އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓްގައި ފެހުރިއްސެއް ކައިރީގައި ބަޔަކު ފީނަނީ -- ފޮޓޯ: ނާޓިއާނެޓްވޯކް
01 ފެބުރުއަރީ 2025 - 20:26
"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ.
މީގެ ހަ އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެއީ ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދެވެ.
އެ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ގޮސް އުޅެނިކޮށް އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ. މި ފަހުން ވެސް ވަނީ ޓޫރިސްޓެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވެފަ އެވެ.
އެންވަޔަރަންމަންޓަލް މިނިސްޓްރީން މިއަދު އާންމުކުރި ޕްލޭންގައި ވަނީ، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕްރޮޕެލާ ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ. އަދި އެ ޕްލޭނަށް އަމަލުކުރަން ފަށާތާ 12 މަސް ތެރޭގައި އެހެނިހެން އުޅަނދުތަކުން ވެސް ގާޑު ހަރުކުރުން ވަނީ މަޖުބޫރު ކޮށްފަ އެވެ.
ޕްލޭންގައި މަޖުބޫރު ކޮށްފައިވާ އެއް ކަމަކީ ސަމްޕާ ސަރަހައްދުގައި ސްނޯކަލް އަދި ޑައިވިން އަށް މީހުން ގެންދާ އުޅަނދުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ރަޖިސްޓަރީ ކުރުމެވެ. "ވަންގަވް" މެދުވެރިކޮށް އެ އުޅަނދުތައް އީޕީއޭގައި ރަޖިސްޓަރީ ވާން ދީފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހެވެ.
އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ
އެ ސަރަހައްދުގެ މޫދަށް އެންމެ ގިނަވެގެން އެއްފަހަރާ ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި ސަމްޕާ ސަރަހައްދަށް ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން ކަމަށް ވެސް ޕްލޭނުގައި ވެ އެވެ.
މުޅި އަހަރު އެއްކޮށް ފެހުރިހި ފެންނަ "ސަމްޕާ" ސަރަހައްދުގެ ބޮޑުމިނަކީ 140 ކިލޯމީޓަރެވެ.
ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ ކޮންޓެކްޓް ޒޯން ކަމަށާއި އެ ޒޯނުގައި ހަރަކާތްތެރިވެވޭނީ ފަހަރަކު ތިން އުޅަނދަށް ކަމަށް އުސޫލުގައި ވެ އެވެ. އެ ކޮންޓެކްޓް ޒޯނުގައި ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރުމިނުގައި އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ. ފެހުރިހީގެ 50 މީޓަރު ބައުންޑްރީ ތެރޭގައި އުޅަނދުތަކުގެ ބާރުމިން ބަހައްޓަން ވާނީ ގަޑިއަކު ދެ ނޮޓުގަ އެވެ. ނަމަވެސް، ސަލާމަތީ ހާލަތްތަކުގައި ކޮންޓެކްޓް ޒޯނު ނުކުތުމަށް ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރަށް ދުއްވަން ޖެހިއްޖެ ހާލަތުގައި އެ ޒޯނުން ވީހާ ވެސް އަވަހަކަށް ނުކުމެވޭނެ އެވެ.
ފެހުރިއްސަކީ ޖުލައި 2016 ގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރީ
03 February 2025
ހުރިހާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަންވީ. އަދި ޕެސެންޖަރުންގެ ވެސް ލައިފް ގާޑު އަޅުވަންވީ. ކަންަކަން ބޮއްސުން ލައިގެން ދިޔައިމާ ނޫނީ އަޅާނުލާ.
ކައްކާ
02 February 2025
ބޯޅަކުޅޭއިރު ކަށިމަތި އެޅުންވެސް މީގެތެރޭ ހިމެނުން މުހިންމު.
ސަލީމު އިދުރީސް
02 February 2025
އެހެންވީމަ ފެހުރިހި ބަލަން ނޫން އެހެން ބޭނުމެއްގަ އެސަރަހައްދުން ދުއްއުދުގެ ބުރަފަތީގަވެސް ގާޑު އަވައިގެން ދުވަން ޖެހޭނީ
ސިއްތި
02 February 2025
ރަނގަަަޅު ފިޔަވަޅެއްކަމުގަ ބެލެވޭ، ފަރުދުން ޒިއްމާދާރުކުރުވުން އެއީ ތަނެއް ކުރިއަރާ ތަހުޒީބުވުމުގެ އެއް އަސާސް،
މާހިރު
02 February 2025
ރާއްޖޭގައި ކަންކަން ހައްދުފަހަނައަޅާ ދިއުމުން އެއްވެސް ބެލުމެއްނެތި ކުށްލިއަކަށް ޤާނޫނާއި ޤަވާޢިދުތައް ހަދާއިރު އޮންނަނީ އޮންނާނެ ގޮތަކަށެވެ. ދެން އެހަދާ ޤާނޫނަކަށް ތަބާވާކަށްވެސް ނުޖެހެއެވެ. ބުރަފަތިން ޖެހި އަނިޔާއެއްލިބުމުގެ ޗާންސު އޮންނާނީ ހަމައެކަނި ފެހުރިހި ބަލަން ފައިބާ މީހުންނަށް އެކަނިތޯއެވެ. ކަނޑުވެ ބަޔަކު މަރުވެގެން ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށް ޤާނޫނެއް ހެދިޔަސް ހީވާގޮތުން މިހާރުވެސް ގިނަވާނީ ލައިފްޖެކެޓް ނާޅާ އުޅަނދުފަހަރެވެ.
އެކްސްކާޝާން ގައިޑް
02 February 2025
ތިކަހަލަ ކޮހުންނާ ހުރެ ދިވެހުރާއްޖެ ކުރިނާރަނީ، ކަމެއް ރަނގަޅު ކުރަން ކަން ކުރާ މީހާ ގޯސް ވާނީ، ކަލޭ ދެން މާ މޮޅީއާ ގޮސް މޮޅު ގާނޫނެއް ހަދާބަލަ. ނުވާނެ ކަލެޔަކަށް، ހަމަ ތިހެން އަނގަ ކޮހަކޮހާ އޮންނާނީ. ބުރަފަތީ ގަ ޖެހުމުގެ ޗާންސް އޮންނާނެ އެހެން ތަންތާވެސް އެކަމަކު ކަލޭ ނިކަން ދައްކަބަލަ އަރި އަތޮޅަށް މީހުން އެރޭވަރަށް އެރޭ އެހެންތަނެއް، ދާއިރާގަ ނޫޅޭ މީހުނަކަށް ނޭނގޭނެ
ޝިފާޒްް
02 February 2025
ދެރައީ މިކަހަލަ ކަންކަމާ ދެކޮޅު ހަދާ މީހުން މަދުންނަމަވެސް އުޅޭކަން. ދެކޮޅު ހަދަނީ ނުވިސްނޭތީކީ ނޫން. އެއީ ތިމާ ނުރުހޭ ވެރިއަކު ވެރިކަން ކުރާތަން ބަލަން ހަޖަމު ނުވާތީ. އެހެންވެ ރަނގަޅު ކަމެއް ކުރިޔަސް އެމީހުން ބަލަނީ ކޮންމެވެސް ގޮތަކުން އެކަންވެސް ގޯސްކޮށްލެވޭތޯ
ފައިރޫޒް
02 February 2025
އަހަންނަށް ރައީސް ގެ ފަރާތުން ފާހަގަވި ވަރަށް ބޮޑަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރަމުންދާތަން
އަބާން
02 February 2025
ތިކަހަލަ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފަ. ތީ ކުރި ވަރަށް ރަނގަޅު ކަމެއް.
ވަކީލްް
02 February 2025
ތަންފީޒު ނުކުރެވޭނެ ގަވާއިދެއް. ނަމަވެސް ހާދިސާއެއް ހިނގައިފިނަމަ އޭގެވެރިފަރާތް އަދި ކައްޕި އަށް ސަލާމަތެއް ނުވެނޭވެ. އަދަބު ބޮޑުކުރަންވީ.
ރަނގަޅު
02 February 2025
ރަނގަޅު ނިންމުމެއް. ތަންފީޒުވެސް ކުރެވެންވާނެ.