ފަޒުލް: އޭނާގެ ގެ އިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ވަނީ ހަވާލުކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ . މިހާރު
04 ފެބުރުއަރީ 2025 - 12:45
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު، ފެނުނު 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފަ އެވެ. އެ ދަބަހުގައި 1.4 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފަ އެވެ.
ފަޒުލްގެ ގެއިން ފެނުނު ފައިސާއާ މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ "ރިލެކްސް ފެރީ ސާވިސް" ނަމަކަށް ކިޔާ ކުންފުންޏަކުން ހަވާލުވެފައިވެ އެވެ. އެ ކުންފުނިން އޭރު ބުނެފައިވާ ގޮތުގައި އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ އެވެ.
ރިލެކްސް ފެރީ ސާވިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ މުއާމަލާތްކޮށް، ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އެ މަސައްކަތުގެ ފެންވަރު ރަނގަޅުކަމުން ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލާގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "މިހާރު" އަށް ކުރިން ވިދާޅުވީ ފަޒުލްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. ކުރިން ނެރެފައި އޮތް ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އަށް ވުރެ އިތުރަށް ފުލުހުން އެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުބުރޯ ވަގުޗޯރު
05 February 2025
މީހުން ބުނެ އުޅެއެވެ. ދައުލަތުގެ ކާއްޓެއް ކަންޏާ ކުޑަކާއްޓެއް ނުކާށެވެ. ބޮޑެތިކާށި ކާން އެބުނާ ސަބަބު މިހިރަ ފެންނަނީއެވެ. 'ދެ ސަމްސަލުގެ ކިރާއި ކޮފީކޮޅެއް' ގެޔަށް ގެންދިޔަ ނަމަ ވަރުފަށެއް އަރުވާލީހެވެ. ޕޮރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާވަރަށް ޕޮލިހުން ކިތާބީ ހެކިވެސް ހޯދާނެއެވެ. ހުކުމެއްވެސް ކުރާނެއެވެ. ކޯޓުތައް ކޮރަޕްޓޭ ކިޔަނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މުޅިސިސްޓަމް ކޮރަޕްޓެވެ. ވަގުން ނުކުމެ ވަގުންނަށް ވަގަށް ގޮވަނީ އެހެންވެގެންނެވެ.
ހާދަ ހެޕީއޭ
05 February 2025
ހެޕިނެސް އިންޑެކްސް ޓު ދަ މެކްސް!
ޝެލަރީ
05 February 2025
ހިނިގެޅޭކަހަލަ ވާހަކަ
ޤައުމިއްޔަތު އެބަދިރޭ
05 February 2025
ކުރިން ބުނެއުޅޭ ވެރިއަކަށް 1 ދުވަހޭ ވަގުންނަށް ހާސް ދުވަހޭ. މިހާރު މި ޤައުމުގަ ހުރިހާ ދުވަހަކީވެސް ވަގުންގެ ދުވަސް. ސަބަބަކީ ވެރިންވެސް ވަގުންނަށްވީމާ ދެން ހާސްދުވަހުން އޮންނަ 1 ދުވަސްވެސް ވަގުންގެ ދުވަހަކަށް ބަދަލުވެފަ އޮތީމަ
ރިޓާރންޑް ވިތު އިންޓަރެސްޓް
05 February 2025
ތީ ބޮޑު ޖޯކެއް. ބޮޑެތި ކުންފުނިތަކުން ދަބަހަށް ފައިސާ އަޅައިގެން ނަގުދު ފައިސާއިން މުޢާމަލާތްކުރާ ޒަމާނެއްނޫންދޯ މީ. ދެން ޙަވާލުވެލާފަތަ ތިއޮތީ. ތި ޙަވާލުވީ މީހުންގެ ނަމުގައި ހުޅުމާލޭގަ ބިމެއް އެބައޮތް. ގުޅުމެއް އޮތްތޯ ބަލަންވީނުން. ފަޒުލް ގެ ލޯންޗް ބަންނަ ކުންފުނިވެސް ތި ހިންގަނީ ހާދަ ކަޓުމުއްލާ ގޮތަކަށޭ. ބޭންކަށް އިތުބާރު ނުކުރެވޭތީ ދީ ނަގުތު ފައިސާއިން ޑީލް ކުރަނީ. ކުންފުނީގެ އޮފީހުގެ ތިޖޫރީގަ ނުބަހައްޓާ ގޭގަ ދަބަހެއްގަ ފައިސާ ތިހުރީވެސް
ބަޑިތަކުރު
05 February 2025
ކުޑަކުއްޖަކުވެސް ގަބޫލު ނުކުރާ ޒާތެއްގެ ވާހަަކައެއް ބުނެލާއިރަށް ފައިސާކޮޅު ދޫކޮށްލީއެވެ. ދެން ތިޔަ މީހާގެ މައްސަލަތައްވެސް ދޫކޮށްލާފައި ބޮޑު މަގާމެއް އަލުން ދޭށެވެ. އަދަބެއް ދެވޭވަރަށް ކޮރަޕްޝަންގެ ލެވެލް ހުރީ މާމަތީގައެވެ. މި ރާއްޖޭގައި އަދަބު ހައްގުވާނީ ތަންކޮޅެއް ކުދިކުދި ކުށް ކުރީމައެވެ.
ޓީމް މަލްޝާ / ޝިޢުނާ
05 February 2025
ޝުކުރިއްޔާ ރައީސް...
ޑރ ވާންޗޯ
04 February 2025
އަޅުގަނޑުގެ ސަލާން ފަށްފަށުން މިވެރިކަމަށް،
ޑރ ވާންޗޯ
04 February 2025
މިގައުމުގަ ކޮންމެ ވެރިކަމެއްގަވެސް އުޅޭބައެއް، އެއިން މީހަކު ރޯމާދުވާލު ޕަބްލިކްގަ މަގުފޭރެމުން ދުވިޔަސް ސާބިތެއްނުވާނެ.
އަމައްޔާ
04 February 2025
ދެންވާނީ ކިހިނެއްބާ؟ ލިބުނުގެއްލުމަށް ހަމަތިވަރު ދޭންނުޖެހިއްޖެނަމަ ކަލާކޯ!