަ ޖިސްމާނީ ގާބިލުކަން ހުރި މިންވަރުގެ ގޮތުން ކައިވެނީގެ ސަބަބުން ލާޒިމުވާ ކަންކަން ފުރިހަމަ ނުކުރެވޭނެކަން ޔަގީން ވާ ހާލަތްތަކެވެ. މިސާލަކަށް ކައިވެނީގެ ޚަރަދުތައް ކުރުން ނުވަތަ އަނބިފިރިކަމުގެ ގުޅުން ހިންގުން ފަދަ ކަންކަން އެއްވެސް މިންވަރަކަށް ފުއްދައި ނުދެވޭނެ ހާލަތްތަކެވެ. މި ހާލަތުގައި ކައިވެނި ހަރާމް ވަނީ އޭގެ ސަބަބުން ބަޔަކަށް ނުވަތަ ޚުދު ތިމާގެ އަމިއްލަ ނަފުސަށް ނަމަވެސް ގެއްލުމެއް ދިނުމަށް މަގުފަހި ކުރުވާތީ އެވެ. އިސްލާމީ ފިގުހުގެ އެއް ގަވައިދަކީ ހަރާމް ކަމަކަށް މަގުފަހި ކުރާ ކަމެއް ހަރާމް ވުމެވެ. އަނެއް ގަވައިދަކީ ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނުވުމެވެ.
ކައިވެނީގެ ގުޅުން ކާމިޔާބު ކުރުމަށްޓަކައި އިސްލާމް ދީނުގައި މިންގަނޑުތަކެއް ކަނޑައެޅިފައި ވެ އެވެ. އޭގެ ތެރެއިން މައިގަނޑު އެއް ކަމަކީ ކައިވެނި ކުރާ ދެ މީހުންނަކީ ވެސް ދީންވެރި ދެ މީހުންނަށް ވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސްފުޅު ކުރައްވަނީ ކައިވެނި ކުރުމުގައި މީހުން މައިގަނޑު ހަތަރު ކަމަކަށް ބަލާ ކަމަށެވެ. އެއީ ކައިވެނި ކުރާ އަންހެނާގެ މުދާވެރިކަމަށާއި ހަސަބާއި ނަސަބަށާއި ރީތި ކަމަށާއި ދީންވެރި ކަމަށެވެ. މީގެ ތެރެއިން ދީންވެރިކަމަށް އެންމެ އިސްކަން ދޭން އެކަލޭގެފާނު އިރުޝާދު ދެއްވަ އެވެ. (ހަ ބޭކަލުން). އެހެން ހަދީސެއްގައި ބަޔާން ކުރައްވަނީ އެ މީހެއްގެ ދީންވެރި ކަމާއި ޚުލުޤު ރަގަޅު މީހަކު ކައިވެންޏަކަށް އެދިގެން އަތުވެއްޖެ ނަމަ އަވަހަށް ކައިވެނި ކުރުވާށެވެ! އެހެން ނޫން ނަމަ ފިތުނަ ފަސާދަ އުފެދުން ގާތްވެގެންވާ ކަމުގައެވެ (ތިރުމިޛީ، އިބްނު މާޖާ، ޙާކިމް، ބައިހަޤީ).
ދީންވެރިކަމުގެ މިންގަނޑުގެ ތެރޭގައި އަޚުލާގު ހިމެނެ އެވެ. އެހެންކަމުން މީހެއްގެ ދީންވެރިކަން ޗެކު ކުރުމުގައި އެ މީހެއްގެ އަޚުލާގަށް ވަރަށް ބޮޑަށް ބަލަން ޖެހޭނެ އެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅުތަކުން އެނގޭ ގޮތުގައި ރީތި ކަމާއި މުދާވެރިކަމަކީ ނެތިފަނާ ވެދާ އަދި އޭގެ ސަބަބުން ނުބައި މަގަށް މަގުފަހިވެދާނެ ކަންކަމެވެ. އެއާ ޚިލާފަށް ރިވެތި ޚުލުގަކީ ދާއިމަށް ދެމިހުންނާނެ ކަމެކެވެ. އެހެންކަމުން މީހަކު ދީންވެރިވެ ޚުލްގު ހެޔޮ ކަމުގައިވާ ނަމަ ހަށިގަނޑުގައި އައިބުތައް ހުރި ކަޅު ކުލައިގެ އަޅު އަންހެނެއް ވެސް މާ ހެޔޮވެގެންވާނެ ކަމަށެވެ (އިބްނު މާޖާ، އިބްނު ޙިއްބާން – ނިކަމެތި).
ކައިވެނި ކާމިޔާބު ވުމަށް އިސްލާމް ދީން ކަނޑައަޅާ މައިގަނޑު ދެވަނަ މިންގަނޑަކީ ކުފޫ ހަމަވުމެވެ. ކުފޫ ހަމަކުރުމަށްޓަކައި ހަސަބާއި ނަސަބުގެ ގޮތުން ދާދި އެއްވަރުވާން ޖެހެ އެވެ. ދިރިއުޅުމަށް ދަތިވާ ފަދަ އައިބުތައް ނެތުން ހިމެނެ އެވެ. ވާރުތަވާ ބައެއް ކަހަލަ ބަލިތައް ނެތުން ނުވަތަ އެފަދަ ކަމަކަށް ފުރުސަތު ނުދިނުން ހިމެނެ އެވެ. މިސާލަކަށް ތެލެސީމިއާ ބަލި ކުދިން ލިބުމަށް ފުރުސަތު ނުދިނުން ފަދަ ކަންކަމެވެ.
ކައިވެނި ކާމިޔާބު ކުރުމަށްޓަކައި އިސްލާމް ދީނުގައިވާ މައިގަނޑު ތިންވަނަ މިންގަނޑަކީ ކައިވެނީގެ ތަކުލީފުތައް ވީހާވެސް ލުއިވެގެންވުމެވެ. ކައިވެނީގެ ރަނަކީ އެކަމަށް ކެރިފޯރުންތެރިކަން ލިބިގެންވާ މިންވަރަކަށް ކަނޑައަޅާ އެއްޗަކަށް ހަދަން އިސްލާމް ދީން ބާރު އަޅައެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ކައިވެނީގެ ރަނުގެ ގޮތުގައި ކިތަންމެ ބޮޑު މިންވަރެއްވެސް (ކުޅަދާނަކަން ހުރިއްޔާ) ނެގިދާނެ އެވެ. މިއީ ޢުމަރުގެފާނު ކައިވެނީގެ ރަން ކުޑަކުރަން އުޅުއްވުމުން އަންހެން ކަނބަލަކު ޤުރްއާނުން ހެކި ދެއްކެވި ކަމެކެވެ (އައްނިސާއު 20). އެހެން ނަމަވެސް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަނީ ކައިވެނީގެ ރަން ބޮޑު ނުކުރުމަށެވެ. އެކަލޭގެފާނު ހަދީސް ކުރައްވާ ގޮތުގައި ބަރަކާތުގެ ގޮތުން އެންމެ މަތިވެރި ކައިވެންޏަކީ ކައިވެނީގެ ރަނުގެ ގޮތުން އެންމެ ލުއިފަސޭހަ ކައިވެންޏެވެ. (އަޙުމަދު). އެހެން ހަދީސެއްގައިވާ ގޮތުން އަންހެނެއްގެ ބަރަކާތް އޮންނަނީ އޭނާގެ ޚުތޫބަތު (އެންގޭޖްމަންޓް) ގައި އަދި ކައިވެނީގެ ރަނުގައި ލުއިފަސޭހަ ކޮށްދޭ މިންވަރެއްގެ މައްޗަށެވެ. (އަޙުމަދު). މީގެ އިތުރުން ކައިވެނީގެ ރަނުގެ މިންވަރު ބޮޑު ނުކުރުމަށް ޢުމަރުގެފާނު އިރުޝާދު ދެއްވި އެވެ. މީގެ އިތުރުން ކައިވެނީގެ ޚަރަދުތަކުގައިވެސް ކުޅަދާނަކަން ހުރި މިންވަރަކުން މެނުވީ ޚަރަދު ނުކުރުމަށް (އެބަހީ ދަރަނިވެރިވެގެން ކައިވެނީގެ ޚަރަދުތައް ނުކުރުމަށް) އިސްލާމް ދީން އިރުޝާދު ދެއެވެ. (އައްޠަލާޤު 7).
ކައިވެނި ކާމިޔާބު ކުރުމަށްޓަކައި އިސްލާމް ދީނުގައިވާ މައިގަނޑު ހަތަރުވަނަ މިންގަނޑަކީ ދެ ފަރާތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކޮށް އަނެކާގެ ހައްގުތައް ފުރިހަމަ ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އިސްލާމްދީނުގައި މި ހައްގުތައް ވަނީ ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްފަ އެވެ. އެހެން ލިޔުމެއްގައި އިން-ޝާ ﷲ އެއަށް އަލިއަޅުވާލާނަމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނި ކާމިޔާބު ކުރުމަށް އޮންނަ މި މައިގަނޑު މިންގަނޑުތަކުގެ ތެރޭގައި ތަފުސީލީ އިތުރު މިންގަނޑުތައް ވެ އެވެ. ކައިވެންޏެއް ކާމިޔާބު ކުރަން ބޭނުންވާނަމަ މި މިންގަނޑުތައް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާގިރިޓީ ލޯބިން
25 January 2025
މިހާރު މިޒަމާނުގަ ތިކަންކަމަކަށް ގިނަ މީހުން ނުބަލާ. އެހެންވެ ކުރާ ގިނަ ކައިވެނިތަށްވެސް ދަނީ ފަސޭހައިން ރޫޅެމުން ވަރީގެ ނަންބަރު މަތިވަމުން..މީހަކާ މި އިންނަނީވެސް ދެމަފިރިން އުޅޭހެން އެތަށް ދުވަހަކު އެކީ އުޅެފަ ދެމީހުން ބާވާ ފަހުން..ރަށްޓެހިވެގެން އުޅެނީ އެކަކު އަނެކަކު ދަސްކުރާށޯ..އަސްލު މީހާ ދަސްވަނީ އިނދެގެން އެކުގަ އުޅުނީމަ. ރަށްޓެހިވެގެން އުޅޭހާ ދުވަހަކު ހަޤީޤީ ސޫރައެއް ދުވަހަކުވެސް ނުފެންނާނެ. ފެންނާނީ ގިރިޓީ ވެގެން ހުންނަ މީހެއް.