އެ ހޮޅި މަރާމާތު ކުރެވެން ދެން ދެ ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިފައި.
މ. ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
09 ފެބުރުއަރީ 2025 - 10:57
މާލޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މ. ހައުސް ޕްލާޒާގަ އެވެ. ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއްވީ އެ ގެއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ ތަނެކެވެ. މީގެ ކުރިން ވެސް އެ އިމާރާތުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
މ. ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ހޮޅި މަރާމާތު ކުރެވެން ދެން ދެ ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 20 ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހައުސް ޕްލާޒާގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ. އަދި ސިފައިންގެ ފަޔަ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން އޭގެ ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ބުންޏެވެ.
ސިފައިން ބުނި ގޮތުގައި، ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖައިބުވޭ
09 February 2025
މި ތަނަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަނެއް. ހުރިހާ ކުށެއް ހިނގާތަނެއް، އެތަކެއް އަލިފާނުގެ ހާދިސާއެއް ހިނގައިފި. އަދިވެސް އިމަރާތް ތަޅާލަން ނުވަނީތޯ ؟
ހަސންކޮ
09 February 2025
ޕާޓޭން އަބަދު ވަންނަ ދެ ގެއިން އެއްގެ ތީ.
އިބުރާ
09 February 2025
ތިޔަ ހައުސް ޕްލާޒާ އަކީ ދެއިރުކާ ބޭހެއްހެން ކޮންމެ އަހަރު ދެފަހަރު ނޫނީ ތިންފަހަރު ރޯވާ ތަނެއް. އަދި ކޮންމެ ފަހަރަކުވެސް ރޯވުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ގުޅިފައި އޮންނަނީ. ތިޔަ ތަނަކީ އެމްއެންއެސްއެލްގެ ތަނެއް ކަމަށް އަޑުއިވޭ. މާނައަކީ ސަރުކާރުގެ ބިމެކޭ. އަޅެ ފަހެ ކީއްތަ ވާނީ ތިޔަ އިމާރާތްތަޅާލައި ތިތަން ވެހިކަލް ޕާކިންގ ބިމަކަށް ހަދާލިއްޔާ. ނޫނީ ފިނިމައިޒާނަކަށް ކަހަލަ ތަނަކަށް ހަދާލިއްޔާ! ކުއްޖަކު ނޯޓެއް ލިޔެފަ ރައީސަށް އަރުވާ!