ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ: މިސްކިތު ފަންޑު ފޮށީގެ ކަންކަން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ފެބުރުއަރީ 2025 - 10:43
މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތަކާ ގުޅޭ ކަންކަން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެެ.
މިސްކިތްތަކުގައި އެކި ކަންކަމަށް އެހީ ހޯދަން ފަންޑު ފޮށި ބަހައްޓަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެކިއެކި ޖަމާއަތްތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެހެންވެ، މިސްކިތްތައް ބޭނުންކޮށްގެން ކުރާ އެފަދަ ކަންކަން ރެގިއުލޭޓްކުރާނެ ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓަން ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުންނެވެ.
އެ ގަވާއިދުގައި ހިމެނޭނެ ކަންކަމުގެ ތެރޭގައި، ހުއްދަ ތަކުރާރު ކުރެވޭނީ ހަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓު ރިޕޯޓު ހުށަހެޅުމުން ކަމަށް ވެސް ބަޔާންކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެ ގަވާއިދަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހަދަން ނިންމާފައިވާ ގަވައިދެކެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮއްޓަށް ލިބޭ ފައިސާ ބޭނުންކުރާ ގޮތުގެ ތަފްސީލު އެނގޭނެ ގޮތެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
02 February 2025
ޒކާތު ފަންޑަށް ވާގޮތުގެ ތަފްސީލް ރައްޔިތުން ބޭނުންވޭ.
އިސްމާލު2.0
02 February 2025
ޖަމިއްޔާތައް ހަދައިގެން މާލީ ބަޔާންތައް އާންމުނުކުރޭ. އޮޑިޓެއް ނުކުރޭ. އަހާރީ ޖަލްސާ ނުބާއްވާ. ހިނގާ ކޮމިޓީއެއް ނޯވޭ. ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލީމާ ހުރިހާ ކަމެއް ހަމަވީ. އަހަރުމެން ދިވެހިންވެސް މިހާރު ތަންކޮޅެއް ތަންދޮރު ދަންނަ މީހުންނަށްވާން އެބަޖެހޭ މިކަހަލަ ކަންކަމުގައި. އަދި، ޖަމިއްޔާތަކުގެ ރަޖިސްޓްރަރ ވެސް އެބަޖެހޭ ތަންކޮޅެއް ރަނގަޅަށް ޒިންމާތައް އަދާކުރަން.
ބުއްދިކާ
02 February 2025
ސަލާން ޖެހުމާއި ފަންޑު ފޮށި ބަހަށްޓާނެ ތަންތަން ގާއިމުކޮށް އެތަންތަނުގައި ވަކި ގަޑި އެއް ކަނޑައަޅައި އަދި އެގަޑި ތަކުގައި އެކަން މޮނިޓަރ ކުރެވޭނެ އުޞޫލު ޤާއިމު ކުރުން!
ބަޑޭރަމީޱު
02 February 2025
ޒަކާތުއައުސް އާއި ފީސަބީލިއްލާހިއަށް މިލިޔަނުން ރުފިޔާލިބޭ އެކަމަކު މިސްކިތެއް މަރާމާތުކުރަން ނޫނީ އެހެންކަމެއްކުރަންވީމަ ފަންޑު ފޮށި ބަހައްޓައިގެން އެއަށް އެއްޗެއްލިބިއްޖެޔާކުރާނީ ނުލިބިއްޖެއްޔާނުކުރާނީ މީމިމީހުންގެ އުސޫލަކީ!!؟؟
ބޯބުރާންތި
02 February 2025
ކާކަށްބާ މިލިޔުމުގަ މިސްކިތްތަށް މަރާމާތުކުރަން ފަންޑުފޮށި ބަހައްޓާވާހަކަ އޮއްވާފެނުނީ؟. ލިޔެފައޮތްއެއްޗެއް 20 ފަހަރު ކިޔައިގެންނަމަވެސް ފަހުމުވީމަ ކޮމެންޓުކުރުން ބުއްދިވެރި.
އަހުމަދޭ
02 February 2025
ރުޅި މަޑު ކޮށްލާފަ ރަނގަޅަށް ޚަބަރު ކިޔާލަބަލަ. މި ދައްކަނީ މިނިސްޓްރީން ފަންޑު ފޮށި ބަހައްޓާ ވާހަކައެއް ނޫނޭ. އެހެން މީހުން ބަހައްޓާ ފޮށީގެ ވާހަކައޭ.
އެޗް އެމް
02 February 2025
ތިއިން ކޮންމެ ކަމަކީވެސް އެކުރާ ބަޔަކު އާމްދަނީއެއް ހޯދަން ކުރާ ކަންކަން. މާބޮޑަށް ފުޅާވެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަން ފެށީމަ ގަވާއިދުތަށް ހަދަނީ. އެފްރިކާ އޭޝިއާގެ މުސްލުމް ސަރަހައްދުތަކުގެ ފެންވަޅު ބެހެއްޓުމާއި، ސްކޫލުއަޅާދިނުމާއި ރޯދަވީއްލުން ދިނުމާއި، އީދުހަދިޔާ ދިނުންފަދަ ކަންކަމުގެ ނަމުގަ ފަންޑުހޯދުން ވަރަށް އާއްމު. ހެޔޮ ކަމެއް ކުރުމަށް ހޭދަ ކުރުން ރަގަޅު. ކޮންމެބަޔަކު ބޭނުންކުރިޔަސް އެބޭކުރަނީ ބޭނުންޖެހިފަ ވާމީހެއް. މިގޮތްވެސް ރަގަޅު
ތުއްތު ކަލޯ
02 February 2025
މިސްކިތުގައި ސަލާމް ޖެހުމާއި ފަންޑު ފޮށި ބެހެއްޓުން ވަގުތުން މަނާ ކުރަންޖެހޭ!
ބަޑިތަކުރު
02 February 2025
އެންމެ މީހުންގިނައިން އުޅޭ ހޮސްޕިޓަލުގައި ބެހެއްޓި ފޮށްޓެއް ކަޅުކޮތަޅަށްލައިގެން ދިޔައީމާ ދެން މިސްކިތްތަކުގައި ބަހައްޓާ ފޮށްޓަށް ވާނީ ކިހިނެއްބާ؟
އަހުމަދުބެ
02 February 2025
މިކަހަލަ ކުދި ކުދި ބައިވަރު ކަންތައް އަސްލު އެބަ ހުރި އެކި ދާއިރާތަކުގައި ރަނގަޅުކުރަންޖެހޭ. ވަރަށް އުފާވޭ މިކަންވެސް ބަޔަކަށް ފެނިގެން ކުރާތީ، ކަމެއް ގޯސްވަންދެން މަޑުނުކޮށް.
ގުދުގުދާބެއްޔާ
02 February 2025
ތިޔަށް އެންމެ ފައިސާ ފޮއްޗެއްވެސް ނާޅާނަން! މީގެ ކުރިން ތިޔަށް ވާގޮތް އެގޭ!