ޗާގޯސްގެ ޑިއެގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުން ޖެޓެއް ފުރައިގެން ދަނީ: ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއާ ހަވާލުކުރިޔަސް މި ރަށް ދޫކޮށްލުމުގެ ވިސްނުމެއް ޔޫކޭއަކުން ނުގެންގުޅޭ.
06 ފެބުރުއަރީ 2025 - 06:14
އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮންނަ ޗާގޯސް، މޮރިޝަސްއާ ހަވާލުކުރަން ހެދި އެއްބަސްވުމަށް ބަދަލުތަކެއް ގެނައި ނަމަވެސް ޗާގޯސްގައި އެމެރިކާއާ އެކު އަސްކަރީ މަރުކަޒު ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ކުއްޔަށް ދޫކޮށްފައި ބާއްވާނެ މުއްދަތު ކަނޑައެޅުމާ ބެހޭ ކަންކަމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ޔޫކޭ އިން އިއްޔެ ބުނެފި އެވެ.
ޔޫކޭގެ ފޮރިން މިނިސްޓްރީން ވަނީ އަސްކަރީ ބޭސް އޮންނަ ޑިއޭގޯ ގާސިއާ ބޭނުން ކުރުމަށް އިނގިރޭސިވިލާތުން މޮރިޝަސް އަށް 18 ބިލިއަން ޕައުންޑް (22 ބިލިއަން ޑޮލަރު) އާ ހަމައަށް ފައިސާ ދޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދީފަ އެވެ.
އިނގިރޭސި ވިލާތުން ކުރިން އިސްތިއުމާރުކޮށްފައި އޮތް މޮރިޝަސް އަށް 1960ގެ ތެރޭގައި އިނގިރޭސި ވިލާތުން މިނިވަންކަން ދިން ނަމަވެސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލަމުން އައި ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން ދޫކޮށެއްނުލަ އެވެ. އެކަމަކު ބައިނަލްއަގުވާމީ ކޯޓާއި އދ.ގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަމުން ދިއުމާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފަ އެވެ. އެކަމަކު ޑިއެގޯ ގާސިއާ މިހާރުވެސް ހިންގާ ގޮތަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ޝަރުތުތަކާ މެދު އަލުން މަޝްވަރާ ކުރުމަށް ގޮވާލެއްވި މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް އަންގާރަ ދުވަހު ވަނީ އެއްބަސްވުމަށް ގެނައި ބަދަލުތަކާ އެކު، ޑިއެގޯ ގާސިއާ ކުއްޔަށް ދޫކުރުމުގެ ޝަރުތުތައް 99 އަހަރަށް ވުރެ އިތުރު ކުރުމުގެ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ ޔޫކޭ އިން ބޭނުންވާ ނަމަ އިތުރު 40 އަހަރަށް އެތަން ލިބޭ ގޮތަށް ކަމަށާއި އެކަމަކު މިހާރު އެކަމުގައި މޮރިޝަސްގެ ރުހުން ބޭނުންވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
"ކުލީގެ މުއްދަތު އިތުރުކުރުމާ ގުޅޭ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނަން،" ޔޫކޭގެ ފޮރިން އޮފީހުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައިވެ އެވެ.
ރަމްގޫލަމް ވަނީ ޔޫކޭ އިން މޮރިޝަސް އަށް ބަދަލުގެ ގޮތުގައި ދޭން އެއްބަސްވެފައިވާ ނުވަ ބިލިއަން ޕައުންޑް 18 ބިލިއަނާ ހަމަޔަށް ބޮޑުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި އަދަދުތައް ދިމައެއް ނުވޭ އަދި އެ ވާހަކަ ދައްކަނީ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް،" ޔޫކޭގެ ބަޔާނުގައިވެ އެވެ.
އަނެއްކޮޅުން ރަމްގޫލަމްގެ އޮފީހުން ވަނީ 18 ބިލިއަން ޕައުންޑާ ހަމަޔަށް ބަދަލު ދޭނެ ކަމަށް ރަމްގޫލަމް ވިދާޅުވެފައި ނުވާ ކަމަށް ބުނެ، މީޑިއާ ރިޕޯޓްތައް ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 February 2025
އެއް އިރަކުވެސް މޮރިޝަޗސް ގެ ބަޔަކު ގަ އެއް ނޫޅެ އެވެ. ޗާގޯސް ހުސް ގެ ބަޔަކު މޮރިޝަސް އަށް ގަދަ ކަމުން ގެންދިޔަ އެވެ. ރާއްޖެއިން ދޫދިނުމުގެ ސަބަބުން ރާއްޖެ އަށް ވ ބޮޑޫ ގެއްލުމެއް ލިބިއްޖެ އެވެ. އެތައް އަހަރެއް ވީ މައްސަލަ އެއް އެންމެ ސިޓީއަކުން ނިމުނީ ވެރިމީހާ އިންޑިޔާގެ އަށް ވަފާތެރި ވުމުގެ ސަބަބުންނެވެ.
އާދަނު123
06 February 2025
ޗާގޯސް އެއީ މޮރިސަސްގެ ތަނެއް ނޫން އެއީ ރާއްޖޭގެ ބައެއް، ކީވެ ރާއްޖެއިން އެތާގެ ވާހަކަ ނުދައްކަނީ، އެތަން މޮރިސަސް އަށް ލިބިޖެނަމަ ރާއްޖެ އަށް ވ ބޮޑު ގެލުމެއް ވާނެ މަސްވެރިކަމުންނާ ޓުއަރިސްމް އިން ވެސް
ތާކިހާ
07 February 2025
އެއީ ރާއްޖެތަނެއް ނޫން. އެއީ މާލޭ މީހުންގެ ތަނެއް!