މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އަދި އެ ކޮމިޓީގައި ތިއްބަވާ ބައެއް އިތުރު މެންބަރުން -- ފޮޓޯ: ނިޝާން އަލީ / މިހާރު
29 ޖެނުއަރީ 2025 - 14:43
ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އަންހެން މެމްބަރަކު ނުހިމަނައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާތީ އެކަން ހައްލުކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވި މުވައްޒަފާއި ފަޒީން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
މި މައްސަލާގައި "ދެ މީހެއްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހިމެނޭތީ" ކަމަށް ބުނެ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ އަންހެން މުވައްޒަފު ހާޒިރުކޮށް، ސުވާލުކުރީ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފިރިހެން މެމްބަރުންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ ވެސް ހުސް ފިރިހެން މެންބަރުންނެވެ.
މައްސަލައިގެ ބާވަތުން ކޮމިޓީގައި އަމާޒުވި ސުވާލުތަކުން ވިކްޓިމްއަށް ނުތަނަވަސްކަން އުފެދުނު ކަން "މިހާރު"އަށް އެނގިފައިވެ އެވެ.
އެ ސުވާލުތަކަކީ އަނިޔާ ލިބުނު ފަރާތަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ގެއްލިދާ ފަދަ، "އިންސެންސިޓިވް" ސުވާލުތަކެއް ކަން ވެސް ވަނީ އެނގިފަ އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަަތައް ބެލުމުގެ މެންޑޭޓް އޮންނަނީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ. އެކަމަކު އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރެއްގެ މައްޗަށް ތުހުމަތު ކުރެވެމުންނެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރު ކުޑޫ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އޭނާ އެދިވަޑައިގަތީ މިފަދަ މައްސަލަތަކުގެ އިތުރު މައުލޫމާތު ސާފުކޮށް ތަހުގީގުކުރުމުގެ މަރުހަލާގައި އަންހެން މެންބަރުން ޝާމިލްވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ކުޑޫ ފޮނުއްވި ސިޓީގައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ހަމައެކަނި ފިރިހެން މެންބަރުން ތިއްބެވުމަކީ ފުރައްސާރަ އަމާޒުވެގެން ހާޒިރުކުރެވޭ އަންހެނުންނަށް މައުލޫމާތު ދިނުމާއި ޖަވާބުދާރީވުމަށް ދަތިވާނެ ކަމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ކުޑޫ ވަނީ މި ކަން މަޖިލީހުގައި ތިއްބަވާ ތިން އަންހެން މެންބަރުންގެ ސަމާލުކަމަށް ވެސް ގެނެސްދެއްވައިފަ އެވެ. ވިހި ވަނަ މަޖިލީހުގައި ތިން އަންހެން މެމްބަރުން ތިއްބަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުން pic.twitter.com/cZsdFSlsdO
— People's Majlis (@mvpeoplesmajlis) January 21, 2025
ކޮމިޓީން ބަލަމުން ގެންދާ ފަޒީންގެ މައްސަލާގެ ސުވާލުކުރުމުގެ މަރުހަލާ ނިމިފައިވީނަމަވެސް، އަދި މިހާތަނަށް އެ މައްސަލާގައި ގޮތެއް ނިންމާފައިނުވެ އެވެ. އެ ކޮމިޓީގައި އިންނަވާ މެންބަރަކު ވިދާޅުވީ މައްސަލާގައި ގޮތެއް ނިންމަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 އެއްގައި މަޖިލީހުގެ އާ ދައުރު ފެށުމުން ކަމަށެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި އަންހެން މުވައްޒަފު ވަނީ ފަޒީންގެ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.
ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތް ކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ، 2023 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
30 January 2025
ކޮބާ މައްސަލަ އަކީ. ވަކި ޖިންސެއް އޮވޭތަ މައްސަލަ ބަލަން؟ ހަމަ އަންހެން ގާޒީންވެސް ތިބެނީނު އިސްލާމްދީނުގައި އެކަން މަނާ ކޮށްފައި އޮއްވާ
ސީދި
30 January 2025
އަހަރަމެން އޮފީހުގައ ތި ކޮމެޓީގައި ތިބި ހުސް އަންހެނުން. މިހާރު ކޮންމެ ބަހަކަށް ތި ކަހަލަ ހަމަހަމަކުރުން ގެނެސް ފިއްޔާ އެ މީހަކު ހީރޯއަށް ބަދަލުވޭ. އެހެންވެ މޮޅެތި ވާހަކަ ދައްކަނީ.
ޑރ ވާންޗޯ
30 January 2025
ހުސްފިރިހެނުން ތިޔަތިއްބެވީ މައްސަލައެއްބަލަންތޯ ނޫނީ އަންހެނަކު ރޭރުކުރަންތޯ؟.
ޢާޠިފް
30 January 2025
އަންހެނުންނަށް ވުރެ، ފިރިހެނުން އަންހެނުންނަށް ކުރާ އިހްތިރާމް ބޮޑުވާނެ. ހެކި: ތަޢުލީމީ ދާއިރާ. އަންހެން ޕްރިންސިޕަލުން، ކަނބަލުންގެ އިހުސާސަށް އިހްތިރާމެއް ނުކުރޭ. ފިރިހެން ޕްރިންސިޕަލުން މާބޮޑަށް އިޙްތިރާމް ކުރޭ.
އިހްސާސް
30 January 2025
އަންހެން މެންބަރަކު މަޖިލީހަށް ނުހޮވުނީއޯ. ދެން ކިހިނެއްބާ ހަދާނީ؟
ހަމީދައްތަ
29 January 2025
އަންހެނުންނާއި ފިރިހެނުން ހަމަހަމަ ޒަމާނެއްގައި ކޮމިޓީގައި ކޮންމެ ޖިންސެއްގެ ބަޔަކު ތިއްބަސްވާނީ ހަމަހަމަ. ނޫނީ ތިޔަ އެއްބަސްވަނީ 2 ޖިންސު ހަމަހަމަ ނޫންކަމަށް
ހަމީދުބެ
30 January 2025
އަންހެނުން ތަހައްމަލުކުރާ ޖަޒުބާތީ އަސަރުތަކަކީ ފިރިހެނުންނަށް އޭގެ އެންމެ ފުރިހަމަ ޒާތުގައި ވިސްނޭނެ ކަންކަމެއް ނޫން. އަންހެނުންނަށް ކުރިމަތިވާ ފުރައްސާރައިގެ މައްސަލަތައް ފިރިހެނުންނަށް ވިސްނެނީ ލެސް އެމްޕަތެޓިކް އެޕްރޯޗަކުންކަން ބައެއް ދިރާސާތަކުން ވެސް ދައްކާ. އަންހެނުންގެ އަޑުތަކާއި ތަޖުރިބާތައް އެކަށީގެންވާ ގޮތެއްގައި ތިފަދަ މައްސަލަތަކުގައި ތަމްސީލު ނުކުރެވޭނެ ނަމަ، މައްސަލައަށް ފުރިހަމައަށް ހައްލެއް ލިބޭނެ ގޮތެއް ވެސް ނުވިސްނޭ.
ތަކުރޭ
29 January 2025
ރަނގަޅު ވާހަކައެއް. އަންހެން ދެ މެންބަރުން ތިބެން ވަރަށް މުހިންމު. ތިޔަފަދަ މައްސަލަތަކުގައި އަންހެނަކާ ސުވާލުކުރަން ހުސް ފިރިހެނުން ތިބެ ކުރެވޭ ސުވާލުތަކުން އަންހެން މީހާއަށް އިތުރު ނުތަނަވަސްކަން ކުރިމަތިވާނެ.
އިތުބާރު
29 January 2025
މެމްބަރުންގެ ފަރާތުން ބަޔަސް ފެންނާނެ ކަމަށް ގަބޫލުކުރެވޭނަމަ އަވަހަށް އަލުން އިންތިހާބެއް ބާއްވަވައިދެއްވައި، ބަޔަސް ނުގެންގުޅޭނެ މެމްބަރުން ހޮވުމަށް ރައްޔިތުންނަށް ފުރުސަތުދެއްވާ.
ސަހަރޯއޭ
29 January 2025
ކޮބާތޯ ޕޮލިހުން؟ ތިކަހަލަ ކަންކަން ދިރާސާކޮށް ވީނުވީއެއްބަލަން ބޮޑު މުސާރަ ދީފަ ޔުނިފޯމު އަޅުވާފަ ބައިތިއްބާ ބޭކަލުން ކަމަށް ކުރިން ހީކުރެވިފައި އޮތީ. މިއޮތް ނިޒާމެއްތާ ދޯ. އަދި މިނިޒާމު ދޮންވެ ފައްކާވީހެން ދެލޯ ސޮކެޓަށް ވަންނަވަރު ބޮޑުވޭ.
ވާނުވާ 01
29 January 2025
ކޮބާތަ މައްސަލައެއް ، މިހާރު އެންމެން ހަމަހަމަ އެއްނު، ކޮން އަންހެނެއް ފިރިހެނެއް ކިޔާކަށް.