ހޯމް މިނިސްޓަރު އަލީ އިހްސާން: ޝަރީއަތްތައް ލަސްވާ މައްސަލައިގައި ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: މިހާރު
01 ފެބުރުއަރީ 2025 - 16:43
އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ޝަރީއަތްތައް ދިގު ދަންމާ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި މިއީ ހަމައެކަނި ޖާގައިގެ ދަތިކަމާ ހެދި ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ގިނަވާ މައްސަލަ ހައްލުކު ރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފެށި "ބަންދު ފޯރަމް"ގައި ޝަރީއަތްތައް ދިގުލައިގެންދާތީ، މީހުން ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތު އިތުރުވާ މައްސަލަ ފާހަގަކުރި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުތަކުގައި ޝަރީއަތް ހިންގައި، ޝަރީއަތުގެ ތާވަލު ކަނޑައަޅައިގެން ކުރިއަށް ގެންދާ ނަމަ ހަ މަހާއި އެއް އަހަރާ ދެމެދުގައި ޝަރީއަތެއް ނިންމާލެވޭނެ އެވެ. އޭރަށް ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ވެސް ހައްލުވާނެ ކަމަށް ދާއިރާގެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ނަމަވެސް، އެ މުއްދަތުގައި މައްސަލަތައް ނުނިމި ޝަރީއަތްތައް ދިގުލައިގެންދާ މައިގަނޑު ސަބަބެއް ކަމަށް، ޖިނާއީ ގިނަ މައްސަލަތަކުގެ ޝަރީއަތް ހިންގާ ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުގެ ޖާގަ އާއި ވަސީލަތްތައް މަދު ކަމެވެ. ބައެއް މައްސަލަތަކުގައި އަޑުއެހުންތައް ނިންމާލައި، ހުކުމް ކުރަން ވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައި އެބަހުއްޓެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން (ކ) އަދި ބަންޑާރަ ނައިބު އަހްމަދު އުޝާމް. -- ފޮޓޯ: މިހާރު
ޖުޑިޝަރީ ފިޔަވައި، ގާނޫނު ތަންފީޒުކުރާ އެހެން ހުރިހާ އިދާރާތަކެއް ބައިވެރިވެގެން މިއަދު ކުރިއަށް ގެންދާ ފޯރަމްގައި މިނިސްޓަރު އިހުސާން ވަނީ މައްސަލަތައް ދިގުލައިގެން ދަނީ ހަމައެކަނި ޖާގަ އާއި ވަސީލަތްތައް ނެތިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"ޒަމާނީ ފެންވަރަށް ހަދާފައިހުރި މޮޅު ކޯޓު ރޫމެއް ނުލިބިގެން ޝަރީއަތް ނުކުރެވިގެންތޯ މި އުޅެނީ؟ ސްކޫލް ބަންދު ގަޑީގައި ކްލާސްރޫމް ތެރޭގައި ވެސް ޝަރީއަތް ކުރިއަށް ގެންދެވިދާނެ. މީގައި މި އުޅެނީ އަޅުގަނޑަށް ހީވަނީ ދެ މައްސަލައެއްހެން. ރަނގަޅު، ޖާގައިގެ ދަތިކަން ވެސް އެބައޮތް. ޖާގަ ނެތަސް އެކަން ކުރަން އުޅޭ ބަޔަކު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ދެވަނަ މައްސަލައަކީ އެކައުންޓިބިލިޓީއެއް ނެތުން."
މިނިސްޓަރު ވިދާޅުވިގޮތުގައި، ގާނޫނުގައި ފުލުހުންގެ މައްޗަށް އެކި ކަންކަން ކުރަން މުއްދަތުތައް ކަނޑައަޅާފައި ހުންނައިރު ކޯޓުތަކަށް އެފަދަ މުއްދަތުތަކެއް ކަނޑައަޅާފައެއް ނުހުރެ އެވެ. ގާޒީއެއްގެ ކުރިމައްޗަށް މައްސަލަ ހުށަހަޅާތާ ކިތައް ދުވަސް ތެރޭ މައްސަލަ ނިންމަން ޖެހޭނެ ކަމަށް ބަޔާން ކުރާ މުއްދަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުނިންމައިފިއްޔާ ދެން ކާކުހޭ ބަލަނީ އޭނާ އެ މައްސަލަ ނިންމިތޯ ނުވަތަ ނުނިންމާތޯ. ނުނިންމާ ކަމަށްވާ ނަމަ، އަޅާނެ ފިޔަވަޅެއް ނެތީތޯ. އަޅުގަނޑަށް ހީވަނީ ޕެރަލަލްކޮށް އެކައުންޓިބިލިޓީ އަންނަން ޖެހޭނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާޒީއެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ނުވަތަ އޭގެ ތަފްސީލެއް ނުދީ ދިގުލައިގެންދާ ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެގޮތަށް އަމަލުކުރާ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މުހިންމު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިހާރު ފުލުހުންގެ ތެރޭގައި ބައެއް ކަހަލަ މައްސަލަތައް ހޭލާ ތިބެގެން ވެސް އެބަ ނިންމާ. ސަބަބަކީ ޖަވާބުދާރީވާން އެބަޖެހޭ މިތައް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާ ނުކޮށްފިއްޔާ. ހަމައެއާއެކު އެ މީހާ އެބަ ދޫވޭ މިތައް ދުވަސް ތެރޭ ދައުވާ ނުކޮށްފިއްޔާ އަދި މިތައް ދުވަސް ތެރޭ ކޯޓަށް ހާޒިރު ނުކޮށްފިއްޔާ ދޫ އެބަވޭ. އެ މީހާ ޖަބާވުދާރީވާން އެބަ ޖެހޭ ސުވާލު އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ނިޒާމު އޮންނަން ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ޝަރީއަތްތައް ލަސްވާ މައްސަލައިގައި އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވާ ކްރިމިނަލް ކޯޓުގެ އިމާރާތް.
ހޯމް ލޭންޑް މިނިސްޓަރު މިހެން ވިދާޅުވިއިރު ފަނޑިޔާރުން ޖަވާބުދާރީކުރުވައި، އެ ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު ވެސް އޮވެ އެވެ. އަދި ޖުމްލަކޮށް ކޯޓުތައް ޖަވާބުދާރީކުރުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް އޮވެ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ކޯޓު ހަދައި މުވައްޒަފުން ލައިގެން ހަރަދުތަކެއް އެބަ ކުރާ ކަމަށާއި އެހެންވެ ޖިނާއީ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބަލަން ޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކްރިމިނަލް ކޯޓުގައި ޖާގަ ނެތުމުން، މައްސަލަތައް ކުރިއަށް ނުދާ ކޯޓުތަކުގައި ޝަރީއަތްތައް އޮންލައިންކޮށް ގުޅައިގެން ނަމަވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
"ރަށްރަށުގައި އެބަ ހުރި ޖުމްލަ 15 މައްސަލަ ހުށަހެޅުނުއިރު އެ 15 މައްސަލައަކީ ވަގަށް އަނބު ބިނުން ކަހަލަ މައްސަލަތައް. އެ ކޯޓުގައި ނޯންނާނެ އެ ނޫން މައްސަލައެއް. ކީއްތޯ ވާނީ ކްރިމިނަލް ކޯޓުގައި ޖާގަ އިތުރުކުރެވެން ދެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް މި ތަންތަން ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފޯރަމްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޖާގަ އާއި ވަސީލަތްތައް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އުފުލާ ޝަކުވާއަކީ ބަލައިގަންނަ ޝަކުވާއެއް ކަމަށާއި ހަގީގަތުގައި ވެސް އެ ކޯޓަށް އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ. އެއީ ހައްލު ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އޭރަށް ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު 253
03 February 2025
ޙަޤީޤަތުގަ އިޙްސާން އެ މަޤާމުގައި ހުންނަވައިގެން މި މޭރުމުން ވާހަކަ ދައްކަވައިގެން ނުވާނެ، މިހެން އުޅުއްވަން ހައްދަވައިގެން އަތަށް ގޮވަނީ
ސީއޭ
02 February 2025
ދައުލަތުގެ ބޮޑު ބޮޑެތިންނަށްވެސް މި ހީވަނީ ޝަރުޢީ ދާއިރާއަކީ ފަނޑިޔާރުން އެކަނި ކަމަށް. ބައްލަވާ ފަނޑިޔާރަށް ގިނިކަންޏަކާ މައްސަލައެއް ނުހިންގޭނެ. މައްސަލައެއްގެ އަޑުއެހުން ބާއްވާތަން ތިބޭފުޅުންނަށް ތި ފެންނަނީ އޭގެ ވަށައިގެން ހާދަ މަސައްކަތެއް އޮވެއޭ. އެކަންކަން ކުރަން އެކަށީގެންވާ މުވައްޒަފުންނެއް ވަސީލަތްތަކެއް ނެތް. ބޮޑެތި ސްޓޭޓްމަންޓް ދެއްވުމުގެ ކުރިން ވަޑައިގެން ކޯޓުތަކުގެ ޙާލަތު ބައްލަވާ!
ރިޔާޒު ރަށީދު
02 February 2025
ވެރިކަމަށް އައިސް ބުނީ ކްރިމިނަލް ކޯޓު ހިންގޭނެ ގޮތެއް ހޯދައިދޭނަމޯ. އެކަން ކޮށްނުދެވުނީމާ ބުނަނީ ސްކޫލްގެ އިންޓޯލް ގަޑީގަވެސް ޝަރީއަތް ހިންގިދާނެ ނޫންހޯ؟
ރުންކުރު ކުމާރު
02 February 2025
DNR ން ވައްކަން ކުރި ޝަރީއަށް ވެސް ހިގާނީ ޖާގަ އޮވެގެން! ހެކިވެރިން ތިބެވޭނެ ޖާގަ ވެސް މަދު
މަޖީދު ސަރ
02 February 2025
ޑީއެންއާރުގަ ފޯމުފުރާލެވޭ ބުކިންގ ހަދާގެން. ދެން ކިލާހުގަ ސަރިޔަތެއް ކޮށްނުލެވެންވީ ކީއްވެ.
ގުރުވަތާ
02 February 2025
މަނިކުފާނުގެ ބެލުމުގެ ދަށުގައި ނުކުރެވި ހުރި ކަންތައް ފުރަތަމަ ކޮށް ބަލަ. ޖަލު ތައް ނުހަދައި ގާނޫނާ ހިލާފަށް މީހުން ބަންދުގައި ބައިތިއްބާ މައްސަލަތައް ބަލަންޖެހޭ. ރިމާންޑުޖަލުގައި ބައިތުއްބަންޖެހޭ މީހުން ކަސްޓޯޑިއަލް ޖަލުގައި ބައިތިއްބާ މައްސަލާގެ ޒިންމާ ނަގަން ޖެހޭނީ މަނިކުފާނު.
ބަންދުމީހާ
03 February 2025
ޤާނޫނު ލާޒިމުކުރަނީ ރިމާނޑް ޖަލެއްގަ ބައިދަން، އެކަމު ބަހައްޓަނީ ހަމަ ކަސްޓޯޑިއަލް ޖަލެއްގަ،ކަންތަށް ނުވަންޏާ ބޭކާރު ޤާނޫނު ނުހަދާނީ، ޤާނޫނު ހަދާނީ އެކަން ކުރެވޭނެ ވަސީލަތް ގާއިމްކޮށްފަ އެއަށްފަހު، ހަމަ ސިޔާސީ މީހުން އިނގެރޭސި ގާނޫނެއް ދިވެހި ބަހަށް ތަރުޖަމާކޮށްފަ، ކަންކަން ކުރީމަ މި ކަހަލަ ކަންކަން މި ވަނީ
ށިމްހާދް
02 February 2025
ސިވިލް ކޯޓުގެ އަނެހްން މުވައްޒަފުންތަކަކާއެކު، އެކޯޓުގެ ގާޒީންތަކެއް ތިބޭނެ ކަސްޓަމްސް ކައިރި ހުންނަ "ރަކާ" ކިޔާ ކެފޭއެއްގަ، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 10އަށް. ހަމަ އެންމެ ދުވަހެއްވެސް ވައްޓާނުލާނެ.
600 މައްސަލަ
03 February 2025
މިހެންވެތާ 600 މައްސަލަ ބައެއް މީހުން އަތުގައި އޮންނަނީ. އަނެއް ބަޔަކު އުޅެނީ ގެސްޓުހައުސް ނެހެދިގެން. ދެން ކޮންއިރަކު ސަރިއަތް ކުރާނީ
ކުރަނގިދެލޯ
02 February 2025
ކޮރަޕްޓް ވަޒީރުންވެސް ޒިންމާދާރުކުރުވަންޖެހޭ ރައްޔިތުން ނުކުމެ.
އެކްސްް
02 February 2025
ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާގެ ބެއްލެވުމުގެ ދަށުން ޑީއެންއާރު ޑޭޓާބޭސްއިން މީހުންގެ ޒާތީ މައުލޫމާތު ބެނުންކޮށްގެން ކޮންމެވެސް ޕާޓީއަށް މެންބަރުން އިތުރުކުރި މައްސަލަ އަވަސްކޮށްދިނުމަށް ގޮވާލަން.
މާހިރު
02 February 2025
ޑީ.އެން.އާރުން މީހުންގެ މަޢުލޫމާތު ވަގަށްނަގައިގެން ޕީ.އެން.ސީ އަށް ވަގަން މީހުން ވެއްދިމައްސަލަ އަވަސްކުރަންޖެހެއެވެ.
އިބްސާމް
02 February 2025
ކޮމަންޓުކޮށްލަ ކޮށްލަ ތިބެންޖެހޭނީ. ހަމައެއްކަމެއްވެސް ނުކުރެވޭނެ. ޤައުމު ވަގަށް ނަގައިގެން ވިއްކާލީމަވެސް އަހަރުމެންނަށް ކުރެވޭނެކަމަކީ މިއީ. ބޮޑެތި ވަގުންގެ މައްސަލަ މިޤައުމަކު ނުބަލާނެ. ސިޔާސީ ބޭނުމަށް ސަރުކާރެއް ބަދަލުވީމަ ދެންހުރި ފިކުރު މީހުން ޖައްލަށްލުން އޮންނާނީ. އެވެސް އިހުލާސްތެރިކާމާއެކު ކުރާކަމެއް ނޫން. އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރުމުގެ ބޭނުމުގައި.