ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު (ކ) އެ ކޮމިޓީގެ އެހެން މެމްބަރުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި. --މިހާރު ފޮޓޯ: ނިޝާން އަލީ
08 ފެބުރުއަރީ 2025 - 09:17
ބޮއްސުންލާފައިވާ އެފްއޭއެމް ހަމަ މަގަށް އަޅުވަން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރިތާ ހަ މަސް ވާން ކައިރި ވެފައިވާއިރު އެ ބުނާ "ނޯމަލައިޒް" ވާ ތަނެއް ނުފެނެ އެވެ. ފީފާއިން އެ ކޮމިޓީއާ މަސްއޫލިއްޔަތު މަތި ކުރީ އެއް އަހަރުން އެ މަސައްކަތް ނިންމާ ގޮތަށެވެ. އެ މުއްދަތުގެ ދެބައިކުޅަ އެއްބައި ގާތްގަނޑަކަށް މިހާރު ނިމުނީ އެވެ.
އެކަމަކު މިހާތަނަށް ފެންނަ މަންޒަރުތަކުން އެނގެނީ އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ހަމައަކަށް އެޅިދާނެ ކަމުގެ އުއްމީދު ކުޑަ ކަމެވެ. މިހާރު ހާލަތު އޮތް ގޮތުން، ނޯމަލައިޒޭޝަން ކޮމިޓީ އަށް މި ހާލަތު ބަދަލު ކުރެވިދާނެ ކަމުގެ އުއްމީދު ފަނޑުކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. ކަންކަން ރަނގަޅަށް ފަށައި ނުގަނެވެނީސް ކްލަބްތަކުގެ އިތުބާރު ނޯމަލައިޒޭޝަން ކޮމިޓީއާ މެދު މިހާރު ވެސް ކުޑަވެއްޖެ އެވެ.
ކްލަބެއް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އެހާ "ފާމް ޑިސިޝަން" ތަކެއް ނެގިފައެއް ނެތެވެ.
އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވީ، ފުޓްބޯޅަ ސީޒަން ފެށުމާ މެދު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ނިންމެވުން އެކި ފަހަރު އެކި ގޮތަށް ބަދަލުވެގެން ގޮސްފައި ވުމުގެ މައްޗަށެވެ.
"މިދިޔަ ހަފުތާގައި ކްލަބްތަކާ އެކު ބައްދަލު ކުރައްވައި ޒުހޫރު ވިދާޅުވެއްޖެ 'ސީޒަން ފަށާނީ ސަރުކާރުން ކްލަބްތަކަށް ފައިސާގެ އެހީތެރިކަން ދިނުމުން [ސީޒަން ފެށުމާ ދެމެދު[ އެއް މަސްދުވަހުގެ ޕީރިއަޑެއް ލާފައޭ،" އެ ދުވަހު ކްލަބްތައް ވެސް އެ ތަނުން ނުކުމެގެން ދިޔައީ އެހެން ވިދާޅުވީމާ އެކަމަށް އެއްބަސްވެގެން،" ނަން ހާމަކުރަން ބޭނުން ނުވެ ވާހަކަ ދެއްކި ކްލަބްގެ ވެރިޔާ ވިދާޅުވި އެވެ.
"އެކަމަކު [ޒުހޫރު އެހެން ވިދާޅުވިތާ] ގިނަ ގަޑިއިރުތަކެއް ވެސް ނުވަނީސް ކްލަބެއްގެ ސީނިއާ އެހެން މީހަކު އެކަމާ ހިތްހަމަނުޖެހިގެން ގުޅީމާ [ޒުހޫރު] އެބަ ވިދާޅުވޭ ތިމަންނަ އެ ގޮތަކަށް އަދި މުޅިއަކުން ނުނިންމަމޭ ވެސް."
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު: --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މިހާރު" އާ ވާހަކަ ދެއްކެވި ކްލަބުގެ އިސްފަރާތުން ވިދާޅުވީ ފުޓްބޯޅަ ސީޒަން ފެށުމާ މެދު ވެސް އެފްއޭއެމުން އެކި ފަހަރު ދެއްކީ އެކި ވާހަކަ އެވެ. ސީޒަންގެ ޑްރާފްޓް ކަލަންޑަރު ވެސް ތިން ފަހަރަކަށް ބަދަލުކޮށްފި އެވެ. ސީޒަން ފަށަން އެކި ތާރީހުތައް ކްލަބްތަކަށް ދީފި އެވެ. މިހާރު އޮތީ އަނެއްކާ މި މަހުގެ 24 ގައި ސީޒަން ފަށާނެ ކަމަށް ކްލަބްތަކަށް އަންގައިފަ އެވެ. އެކަމަކު އަދިވެސް ރަސްމީ ކަލަންޑަރެއް އާންމެއް ނުކުރެ އެވެ.
"އެއްގޮތަކަށް [ޒުހޫރަކަށް] ނުހުރެވޭ. ފާމް ޑެސިޝަންތަކެއް ނެގިފައެއް ނެތް،" ނޯމަލައިޒޭން ކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދެއްކި ކްލަބެއްގެ ސީނިއާ އޮފިޝަލް ވިދާޅުވި އެވެ.
ދަރަނިވެރިވެގެން މާލީ އަނދަވަޅަކަށް ވެއްޓިފައިވާ ކްލަބުތަކަށް އޮތީ ސަރުކާރުން ފައިސާ ފޮއްޗެއް ދޭނެ ކަމަށް ބަލައިގެން ތިބުމެވެ. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫނެވެ. ފުޓްބޯޅައިގެ ބޮޑެތި މައްސަލަތައް އޮތީ ކްލަބްތަކާ ގުޅޭ ކަންކަމުގައި އެކަންޏެއް ނޫނެވެ. އެފްއޭއެމްގެ މައްސަލަތައް ހައްލު ކުރަން މުޅި ސަރުކާރުގެ މަދަދު މި ވަގުތު ބޭނުން ވެ އެވެ.
ޒުހުރޫ ވިދާޅުވީ އެފްއޭއެމްގެ ކަންކަމުގައި ސަރުކާރުން ސްޕޯޓްސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
ނަމަވެސް އެފްއޭއެމްގެ މައްސަލަތައް އޮތީ ސްޕޯޓްސް މިނިސްޓްރީން ދޫކުރާ ބަޖެޓާއި އޮފީސް ހިންގާނެ ތަނެއް ދީގެން އެކަނި ހައްލެއް ހޯދޭ ވަރަށް ވުރެ ނާޒުކު ފައްތަރެއްގަ އެވެ.
ފީފާގެ ވަފުދަކުން އެފްއޭއެމްގެ އޮފިޝަލުން، އެ އިދާރާގެ ވަގުތީ އޮފީހުގައި މަސައްކަތް ކުރިއަށް ގެންދަނީ
އެފްއޭއެމްގެ ބިންތަކާއި ދަރަނީގެ މައްސަލަތައް ހައްލު ކުރަން، މުޅި ސަރުކާރު ޝާމިލު ކުރެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ. ޒުހޫރުގެ ކޮމިޓީއަކަށް މިހާތަނަށް އަދި އެ ގޮތެއް ނުހޯދެ އެވެ. އެ އެސޯސިއޭޝަނުގެ ދަރަނި 122 މިލިއަން ރުފިޔާ އަށް އަރަ އެވެ. ކުރިން އެފްއޭއެމްގެ މިލްކިއްޔާތުގައި އޮތް ހުޅުމާލެ ފުޓްބޯޅަ ސްކޫލުގެ ބިމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބިއްޖެ ނަމަ ދަރަނި މިހާރު އޮތް ވަރަށް ވުރެ ވެސް ބޮޑުވާނެ އެވެ. ހިންދެމިލަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
ފުޓްބޯޅަ ސްކޫލްގެ ބިމުގެ މައްސަލަ ހައްލު ވުމުގެ ކަމުގެ ކޮޅުމައްޗެއް އަދި ނުފެނެ އެވެ. އެކަމާ ގުޅިގެން، ޒުހޫރު ވަނީ ރައީސް އޮފީހަށާއި އެޗްޑީސީ އަށް ވެސް ސީޓީ ފޮނުއްވައިފަ އެވެ. އެކަމަކު ފެހި ސިގުނަލެއް ނުލިބެ އެވެ. ޒުހޫރާއި ސަރުކާރާ ދެމެދު އޮތް ގުޅުން ކުޑަކަން ވެސް މަންޒަރު ބަލަން ދުރުގައި ތިބި މީހުން ފާހަގަކުރެ އެވެ. ގުޅުން އޮތް ނަމަ އެ ގުޅުމެއް ފެންނަނީ ރަސްމީ ހައިސިއްޔަތުން ސްޕޯޓްސް މިނިސްޓްރީއާ އެކަންޏެވެ.
ކުރިން ވާހަކަ ދެއްކި، ކްލަބެގެ އޮފިޝަލް ވިދާޅުވީ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީއާ އެކު ފުޓްބޯޅަ ރަނގަޅު ހާލަތަކަށް އަންނަ މަންޒަރު ނުފެންނަ ކަމަށެވެ.
"މި ކޮމިޓީއާ އެކު މިކަން ވާ ތަނެއް ހަމަގައިމު ވެސް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: އެ ބިމުގެ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭ ނުވޭ
ނަމަވެސް ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަންގެ މަސައްކަތް ރަނގަޅު މިސްރާބަކުން ކުރިއަށްދާ ކަމަށެވެ. އެއްވެސް ލިޔެކިޔުމެއް ވެސް، އޮފީހެއް ވެސް ނެތި ސުމަކުން ފަށައިގެން މިހާރު ހިނގައިގަންނަން ފެށިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޑްމިނިސްޓްރޭޓިވް އަދި ގަވަނިން ސެޓަޕް ހެދި، ސްޓްރަކްޗާތައް އެކުލަވާލެވި އެ ކަންކަމަށް މީހުން އެމްޕަވާ ކުރެވި، ދެ އަހަރު ވަންދެން ނުދެވި ހުރި ހުރިހާ މުސާރައެއް [މިވަގުތު އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް] ދީ، ކޯޓުތަކުގައި ހުރި މައްސަލަތަކަށް އެޓެންޑްކޮށް، އެ މައްސަލަތަކަށް ފޯސްފުލުކޮށް ދައްކަންޖެހޭ ފައިސާތައް ވެސް މެނޭޖު ކުރެވި، މިހުރިހާ ކަމެއް ވެސް ކުރަމުން މިދަނީ ނޯމަލައިޒް ކުރުމަށް ދެއްތޯ،" ޒުހޫރު ވިދާޅުވި އެވެ.
"އެއާއެކީގައި ދެން ހުރި ކަންތައްތަކީ އިލެކްޝަނަށް މަގުފަހި ކުރުމާއި ފުޓްބޯޅަ ރެސިއުމް ކުރުން [ފެށުން]. ފުޓްބޯޅަ ރެސިއުމް ކުރުމަށް މި ފެބްރުއަރީ މަހު ފަހުކޮޅަށް ނިންމިފައި އެ ވަނީ."
އެކަމަކު، ޒުހޫރުގެ އެ ވާހަކަތަކާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހް އިސްމާއީލް ވިދާޅުވީ، ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ހުރި މިސްރާބުން އެނގެނީ އިތުރު މުއްދަތުތަކަކަށް އެ މަގާމުތަކުގައި ދެމިތިބެން ބޭނުން ވެގެން އުޅޭ ކަން ކަމަށެވެ.
ނޯމަލައިޒޭޝަން ކޮމީޓީގެ ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި މަހަކު 4،000 ޑޮލަރު ފީފާއިން ދެ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނާއި އެ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖައުޝަން (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި. ފައިލް ފޮޓޯ
"އެ ވާހަކަތަކަކުން އަޅުގަނޑަށް ވިސްނެނީ ފީފާ ޕެއިޑް ބޭފުޅުންގެ ގޮތުގައި އެ ބޭފުޅުން އެ މަގާމުތަކުގައި [އިތުރު މުއްދަތަކަށް] ތިބެން ބޭނުން ވެގެން އުޅޭ ތަން. އެއް އަހަރު ތެރޭ މަސައްކަތް ނުނިމުނީމާ އަނެއްކާ އިތުރު މުއްދަތަކަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރު ކުރަން ޖެހޭނެ ގޮތަށް އެ ކޮމިޓީން މަސައްކަތް އެ ކުރަނީ،" ޔޫތު، ސްޕޯޓްސް މިނިސްޓަރަކަށް ޒުހޫރު ހުންނެވި އިރު އެ މިނސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދިވެސް ހާލަތު ފެންނަނީ ކުރިން ވެސް އޮތް ގޮތަށެވެ. އެހެން އިދާރާއެއް ހިންގާ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަނެއް ނުހިންގޭނެ ކަމަށާއި އެފްއޭ ހިންގުމުގެ ސިފައެއް ނޯމަލައިޒޭޝަން ކޮމިޓީގެ ކިބައިގައި ނެތް ކަމަށް ޝާހު ވިދާޅުވި އެވެ.
"ފުޓްބޯލް ހިންގުމަކީ ވަކި ޓޭސްޓެއްގައި އޭގެ ނޯހައު އެނގިގެން ކުރެވޭނެ ކަމެއް. ކިތަންމެ ދިގު މުއްދަތެއް ދިނަސް އެ ޓޭސްޓް ނެތް ބަޔަކަށް އެ ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ފީފާގެ ބައްދަލުވަމުކަުން އިންފަންޓީނޯ އަދި ޒުހޫރު: ފީފާގެ އިސްވެރިންނާ ޒުހޫރާ ސީދާ ވާހަކައެއް ނުދެއްކޭ
އެއް ބަޔަކު ބުނާގޮތުގައި ޒުހޫރުގެ ކޮމިޓީން އުނިވާ އަނެއް ކަމަކީ ފީފާގެ އިސްވެރިންނާ ގުޅުން ނެތުވެ.
އެނގިފައިވާ ގޮތުގައި ޒުހޫރާ ގުޅުން އޮތީ ފީފާގެ މެންބަރު އެސޯސިއޭޝަން (އެމްއޭ) ޑިޕާޓްމެންޓްގެ ސީނިއާ އޮފިޝަލަކާ އެވެ. ފީފާގެ އިސްވެރިއަކާ ގުޅުން އޮތް ކަމާ މެދު ޝައްކު ކުރާ މީހުން ގިނަ އެވެ. ދެކުނު ކޮރެއާގައި ބޭއްވި ފުޓްބޯޅައިގެ ބައްދަލުވުމުގެ ހަވާސާގައި ޒުހޫރު ވަނީ ފީފާގެ ރައީސް އިންފަންޓީނޯއާ ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތު ވިދާޅުވެ ދެއްވައިފަ އެވެ. ފީފާއިން އެހީތެރިވާނެ ކަމުގެ ޔަގީންކަން އާންމު އުސޫލުން އިންފަންޓީނޯ އެ ފަހަރު ވެސް ދެއްވި އެވެ.
އެކަމަކު މީގެ ކުރިން އެފްއޭއެމްގެ ލީޑަޝިޕާ ހަވާލުވާ ބޭފުޅުން، ފީފާގެ ނައިބު ރައީސުންނާއި ޖެނެރަލް ސެކްރެޓަރީއާ ހާއްސަ ގާތް ގުޅުން ބާއްވަ އެވެ. އެ ގުޅުން އޮތީ ފީފާގެ ބައްދަލުވުމުގެ ހަވާސާއިން ބައްދަލުވާ ގޮތަކަށް ނޫނެވެ. ސީދާ މުއާމަލާތު ކުރެވޭހާ ގާތްގުޅުންތަކެއް އެފްއޭއެމްގެ ކުރީގެ ވެރިންނާ އޮތެވެ.
"އާޒިމު ވިޔަސް، އިލްހާމް ވިޔަސް، ޝަވީދު ވިޔަސް، ޓޮމް ވިޔަސް، ބައްސާމް ވިޔަސް. މި ބޭފުޅުންނާ ފީފާގެ އިސްވެރިންނާ ރަސްމީ ޗެނަލް ތުރޫކޮށް ޑައިރެކްޓްލީ ވާހަކަ ދެއްކެވޭ. އެކަމަކު ޒުހޫރާ ފީފާގެ އިސްވެރިޔަކާ ސީދާ ގޮތުން އެއްވެސް ގުޅުމެއް ނެތް،" އެފްއޭއެމްގައި ކުރިން މަސައްކަތް ކުރެވި ބޭފުޅަކު ވިދާޅުވި އެވެ.
މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ވެރިންނާއި ފީފާގެ އިސްވެރިންނާ ގުޅުން އޮވެ އެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ މިހާރުގެ ޗެއާމަން ޒުހޫރާ އެ ގުޅުން ނެތުމަކީ ވެސް ކަންކަން މަޑުޖެހި، ބޭނުންވާ ހަލުވިމިނުގައި ކުރިއަށް ނުދެވޭ ސަބަބު ކަމަށް ފުޓުބޯޅައިގެ ކަންކަން ކައިރިން ބައްލަވާ އިސްބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން ނޯމަލައިޒް ނުކުރެވި ދިޔަހެން ރާއްޖޭގެ ފުޓްބޯޅަ ހަމަޔަކަށް ނޭޅި އޮންނަން ދިވެހިން ބޭނުމެއް ނުވާނެ އެވެ. އެކަމަކު، އަދި ރާއްޖެ ވެސް މި ދަނީ ޕާކިސްތާން ދިޔަ މަގުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
10 February 2025
ޒުހޫރުމެންނަކީ އައުޓްއޮފް ޑޭޓް ބައެއް! އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ!
އިއްޕަޓޭ
09 February 2025
އެތަނުގަ ހާވާފައެހުރިހާ ހަޑިއެއް ސާފުކުރަން ވަގުތުވެސް ނަގާނެކަމަށް ގަބޫލުކުރަންޖެހޭދޯ. މިހާރު ތިޔަ މައްސަލަޖައްސާ ކުލަބުތަކެއްނުން އެހުރިހާދުވަހު ބައްސާމަށް އަތްޖަހަންތިބީ؟ އިންތިހާބެއް ބޭއްވިނަމަ އަނެއްކާވެސް ހަމަ ބައްސާމު ހޮވަން ރެޑީވެގެން ތިބީ.
ސިން÷ާ
09 February 2025
މަންޑި ކުޅެން އުޅޭމީހުން ފުޓުބޯޅަ ކުރިއަރުވަން ލީމާ ދެން ފަސްފަހެތިން.......
ބޮޅު
09 February 2025
ތި ކޮމެޓީގެ މެންޑޭޓަކަށްވާންޖެހޭނީ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުން. އިންތިހާބުވެގެން އަންނަ އެކްސްކޯއިން އެފްއޭއެމްގައި ހުރި ސްޓްރެޓެޖިކް އިސޫސްތައް ހައްލުކުރުމަށް މަސައްކަތްކޮށް ދަރަނިއަ އަދާކުރުމުގެ ޕްލޭންތާއި ޓޯނަރމަންޓްސްތަކުގެ ކަންކަން ކުރިޔަށް ގެންދާނީ
ސޯބިރު1
09 February 2025
ތިޔަ ސާހު އަކީ އަނެއްކާ އަނެކަކު.، ސަޅި މޮޅު އަނގަތަޅާފަ ކޮންމެ ސަރުކާރެއގއ ތެރެއިން ވ އަޑި ނުބައި މީހެއް.. މީ ހަގީގަތް ބައްލަވާ ..ވަހީދު އާއެކު، ޔާމިނު އެކު، ސަންސިޔާމު އެކު، އެމްޑޕީ އާޒިމް އާެކު.، މިހާރު ޕނސީ މުއިޒް އެކު. !! ކޮންޓެސްޓެއް ނަތީޖާ ނެރެން ރަގަޅު އަހުލާގު ކުޑަމޫސަ، ކަލީމް، އަންދަރޭ ކަހަލަ ސިޔާސީ ނޫން މީހުން ރަގަޅުވާނި ޕާޓީތަކަށް ފައިސާ ދެވޭ ! ކީއްވެ ކުލަބްތަކަށް ނުދެވެންވީ؟ ހުސް ޓެކްސް ރައޔިތުން ފައިސާ.
ޖާނޭ
08 February 2025
ކޮރަޕްޓް ފީފާ އިން ދިވެހި ފުޓުބޯޅަ ހަލާކުކޮށް، ކޮންމެ ފަހަރަކު ގޮޑި ކޮއްކޮ އެކްސޯއެއް އައްުޔަން ކުރަނީ ރާއްޖެ މި ސަރަހައްދުގެ ބާރަކަށް ވެދާނެތީ ..އިންޑިޔާ ރުއްސަންތަ؟؟
ބަގުޑި
08 February 2025
މީގަ ގޯހީ ޒުހޫރުކަމެއް ދެންތިބިމީހުންކަމެއް ކިހިނެއް އެނގޭނީ ޒުހޫރުގެ ބަހެއް ހޯދާނުލާ.
ދޭބަލަދަތުރުކުރަން
08 February 2025
ފުޓް ބޯޅަ އަކީ ދެން ރާއްޖެއަށް ބޭނުންވާ ކުޅިވަރެއް ވެސް ނޫނޭ ދެން ބޯޓް ދަތުރު ކުރި މީހަކު ތިމާ މީ މާމޮޅަށް ފުޓްބޯޅަ ދަންނަ މީހެއް ކަމަށް ހެދިގެން އުޅުނަސް ތިޔާ ނުވާނެއޭ ހަގީގަތަކަށް ފުޓް ބޯޅަ އަކީ ރާއްޖެ އަޅުވެތިކޮށްގެން އުޅުނު އިނގިރޭސިން މިގައުމު އެމެންގެ އަޅުވެތިކަމުގެ ރަމްޒު ދައްކުވައިދޭން މިގައުމަށް ތައާރަފް ކުރި އެއްޗެކޭ ތިޔާއީ ސީދާ ތަޅާ ފޮޅުމޭ ތިޔާއީ ޓެކްސް ޕޭކުރާ މީހުންގެ ފައިސާ އިން ޚަރަދު ކުރަން ޖެހޭނެ ކުޅިވަރެއް ނޫނޭ ޒުހޫރު ދެން
ރިޕަބްލިކް އޮފް ކަނޑުކޮސް
08 February 2025
ކާކު ހީކުރާނީ އަލީއުމާރާ، ޓޮމްއާ ދަނގަޑޭ މިސަރަހައްދުގެ ގޯލުތައް ފޫއަޅުވަމުން އައިރު އޭގެ އަހަރުތަކެއްފަހުން ގައުމުގެ ފުޓްބޯޅަ އޮންނީ މިހާލަތުގައޭ. މިހާރު މިއުޅެނީ ފުޓްބޯޅަ ސީޒަން ފަށާނެ ދުވަހެއްނޭގިގެން. އެފްއޭއެމްގެ ރައީސަކަށް ހުރިމީހަކު އެތަނުގެ ދުވަސްދުއްވާލާ ކުޅުންތެރިން މަގުމަތިވެ ފުޓްބޯޅައިގެ ފޯރި އެއްކޮށްގެއްލި ކުރިމަގާމެދު އެއްވެސް އުންމީދެއްނެތް. ދެން އެބުނާ ނޯމަލައިޒޭޝަން ހާދާ ނުހަދާއެއް ނޭގެ.
ބޯޓުދެލި ތުއްތީދި
08 February 2025
މަތީގައި ދެންނެވިފައިވާގޮތަށް އެފުއޭއެމްގެ ދަރަނިހުރުމާއެކު ދަރަނިދެއްކުމުގައި ކ.މާލޭގެ ސާދާގަރުންގެ އެހީތެރިކަން ހޯދުން މުހިންްމު. އެފުއޭއެމްގެ ރަށު ބޯޅަދަނޑުގަ މެޗުތައް ކުޅޭއިރު ނުވިކިހުންނަ ޓިކެޓު މިބުނާ ސާދާގަރުން ގަނެފަ ގަނޑުކޮށް ފައިސާ ހަމަޖައްސަމުންދިއުމަކީ މިކަމުގެ ހައްލު.