އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އެއާފޯސް ވަންގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2025 - 06:27
މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ފަލަސްތީނުގެ ޣައްޒާ "ސާފުކޮށްލަންވީ" ކަމަށާއި އެތަނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް ގެންދަންވީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޣައްޒާގައި އިޒްރޭލުން ދިން ހަމަލާތަކަށް ފަހު މިހާރު އެއީ "ޑެމޮލިޝަން ސައިޓް" އެއް ގޮތަށް ސިފަކޮށް ޓްރަމްޕް ވިދާޅުވީ ޣައްޒާގެ އާންމުން ގެންދިއުމާ ބެހޭ ގޮތުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ އާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ އާ މިހާރު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ މިސްރުން ވސް އަދި އުރުދުން އިން ވެސް މީހުން ގެންދިއުން،" އެއާފޯސް ވަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
"މި ދައްކަނީ ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ މީހުންގެ ވާހަކަ. އަޅުގަނޑުމެން ހަމަ އެއްކޮށް ސާފުކޮށްލާނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ، އެސަރަހައްދުގައި ވަރަށް ގިނަ ހަމަނުޖެހުންތައް ވަނީ ހިނގާފައި. އަޅުގަނޑަކަށް ނޭނގެ، ކޮންމެވެސް ކަމެއް ވާން އެބަޖެހޭ."
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ހަމާސް ޖަމާއަތުން ދިން ހަމަަލާއާ އެކު ފެށި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުންގެ ގެދޮރު އެތައް ފަހަރަކު ވަނީ ގެއްލި ހާލުގައި ޖެހިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ޣައްޒާގެ ރައްޔިތުން "ވަގުތީ ގޮތުން ނުވަތަ ދިގު މުއްދަތަކަށް" ބަދަލުކުރެވިދާނެ ކަމަށެވެ. ޣައްޒާ އަކީ މިހާރު އެއްކޮށް ހަލާކުވެފައިވާ ތަނެއް ކަމަށާއި އެތަނުގައި މީހުން ދަނީ މަރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ބޭނުންވަނީ އަރަބި ބައެއް ގައުމަކާ ގުޅިގެން، އެހެން ތަނެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދީ، ހާލަތު ބަދަލުކޮށް، ސުލްހަވެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދައިދޭން."
ޓްރަމްޕް މިހެން ވިދާޅުވި އިރު ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމާ އެކު އާންމުން މިހާރު ދަނީ އެ މީހުންގެ ގެދޮރު ހުރި ހިސާބުތަކަށް ދާން މަސައްކަތްކުރަމުންނެވެ. އެކަމަކު އިޒްރޭލުން ދަނީ އެކަމަށް ވެސް ހުރަސްއަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާެބެ
29 January 2025
ޓުރަންޕު ސާފު ކުރަންވީ ފާހާނަ
ޗަލްތޭ ޗަލްތޭ
28 January 2025
ހާދަ ލޯބި ކުއްޖެކޭ ދޯ ދޮރު ހިފަހައްޓާލަންވެސް ބަހައްޓާފަ ހުންނަނީ އެއަރފޯސް ވަން ގަ
ސަލްމަން
28 January 2025
ފުހެސާފުކުރަންވީ އިޒްރޭލެއް ނޫންތަ. މާތްﷲ މީނާއަށް ރަނގަޅު ފިލާވަޅެއް ދެއްވައި ހެޔޮވިސްނުން ދެއްވާށި. އާމީން
ސަނީސައިޑްބޮންޑް
28 January 2025
އެމެރިކާއިން ޔަހޫދީންނަށް ތިބިން އެހާދޭހިއްވާނަމަ ފަލަސްތީނުރައްޔަތުން އެމެރިކާއަށް ގެންގޮސް ވަޒަންވެރިކުރުވަންވީނު؟ އޭރުންވެސް މާތްރަސްކަލާނގެ އިރާދަފުޅުން ތިޖާހިލުއެމެރިކާގެބިމުގަ އިސްލާމީނޫރު އާލާވުމަށް އިތުރުކުރިއެރުމެއްލިބޭނެ. އެހެންނޫނަސް ބައިތުލް މަޤްދިސްގެ ހައްޤުގަ ޖިހާދުކުރުމަކީހަމައެކަނި ފަލަސްތީނުމީހުނަށް އޮތްވާޖިބެއްނޫން، އެއީއެންމެހާމުސްލިމުންނަށްއޮތް ވާޖިބެއް.
ސާޖިދާ
28 January 2025
ތިކަން ވާނީ މުއިއްޒުއަށް. އެބޭފުޅާ އަގައިން ހަމަޖައްސާނެ. ވާކަމެއް ހަރާމް
ވޯލް
28 January 2025
ޓްރަޕް ނޫނީ މިވަރަށްވެސް މިކަމަށް ކޮންމެވެސް ނިމުމެއް ގެންނަން ވިސްނި މީހެއް ނެތް. ބަޔަކު ގަސްތުގައި އެހެން ބަޔަކު މަރާލަން އުޅޭކަން އެނގޭކަމަށް ވަންޔާ އެތަނުން ދިއުން އެއީ އެންމެ ބުއްދިވެރިގޮތް. ގަދަަކަމުން އެތަނަށް ވެރިވެގަތް ބަޔަކަށް މާތްރަސްކަލާންގެ އެކަން ދައްކަވާނެ މިދުނިޔޭގައި. މި ގަތުލްއާމު ހުއްޓުވާކަށް ބޮޑެތި މުސްލިމް ޤައުމުތަކުންވެސް މަސައްކަތެއް ނުކުރޭ.
ވާދޫ ރައީސް
27 January 2025
ގދ. ވާދޫ ރައީސް ވިދާޅުވި ވާދޫއަށް ގެނެވޭނޭ. 1.5 މިލިއަން މީހުން ވާދޫ އަށް ގެންނަން އޭނާ ހުރީ ތައްޔާރަށް. ޓްރަމްޕު ޖެހޭނެ ފެނާއި ނަރުދަމާ، ކަރަންޓާއި، ސްކޫލާއި ހޮސްޕިޓަލް އަޅަަން. ވަރަށް ހިންގާލަން ޖެހޭނެ. އޭރުން މިކަންވާނީ.
އިބުރާ
27 January 2025
ޔާ ﷲ މިނުބައި ޖައްބާރުންގެ ކިބައިން ޤާޒާ ސަލާމަތް ކުރައްވައި، އެތަނުގެ ވަޒަންވެރީންނާއި މަދަދާއި ކާމިޔާބު މިންވަރުކުރައްވާނދޭވެ!
ގުދުގުދާބެއްޔާ
27 January 2025
ކަލޭމެން އެމެރިކާއިން އެހެން ގައުމުގެ ރައްޔިތުން ބޭރުކުރަމުންދާއިރު! އެހެން ގައުމުތަކަށް މީހުން ގެން ދިއުން އެއީ ކަލޭމެންނާ ބެހޭ ކަމެއްނޫން! ނުގެން ދާނަން! ފަލަސްތީނުގެ ރައްޔިތުން ތިބޭނީ އެމީހުންގެ ގައުމުގަ ފަލަސްތީނުގަ! ޓުރަންޕް މޮޔަވޭދެން!
މާހިރު
27 January 2025
އަބަދުވެސް އިސްރާއީލާއި އެމެރިކާގެ ރޭވުމަކީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުން ވަޒަނުން ބޭރުކުރުމެވެ. އެޤައުމުތަކުގެ ވެރިކަމަށް ކޮންމެމީހަކު އަޔަސް އެސިޔާސަތު ބަދަލެއް ނުވެއެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެބައިމީހުންގެ ބިންތަކުގައި ވަޒަންވެރިވެފައިވާތީ ބޭރުކުރަންޖެހޭ ބަޔަކީ އިސްރާއީލެވެ. މިހާރު އޮކްޓޫބަރު 7 ގެހަމަލާ ހުއްޖަތަކަށް ދެއްކިނަމަވެސް ފަލަސްތީނުގެރައްޔިތުން ވަޒަނުންބޭރުކޮށް ޔަހޫދީން ވަޒަންވެރި ކުރުމަކީ އަބަދުވެސްކުރާ ކަމެކެވެ.