ޝުއައިބް(ވ) އާއި އެޑަމް ----
03 ފެބުރުއަރީ 2025 - 12:29
އެހެން ގައުމުތަކުގެ މީހުން ރާއްޖެއަށް އައިސް ދިވެހި ކެއުންތަކުގެ އަޖުމަ ބަލައި އޭގެ ވާހަކަ ދެއްކުމަކީ އާންމު ކަމެކެވެ. އެކަމަކު، ޓިކްޓޮކްގައި މަގްބޫލު އިންފުލެއެންސަރެއް ކަމަށްވާ "ޝުއެއިބް ފްރޮމް ޗައިނާ" އޭނާގެ އާއިލާއާ އެކީ ރާއްޖެއަށް ކުރި ދަތުރުގައި އއ. އުކުޅަހުން ދިން ކެއުމުގެ ވާހަކަ ދެއްކިޔަސް އަހަރެމެން ދިވެހިން ވެސް ދަހިވާނެ އެވެ.
ޝުއައިބް ރާއްޖޭގައި ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ދަތުރުގައި ޓިކްޓޮކަށް އާންމުކުރި ރާއްޖޭގެ އެކި މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ ފަހަރު ބަލާފައި ވާއިރު އުކުޅަހު މުރިނގުގޭގައި އޭނާ އިންސާފުކުރި ރޭގަނޑު ކެއުމުން ދިވެހިންގެ މުއްސަނދި ސަގާފަތާއި އެކި ރަހަތަކުން ޝުއައިބުގެ އާއިލާ ކޮސް ކޮށްލި އިރު މި ކެއުންތަކުގެ ފަހަތުގައި އޮތީ ކެއްކުމަށް ކުޅަދާނަ މުރިނގުގޭ އާއިލާ އެވެ.
ޝުއެއިބް މާލޭގައި ހޭދަކުރި ދުވަހުގެ ޓިކްޓޮކް.
ރާއްޖޭގެ ޓްރެވަލް އޭޖެންސީއެއް މެދުވެރިކޮށް ޝުއައިބު ކުރި މި ދަތުރުގައި އޭނާ އުކުޅަހަށް ދިޔައީ މާލޭގައި ހުރުމަށްފަހު އެވެ. އެ ރަށުން ޝުއައިބްގެ އާއިލާއަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސީ މުރިނގުގޭ އަދުހަމް މުހައްމަދު (އުކުޅަހު އެޑަމް) އެވެ. ކެއުމާއި ކެއްކުމަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ މިގެއިން ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ފުރާލީ އާންމު ދިވެހި ކެއުންތަކުންނެވެ.
ޝުއައިބުގެ އަށް މެންބަރުންގެ އާއިލާއާ އެކު އެއްފުރާޅެއްގެ ދަށުގައި ހަމަ އެ އާއިލާގެ 35 މީހުން ދިރިއުޅޭ މުރިނގުގެއިން ތައްޔާރު ކުރި ބާވަތްތަކުގެ ތެރޭގައި ގަރުދިޔަ އާއި ބަތް، ފިހުނު މަސް، ތެއްލި މަސް، ފިހުނު ކުކުޅު، ދިވެހި ހަވާދުގައި ކުކުޅު، މަސް ބަތް، ރިހާކުރު، ވަޅޯމަސް ނޫޑުލްސް، ތެޔޮ މިރުސް ބަތް، ކިރުގަރުދިޔަ، ހުނި ރޮށި އަދި ކަރާފަނީގެ އިތުރުން މަސްކުރޮޅި ވެސް ހުއްޓެވެ.
މި ވީޑިއޯތައް ގިނަބަޔަކަށް ކަމުދިޔަ އެއް ސަބަބަކީ އެޑަމްގެ އޯގާތެރި މިޒާޖާއި އިނގިރޭސި ބަހުން މި ހުރިހާ ބާވަތްތަކެއްގެ ތަފްސީލް ޝުއެއިބަށް ކިޔައިދެމުންދިޔަ ފަރިތަކަމެވެ. ކޮންމެ ބާވަތެއްވެސް ކާންވީ ގޮތާއި، މޮޑެންވީ ގޮތް ކިޔައިދީ ފުރިހަމަ ދިވެހި ތަޖުރިބާއެއް މި އާއިލާއަށް ދިނުމަށްޓަކައި އެޑަމް ވީ ތައްޔާރީ އެވެ.
"ޝުއެެއިބް އައުމުގެ ކުރިން އޭނާގެ ވީޑިއޯތައް ވެސް ފެނި ވަރަށް ބޮޑަށް އެނގުނު ލޯކަލް ކެއުންތައް އޭނާ ވަރަށް ރަހަބަލާ ހިތްވާކަން. އެހެންވެ ހިތަށްއެރީ އަމިއްލައަށް ގޭގައޭ ތައްޔާރުކުރާނީ އެރޭގެ ކެއުން. ކޮއްކޮ ވެސް ވަރަށް މޮޅަަށް ކައްކާނެ. އަމިއްލަ ޕޭޖު ވެސް ގެންގުޅޭ. ހުރިހާ ރެސިޕީއެއް ވެސް އެޕްރޫވްކުރާނީ މަންމަ،" އަމިއްލަ ރެސްޓޯރެންޓެއް ވެސް އުކުޅަހުގައި ހިންގަމުން އަންނަ އެޑަމް ބުންޏެވެ.
އެޑަމްގެ ކޮއްކޮ، މަޒީނާ މުހައްމަދު ވެސް އަންނަނީ 17 ހާސް ފޮލޯވަރުންނާ އެކު އިންސްޓަގްރާމުގައި ރަށު ބަދިގެ ނަމަކަށް ކިޔާ ފުޑް ބްލޮގެއް ވެސް ހިންގަމުންނެވެ. ޓިކްޓޮކްގައި ވެސް އޭނާގެ ރެސިޕީތައް މަގުބޫލެވެ.
ޝުއެއިބް ހިއްސާކުރި ރާއްޖޭގެ ކެއުންތަކުގެ ވީޑިއޯ އެތައް ބަޔަކަށް ހާއްސަވިކަން އެނގޭ އެއް ކަމަކީ މި ވީޑިއޯތަކަށް ފަހު، އޭނާގެ އެކައުންޓް ބަލާ މީހުންގެ އަދަދު ލައްކައިން އިތުރުވެފައި ވުމެވެ.
އެޑަމްގެ އާއިލާއިން ބުނި ގޮތުގައި އާންމުކޮށް ވެސް މީހުންނަށް މިގޮތަށް ކައްކާތީ މިހާރު މިއީ ވަރަށް ފަރިތަކަމެކެވެ. ކެއްކުުމަށް ބޭނުންކުރާ އެކި ބާވަތުގެ ކެއުންތަކުގެ ލިސްޓުތައް ލިޔެ ހުންނަނީ ތައްޔާރުކޮށްފަ އެވެ. ޝުއެއިބްގެ މި ކެއުމަކީ ވެސް އާއިލާގެ ގްރޫޕަށް ހިއްސާކޮށް އެންމެންގެ ބައިވެރިވުމާ އެކު ފައިނަލްކުރި ލިސްޓެކެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތެރޭ މި ހުރިހާ ބާވަތްތަކެއް ތައްޔާރުކޮށް ނިންމާލި އެވެ. އެކި މީހުންނަށް އޮތީ އެކި ޓާސްކުތަކެވެ. މަސް ކަނޑާ މީހުން މަސްކަނޑާނީ އެވެ. އެއްޗެހި ކޮށައިދޭ ގްރޫޕުން އެކަން ކުރާއިރު، އަނެއް ބަޔަކީ ސާފުކޮށް، މޭޒުމައްޗަށް ތަށިތައް އަރުވާ ރީތިކުރާ މީހުންނެވެ.
"އެންމެ ކުޑައިރު ވެސް މި ގެ އަކީ ކާން ހަދައިގެން ކާ ބައެއް ނޫން. ތެލީގަ ހުންނާނީ. ކައްކަން ފަށާނީ ނޫޑުލީހުން. ޓޮމާޓޯ ދަޅެއް ލިބުނަސް ދާނީ ޕިކްނިކް ހަދައިގެން ކައްކަން. އެއަށްފަހު ބޮޑަށް މިިހެން ކައްކަން ފެށުނީ 2015 ގެ ފަހުކޮޅު އަމިއްލަ ގެސްޓް ހައުސް ހުޅުވައިގެން. އޭރު ނޭނގޭ ފްރައިޑް ރައިސްއެއް ހަދާކަށް ވެސް. އެކަމަކު މިހާރު އެއީ 2-3 މިނިޓުގެ ކަމެއް. މިހާރު ލައްޓިއެއް ފެނުނަސް ބޮލަށް އަންނާނީ އޭތިން ގަރުދިޔަ އާއި ފިހުނު އެކި ގޮތްތަކަށް ތައްޔާރުކުރެވޭނެ އެއްޗެހި،" ކެއްކުމުގެ ތެރެއަށް ވަދެވުނު ގޮތް އެޑަމް ކިޔައިދިނެވެ.
ރަސްމީ ގަޑީގައި އެޑަމް އަކީ ރަށު ސްކޫލު ސްޕޯޓްސް ސުޕަވައިޒަރެވެ. އޭގެ ފަހުން އޭނާ ފެންނާނީ ރަށުގެ ރެސްޓޯރެންޓެއްގެ ބަދިގެތެރެއިން ޝެފެއްގެ ގޮތުގަ އެވެ.
ޝުއައިބު އާންމުކުރި ވީޑިއޯގައި މުރިނގުގޭ ސުފުރާގެ އިތުރުން ވެސް ވަރަށް ހާއްސާ އެހެން ކަމެއް ފެނުނެވެ. އެއީ އެ ގޭގައި މިހާރު ވެސް ރިހާކުރު ކައްކަން ބޭނުންކުރާ އިހުގެ ދަރު އުނދުނާއި ދުމަށި ހުރި ބަދިގެ އެވެ. މިއީ ވެސް ޗައިނާގެ މި ފަތުރުވެރިޔާ ހައިރާންކުރުވި ކަމެކެވެ. މި ބަދިގޭގައި ރިހާކުރު ކައްކަނީ އެޑަމްގެ 65 އަަހަރުގެ މަންމަ އެވެ. މިއީ ގިނަބައެއް އިތުބާރު އޮންނަ ރަހަ މީރު އަދި ބައެއްފަހަރު ރިސޯޓުތަކަށް އަދި އާންމުނަށް ވެސް ވިއްކާ ރިހާކުރެކެވެ.
ޝުއެއިބް ޕޯސްޓު ކުރި އެހެން ޓިކްޓޮކެއްގައި އޭނާ ވަނީ އުކުޅަހުގައި އޭނާ އެއް ދުވަސް ހޭދަކުރާ ގޮތް ވެސް ދައްކައިފަ އެވެ. އަދި އާއިލާއާ އެކު މަހަށް ގޮސް، ދިވެހި ސީފުޑްގެ އެކި ބާވަތްތައް ހިމެނޭ ރޭގަނޑުގެ ކެއުމެއް ވެސް މި އާއިލާއިން ވަނީ ޝުއައިބަށް ތަޖުރިބާކޮށްދީފަ އެވެ.
"ޝުއެއިބުގެ އާއިލާގެ އެކި މީހުންނަށް ކަމުދިޔައީ އެކި ބާވަތްތައް. އަންހެނުންނަށް ފޮނި އެއްޗެހި ވަރަށް މީރު. ބޮޑަށް އެންމެނަށް ވެސް ކަމުދިޔައީ އަހަރެމެންގެ އަމިއްލަ ރެސިޕީތައް. ސްވީޓް ކަޓްލް ފިޝް، ތެޔޮ މިރުސް ބަތް، ވަރަށް ކަމުދިޔަ" އެޑަމް ބުންޏެވެ.
އުކުޅަހުގައި ޝުއެއިބްގެ އެއް ދުވަސް
ރާއްޖެއަށް މީގެ ކުރިން އައިސްފައިވާ ބޭރު މީހުން ވެސް މި ވީޑިއޯތައް ފެނި ކޮމެންޓުކޮށްފައި ހުއްޓެވެ. ގިނަ ދިވެހިން ވެސް ވަނީ އެޑަމްގެ އާއިލާއިން އަސްލު ދިވެހި ރަހަތައް ޝުއެެއިބްގެ އާއިލާއަށް ތަޖުރިބާ ކުރުމަށް ދިނީތީ ޝުކުރުއަދާކޮށްފަ އެވެ.
ޓިކްޓޮކްގައި ޝުއެއިބް އޭނާގެ ޓްރެވަލް ވްލޮގްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހަލާލު ކާނާތައް ޕޯސްޓްކުރަން ފެށީ 2023 ވަަނަ އަހަރު އެވެ. މިހާތަނަށް 30 ގައުމަށް ދެވުނުއިރު، އޭނާ ފާހަގަކުރާގޮތުން ދިވެހި ކެއުމަކީ މިހާތަނަށް ކެވުނު އެންމެ "ޔުނީކް" ބާވަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކުޅަސް
04 February 2025
އެކްޓްރީމް ޓޫރިޒަމް
ސަލީމު އިދުރީސް
03 February 2025
ރައްބޮޑުނޫނަސް އާބާދީމަދައް އެރަށެއްގަ އުރިހާއްސަ ސިފަތަކާއެކު އިއްޣޫތިސޯދަކައް ބަދަލު ކޮއްލެވިއެްޖެނަމަ އެރަކުން އެރެއްގެ ހަރަދު ޖެލުމުގެ އިތުރައް ސަރުކާރައް ބޮޑުނަފާލިބި އަބިދަރިން ކައިރީގަ ވަޒީފާ އަދާކުރެވޭނެ ގޮތްތައް ރައްތަކުގެ ބޭނުން ހިފައިގެން ދިވެހިންގެ ހެޕިނަސް އިންދެކްސް މަތިކުރެވޭނީ! ޢުޅަސް މީނަމޫނާ ރަށެއް އާބާދީމަދުވެގެން ރައްކުޑަވެގެން ބަދަލުވާނަމަ ބަދާވާނެ ގިރައްތަކެއް ތިހިސާބުގަ އެބަހުރި
ކޮއްކޮގެ ބޭބެ
04 February 2025
ކޮއްކޯ ސަލީމު. ދިވެހިބަހުގެ މުދައްރިސެއްގެ ގާތަށް ގޮސްގެން ނަމަވެސް، ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ދަސްކޮށްލުމަކީ ވަރަށް މުހިންމު ކަމެއް. އަމިއްލަ މާދަރީބަހުން ރަނގަޅަށް ލިޔެކިޔަން ނޭނގުމަކީ ވަރަށް ލަދުވެތިކަމެއްނު ދޯ؟
އިސްމާޢިލު
03 February 2025
މިއީ އަހަރެން އަބަދުވެސް މިބުނާ ވާހަކައަކީ. އަހަރުމެންނަށް ރާއްޖެ ގެނެވޭނެ އިސްލާމީ ޤައުމުތަކުން މީހުންވެސް. ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްތަކަށް. އެމީހުން އަސްލު މިތަނަށް އަންނަނީ ރާބޯކަށް ނޫން. މިތަނުގެ ރީތި ދޮންވެލިގަނޑާއި ރީތި މޫދަށް އެރިލާހިތުން. ބިކިނީލައިގެން ރަށުތެރޭގައި ނުހިނގިޔަސް ޑޮލަރު ލިބޭނެ އިރާދަކުރެއްވިއްޔާ. ސާބަސް އާރްޑީ ޓުއަރސް.
އިހްސާސް
03 February 2025
ޑުރޯން ޝޮޓުތައް ނެގީ ޑިފެންސްގެ ހުއްދަ ލިބިގެންތޯ؟
ހހހހރ
05 February 2025
ޔެސް ސަރ!
ކިއްލާ2222
03 February 2025
ޝެފަކަށް އުޅޭ އިރު ހާދަ ތުބުޅި ގަޑު ދިގޭ! މީ ހައިޖީން ގެ އާ ލެވެލް އެއް ދޯ
ގަމާރުރ
03 February 2025
އަންހެން ޝެފުން އިސްތަށިގަނޑު ވަރަށްދިގު. ބޯވެސް ބާލައިގެން އުޅެންވީނު
ޑެޑީ
03 February 2025
ކަލެއާ ކޮންބެހޭކަމެއް.
ކައްކާ
03 February 2025
ތުނބުޅިންތަ ދައްކަނީ ފަހެ.... ތަންކޮޅެއް ތަހުޒީބު ވެބަލާ
އެއީ
03 February 2025
ނުބެހޭ އެއްކަމެއް ވެސް ނެތީއެ ދޯ
ދިވެހި ދަރި
03 February 2025
ތުނބުޅި ހުތުރެއް ވެސް އަން ހައިޖީނިކެއް ވެސް ނުވާނެ މުސްލިމުންނަކަށް.. މިއޮށް ފަދަ ޒަމާނުގައިވެސް މިކަހަލަ ވިސްނުން ހުންނަ ދިވެހިން އުޅޭތީ ހައިރާންވޭ....
ބަދުރިއްޔާ
03 February 2025
ހުރިހާ ކަމަކާ ނުބެހި ހުރެބަލާ!
ފެންނާނެ
04 February 2025
މިހުރިހައި ކަމަކުންވެސް ފެނުނީ ތުނބުޅި ދޯ. އެމީހަކު ބަލަން ބޭނުން އެއްޗެއް ތަސްވީރުން ފެއްނާނީ