ޚަބަރު / ޖުޑީޝަރީ

ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ސިވިލް ކޯޓު: ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: މިހާރު

06 ފެބުރުއަރީ 2025 - 11:09

7 comments

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސުޕިރިއާ ކޯޓު ކޮމްޕްލެކްސްއެއް މިއަހަރު ތެރޭގައި ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދަން ސަރުކާރުން އިސްކަން ދެއްވާ ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން އިއުލާން ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށެވެ.

"މިކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތަވާލުކޮށް މައްސަލަތައް ކުރިއަށް ގެންދިޔުމަކީ މިހާރަށް ނުހަނު މުހިންމު ކަމެއް. މިކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންދެން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއެއް މި އަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކޮމްޕްލެކްސް ނިމެންދެން ވެސް ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ޖާގަ ތަނަވަސް އިމާރާތްތަކަށް ބަދަލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ދެ ކޯޓު ބަދަލުކުރަން ހުޅުމާލޭގެ ކުރީގެ ކޮވިޑް ފެސިލިޓީ މިހާރު އަންނަނީ ތަރައްގީ ކުރަމުންނެވެ.

"އެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އޮގަސްޓް މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ."

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުބާ ދަންނަނަވަނީ.---ފޮޓޯ: މަޖިލިސް

ރައީސް ވިދާޅުވީ ކޯޓުތަކަށް ޖާގަ އިތުރު ކުރުމުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ގިނަ ކޯޓުތަކެއް ހުރި ނަމަވެސް، އެ ކޯޓުތަކުގެ ދާއިމީ އިމާރާތެއް ނެތެވެ. އެ ދާއިރާއަށް ހާއްސަކޮށް ހުރީ މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ ޖަސްޓިސް ބިލްޑިން އެކަންޏެވެ. މާލޭގެ އެހެން ކޯޓުތައް ހިންގަމުން ދަނީ ވަގުތީ އިމާރާތްތަކުގަ އެވެ.

ޖިނާއީ އެންމެ ގިނަ ޝަރީއަތްތައް ހިންގާ ކްރިމިނަލް ކޯޓު ހިންގަނީ ކުރީގެ ބާ އިމާރާތެއްގަ އެވެ. ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު، އެ އިމާރާތުގެ ބޮޑު ބައެއް މިހާރު ބޭނުމެއް ނުކުރެވެ އެވެ. އަދި ބޯކޮށް ވާރޭ ވެހިއްޖެނަމަ ޝަރީއަތްތައް މެދުކަނޑާލަން ޖެހުން ވަނީ އާންމު ކަމަކަށްވެފަ އެވެ.

ދެން އެންމެ ގިނަ ޝަރީއަތްތައް ހިންގާ ސިވިލް ކޯޓަށް ވެސް ވަނީ ޖާގައިގެ ދަތިކަމާ ކުރިމަތިވެފަ އެވެ. އަދި ފެމިލީ ކޯޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހާލަތު ވެސް ދަށެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓު ވެސް ހިންގަނީ ވަގުތީ ގޮތުން ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގަ އެވެ. އެ ދެ ކޯޓަށް ވެސް ދާއިމީ އިމާރާތެއް އަޅަން އެކި ފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

މައްސަލަތައް މަދުކުރަން ނަސޭހަތުގެ އެއްބަސްވުމުގެ ނިޒާމް ހަރުދަނާ ކުރަނީ

ރައީސް ވިދާޅުވީ ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށްތައް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނިޒާމް ހަރުދަނާ ކުރުމަށް ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި އަލަށް ކުދި ކުށްކުރާ މީހުން ކުށަށް އިއުތިރާފު ވާނަމަ އެމީހެއްގެ މައްޗަށް ދައުވާ ނުކޮށް ހަދާ އެއްބަސްވުމެވެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ ކުރީގެ ކުށާއި ފަހުން ކުރި ކުށުގެ ދެ ދައުވާ ވެސް ކޯޓަށް ހުށަހަޅަ އެވެ.

"ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ޝަރުއީ ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަސީލަތްތައް ބޮޑެތި، ހައްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން ހުށަހެޅޭ މައްސަލަތައް ނުނިމި ކޯޓުގައި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގައި ކަމަށާއި އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެންދާ ކަމަށެވެ.

ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް ގާޒީންގެ އަދަދު ކިތަންމެ ގިނަ ކުރިޔަސް، މި ދެ ނިޒާމް ރަނގަޅަށް ނުހިންގާނަމަ ޖިނާއީ އަދުލުގެ ނިޒާމަށް އެކަށީގެންވާ ހައްލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރަން ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިޝަމު

06 February 2025

އަސްލު ރައީސް އަކީ އަބަދުވެސް މުއީޒް މީ ސީދާ ގައުމު ކޮޅައއ ޖަހާނެ ރައީސް އަކީ ވީ މާ މި ރައީސް އަބަދުވެސް ވެރިކަން ކުރާނެ

The name is already taken The name is available. Register?

ވަކީލާ

06 February 2025

ކޮންމުޕެހަކުން ހައްލެއްނުވާނެ. ހައްލުވާނީ މަސައްކަތް މޮނީޓަރކޮށް ފިޔަވަޅު އެޅިގެން. މުވައްޒަފުން އުޅެނީ ބޭރުގަ. ދެން ބުރަކަމުން އެކަމު ދެއަހަރު ވާއިރު ތާވަލުކޮށްނުލެވޭ. ސިވިލް ކޯޓުން ބޭންކު މައްސަލަ ނިންމައިގެން ނިމުނު އަދަދު މަތިކޮށްގެން ގާޒީން އެެތިބެނީ ހެވިފަ ހާހުން ނިންމައިފީމޭ ކިޔާފަ. އެކަމު އާންމު ރައްޔިތު މީހާގެ މައްސަލަ ހުކުމް ނުކުރެވޭ އަޑުއެހުން ނިންމާ 2 އަހަރު ވާއިރުވެސް. ވަސީލަތް ނެތިއްޔާ ވަކި އެެއްޗެއް ނުނިންމާ އިހުތިޖާޖުކޮށްބަލަ

The name is already taken The name is available. Register?

ސައުދުބެ

06 February 2025

މަދަނީ އަދުލުގެ ނިޒާމު ހުއްޓި މަދަނީ މައްސަލަތައް ފުނިޖެހި ސިވިލް ކޯޓަށް މީހުންކުރާ އިތުބާރު ގެެއްލުންއިރު އެވާހަކައެއްނެތް. މަސައްކަތް ނުކުރާ ގާޒީންނާއި މުވައްޒަފުންގެ ސަބަބުން އެތަން އެހެރަ ހުއްޓިދަނީ. އެކަމުވެސް އެކަން ހައްލެއްނުކުރޭ. ދައުވާ ފޯމު ރައްދުކުރަން ހަތަރު ފަސްމަސް. ފޯނެއް ނުނަގާ. ދިޔައިމަ މީހަކާ ދިމާނުވޭ. އަބަދު ބުރޭކަށްގޮސް ނޫނީ މިވަގުތު ނެތް.

The name is already taken The name is available. Register?

އިބްރާ

06 February 2025

ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ ވާހަކަ މިދިޔަ ނޮވެންބަރު މަހު ރައީސް ވާހަކަފުޅެއްގައި ވިދާޅުވީ މިއަހަރު އެޕްރީލް ހިސާބު ނިމޭނެކަމަށް. އިބްރާހިމް ސަރުކާރުން ފެށިގެން ކުރާ މަސައްކަތެއް. އަދިވެސް ވަނީލަސް. އިބިލީހު ކައިވެންޏަށް ވެއްޖެ. ވަގުތީތަނެއް މިހާ ދުވަހުނއ މިހަދަނީ ކިހާ ފެންވަރެއްގަ ކިހާ ފައިސާއެއް ހަރަދުކޮށްގެންބާ

The name is already taken The name is available. Register?

ޖުނޯ

06 February 2025

ހުޅުމާލޭގައި ގާއިމުކުރާ ކުރިމިނަލް ކޯޓްގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެމަސް ދުވަސްވީ. ދެން ކިހެނެއްތޯ އެވިދާޅުވާ ތާރީޚު ތަކުގައި ހުޅުވާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

ވަންނާނެ ތަނެއް ނެތްކަމަށް ބުނެ މަކަރާއި ހީލަތް ހަދައިގެން ފުލެޓް ހޯދައި އެ ފުލެޓްތައް ތިރަށަށް ކުލީ އަޅުންގެ ގޮތުގައި ޖަމާކޮށްފައި ތިބި މީހުނަށް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ތިރަށު މީހުނަށް ދައުލަތުން ފުލެޓް އަޅާދިނުމުގެ ބަދަލުގައި ސަރުކާރު އޮފީސްތައްހިންގާނެ އިމާރާތްތަކެއް ހުޅުމާލޭގައި ހެދުން މާރަނގަޅު. މިހާރުވެސް ކ.މާލޭމީހުންގެ ގެދޮރު ކުއްޔަށްހިފައިގެން އޮފީސްހިންގުމަށް ތިރަށުނމީހުންނަށް ކުލި ދިނުމަށް މަހަކު 50 މިލިޔަނެއްހާ ރުފިޔާ ޙަރަދުވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

ދަށު ކޯޓްގެ އިތުރަށް ތިރަށު ބޮޑުންގެ ގެތަށް ބޮޑުއަގުގައި ކުއްޔަށް ހިފައިގެން ހިންގާ ސަރުކާރުގެ ހުރިހާ އޮފީސް ތަކެއް ހުޅުމާލޭގައި އަލަށް ހިއްކާފައި އޮތް ބިމަށް ބަދަލު ކުރަންޖެހޭ. ސަރުކާރު އޮފީސްތައް ހިންގަން ބޭނުންވާ ބިން ހުސްކުރުމަށްޓަކާ އިބްރާހިމް ސަރުކާރުން ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ތިރަށުން ދޫކޮށްފައިވާ ހުރިހާ ބިންތައް ރަސްމާލެ އާއި ގުޅިފަޅުން ދޫކުރާ ގޮތަށް ހަމަޖެއްސުމަށްފަހު އެކަން އިޢުލާން ކުރައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454