އެންސްޕާ: އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ފެބުރުއަރީ 2025 - 16:17
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަސް އަހަރުގެ މުއްދަތަކަށް އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށް އިއުލާނުގައި ވެ އެވެ.
އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.
ޕްރޮޖެކްޓްގެ ބިޑު ހުށަހަޅަން ޖެހޭނީ މި މަހުގެ 16 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވާނީ ޖެހިގެން އަންނަ 17 ވަނަ ދުވަހު އެވެ.
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާން ކުރިއިރު، އެންސްޕާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.
އެންސްޕާ ހިންގަން ތިން ފްލޯ އޭރު ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިންނެވެ. އެކަމަކު އެެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.
އެ މައްސަލާގައި ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ޓެންޑަ ބޯޑުން ނިންމުމުންނެވެ.
އެ ގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓް މަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް އެތަނުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާ އެވެ.
އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މައްސަލާގައި އެންމެ ފަހުން އެއްބަސްވުން ބާތިލުކުރީ އެވެ.
އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
05 February 2025
ބޭނުންވާ އިމާރާތާ އެތަނުގެ ޑީލް ހަމަޖެހުނީމަ ބިޑްހުޅުވާގޮތަށް ކަންތަށް ތިޔައޮތީކޮށްފަ. ޑައިރެކްޓް ޑީލް އެއްގެދަށުންނޫނީ ނުދޭނެވަރުގެ ބިޑްސެކިއުރިޓީއެއް. ކޮންކަމަކަށް ބަލާފަތޯ ތިވަރުގެ ބިޑްސެކިއުރިޓީއެއް ދޭންމިޖެހުނީ؟.
ބޭކާރު ބޭކާރު!!!
05 February 2025
ކީއްކުރަން ހޭ ބޭކާރު ހަރަދު ކުރަނީ؟ މިހާރުވެސް އެހެރީ ޖެންޑާ ފެމިލީ މިނިސްޓުރީ އަށް ވަރު ހުރި އިމާރާތެއް ދީފަ ހުޅުމާލޭން، އެކަމަކު ވާކަމެއް ހަރާން! އެތަނަކަށް ރައްޔިތުން ހުށަހަޅާ މައްސަލަތައް އަވަސް އަރުވާފަ ފައިލު ކުރަނީ، ނޫނި މައްސަލަ ނުބަލާ، ގެއްލުވާ، ބޮލުން ކަޓުވާ، ޖަވާބުދާރީނުވެ ތިބެފަ ރައްޔިތު މީހަ ގުޅީމަ މި ޗެކުކޮއްފަ ގުޅަނީ ރިވިއުކުރަނީ އިން ނުނެއްޓި އެތިބެނީ އެމީހުން! އެހެންވީމަ އިމާރާތަކުން ވާ ކަމެއް ނެތޭ ފެންނާކަށް. ހުސް ފެއިލުއާ ހަމަ!
މިނިސްޓުރީ އޮފް އެފިޝިއަންސީ ބައި އެލަން
05 February 2025
ކަލޭނޭ ރާއްޖެ ސަރުކާރު އެލަން މަސްކު އާ ހަވާލު ކުރަންވީ. އޭރަށް މިއޮތް ޓެކު ޒަމާނު ތިޔަ ހޯދާ ބޭކާރު އިމާރާތް ތަކާ ޕާޓީ މީހުންނަށް ވަޒީފާދޭން ކުރާ ހަރަދުގެ ޖަރީމާ ކުޑަ ކުރެވޭނެ!!
ޚާންޖީ
05 February 2025
ޚޯޓްގައި ޖާގަ ދަތިވިޔަސް ފަރުވާލެއް ނެތެވެ. އެންސްޕާގައި ޖާގަ ނެތީއްޔާ މައްސަލައެކެވެ.
ބަޑިތަކުރު
05 February 2025
ފިނޭންސް މިނިސްޓަރކަންކުރި އެންމެން ފިނޭންސް މިނިސްޓްރީއަށް އެޑްވައިޒަރުންނަށް ލައިގެންވެސް ދައުލަތުން އިސްރާފްކުރަމުން މިގެންދާ ފައިސާ ސަލާމަތްކުރުމުގެ ވިސްނުމެއް އެއްވެސް ސަރުކާރަކަށް ނާންނާތީ ހައިރާންވެއެވެ. ލޯނުނަގައިގެންވެސް ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގ ހުސްކުރި ތަންތަނުގައި 25 ބުރީގެ އިމާރާތްތަކެއް އަޅައިގެންވެސް މުސްތަގްބަލަށް ބަލާއިރު އޭގެ ފައިދާ ބޮޑުވާނެއެވެ. އެކަމަކު ނިންމަންތިބި ބަޔަކަށް މަންފާކުރާކަމެއް ބަދަލެއް ނުކުރާނެތާއެވެ.
ތަކުރު...
05 February 2025
ބިޑް ސެކިއުރިޓީއަށް މިހާ ބޮޑު އަދަދެއް ޖަހަން ޖެހުނު ސަބަބެއް ހީނާ ވަލީދު ސާފު ކޮށްލަދިނުން އެދެން.
އަލްޖިބްރރާ
04 February 2025
ބިޑް ސެކިއުރިޓީގެ ގޮތުގައި ހާދަކުޑަވަރެއް . މިލިއަނެއް ޖަހާލާ. އެހެންބަޔަކު ކުރިމަތިލިޔަ ނުދީ. ތިތިބީ ބިޑްކުރަން ވަރަށްމޮޅަށް ދަސްވެފަ.
ޙަމްދާންބެ
04 February 2025
ޢެސްޓީއޯ ޓްރޭޑް ސެންޓާގެ ޖާގެއް ދޭށޭ ބުނީމަ ލިބޭނެ، ހެޔޮ ކުލި ނުދިނަސް، ކަޓް ލިބޭނެ ތަނެއް ފެނޭތޯ ބަލާތި ރަނގަޅަށް.
ަސދފ
04 February 2025
ޓީވީ ސްޓޭޝަނެއް ހޯދަން ކުރިނަމަ..
ޖޯރޭ ޖައުފަރު
04 February 2025
ދެ މިނިސްޓްރީ އެއްކޮށްލީމަވެސް ތަނެއް ބާކީ ނުވި؟