ނަޕޯލީގެ ލުކާކޫ (ކ) އާއި އަންގުއިސާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެއެފްޕީ
26 ޖެނުއަރީ 2025 - 09:22
ފަހަތުން އަރައި ވާދަވެރި ޔުވެންޓަސް 2-1 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ރޭ ހޯދައިފި އެވެ.
މި މޮޅާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ 22 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކައިރީގައި އޮތް އިންޓަ މިލާނަށް 20 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ނަޕޯލީއާ އިންޓައާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް، އިންޓަ އަތުގައި އިތުރަށް ދެ މެޗު އޮތުމުން، އެ ފަރަގު ނައްތާލުމުގެ ފުރުސަތު އެބައޮތެވެ.
ނަޕޯލީގެ ސްޓޭޑިއޯ ޑިއޭގޯ މަރަޑޯނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ކުރި ހޯދި އެވެ. މި ގޯލް 43 ވަނަ މިނެޓުގައި ޖެހީ ޕީއެސްޖީގެ ލޯނެއްގެ ދަށުން މިދިޔަ ހަފުތާގައި ޔުވެންޓަސްއާ ގުޅުނު ފްރާންސް ފޯވާޑް ރަންޑަލް ކޯލޯ މުއާނީ އެވެ.
ނަޕޯލީން އެއްވަރުކުރީ 57 ވަނަ މިނެޓުގައި ޒަމްބޯ އަންގުއިސާ ބޮލުން ވައްދާލި ގޯލުންނެވެ. އަދި 69 ވަނަ މިނެޓުގައި އެ ޓީމުން ކުރި ހޯދީ ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ޖެހި ގޯލުންނެވެ. މިއީ ޔުވެންޓަސްގެ ކެޕްޓަން މެނުއަލް ލޮކަޓެއްލީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މީގެ އެއް ސީޒަން ކުރިން ލީގު ކާމިޔާބުކުރި ނަޕޯލީ މިދިޔަ ސީޒަނުގައި ދިޔައީ ވަރަށް ދަށްކޮށެވެ. އެކަމަކު އެންޓޯނިއޯ ކޮންޓޭ މި ސީޒަނުގައި ހަވާލުވެ އަނެއްކާ ވެސް މި ވަނީ ޓީމު ވަރުގަދަކޮށްފަ އެވެ. ރޭގެ ތިން ޕޮއިންޓާ އެކު އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ ހޯދި އަދަދަށް މިހާ އަވަހަށް ޕޮއިންޓް ހަމަކޮށްފަ އެވެ.
އަނެއްކޮޅުން މި މެޗުން ބަލިވުމަކީ ޔުވެންޓަސް ފަހަތަށް އެޅި ފިޔަވަޅެކެވެ. މިދިޔަ ހަފުތާގައި އޭސީ މިލާން 2-0 އިން ބަލިކޮށް އެ ޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ގަދަ ހަތަރަކަށް މިހާރު އަމާޒު ހިފާފައިވާ ޔުވެންޓަސް މިހާރު އޮތީ 37 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާ ބުނީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިން ތިބެނީ ވަރުބަލިވެފައި ކަމަށާއި، އެއީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ނަޕޯލީން މި ސީޒަނުގައި ޔޫރަޕުގެ މުބާރާތެއްގައި ވާދަނުކުރާތީ އެ ޓީމަށް ހަފުތާއަކު ކުޅެން ޖެހެނީ އެންމެ މެޗެކެވެ. އެކަމަށް އިޝާރާތްކޮށް މޮޓާ ބުނީ ނަޕޯލީ ފަދަ ޓީމުތަކަށް އޮތް ފަދަ އެޑްވާންޓޭޖެއް އޭނާގެ ޓީމަށް ނެތުމަކީ އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy