ޖަސްޓިސް ބިލްޑިން: މިދިޔަ އަހަރު ސިވިލް ކޯޓުން ނުނިމި 4،700 މައްސަލަ އެބައޮތް.-- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2025 - 21:20
މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ސިވިލް ކޯޓުން ވަނީ އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
ސިވިލް ކޯޓުން ބުނީ މިދިޔަ އަހަރު ނިމުނުއިރު، ނުނިމި ހުރި ޖުމްލަ 4،759 މައްސަލަ ނުވަތަ ގަޒިއްޔާގެ ތެރެއިން 2،368 ގަޒިއްޔާ އަކީ ހުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާތައް ކަމަށެވެ. އިހުތިލާފު އޮންނަ ބާވަތުގެ 2،047 ދައުވާ ނުނިމި އޮތް ކަމަށާއި އިހުތިލާފެއް ނެތް ބާވަތުގެ 344 މައްސަލަ ނުނިމި އޮތް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އޭގެ ތެރޭގައި، މިދިޔަ އަހަރު ރަޖިސްޓަރީ ކުރި ގަޒިއްޔާތަކުގެ ތެރެއިން 2،449 ގަޒިއްޔާ ހިމެނޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ކޯޓުގައި ޖުމްލަ 5،142 ގަޒިއްޔާ ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ 2023 ވަނަ އަހަރު ރަޖިސްޓްރީކުރި ގަޒިއްޔާތަކަށް ވުރެ 12.96 ޕަސެންޓް އިތުރު އަދަދެކެވެ.
ސިވިލް ކޯޓާއި އެ ކޯޓުގެ ހުޅުމާލެ ޑިވިޝަނުން މިދިޔަ އަހަރު ޖުމްލަ 5،432 ގަޒިއްޔާ ނިމިފައިވާއިރު، އެއީ 2023 ވަނަ އަހަރަށް ވުރެ 17.57 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އިހުތިލާފު އޮންނަ ބާވަތުގެ 3،268 ދައުވާގައި މިދިޔަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. އިހުތިލާފެއް ނެތް ބާވަތުގެ 621 މައްސަލައެއް ނިންމާފައިވެ އެވެ. އަދި ހުކުމް ތަންފީޒުކުރުމުގެ 1،543 މައްސަލައެއް ވެސް ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިންބެ
11 February 2025
މީހަކު އަޅުގަނޑަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ލީ މައްސަލައެއް މިހާރު 5 އަހަރުވަނީ. އަދިވެސް ނުނިމޭ. މައްސަލައިގެ ވާހަކަ އަހާލާއިރަށް ގޮސްވީ ހިސާބުވެސް ނޭނގޭ. ތި ކޯޓަކީ ރާއްޖޭގެ އެންމެ ފަރިވާކުޑަ އެއްވެސް ޤަވާއިދަކަށް ބޯނުލަނބާ މީހުންތިބޭ ކޯޓެއް.
ހަމާ
10 February 2025
ނިމުނުކަމަށް އޮތްބައި 5000 އަށް ވުރެ ގިނަ. އެއި 2023 އަށްވުރެ 17 އިންސައްތަ އިތުރުވުމެއްކަމަށް އޮތީ!
އެނގޭމީހާ
10 February 2025
އިންސައްތަ އިތުރުވީމަ ކީއްވަނީ؟ 2019 2020 ގެ މައްސަލަތައްވެސް ނުނިމޭ. ސިވިލް ކޯޓު ވެބްސައިޓަށް ހުކުމް އަޕްލޯޑްނުކޮށް ތިހެން އަދަދު ދައްކައިގެން މޮޔަ ހެއްދިދާނެ. އެކަމަކު ވެބްސައިޓު ބެލީމަ ފެންނާނެ ނިންމާ މައްސަލަތަކުގެ ގިނަ މައްސަލަ ނިމޭގޮތް. ދެމީހުން އެއްބަސްވެގެން. ދައުވާ އަނބުރާ ގެންގޮސްގެން. ހާޒިރުނުވާތީ ބާތިލުކޮށްގެން. މިހާރުވެސް ވެބްސައިޓު ހުޅުވާފަ ބަލާބަލަ ފުރަތަމަ ޕޭޖް. ބޮޑުބައި ބޭންކުގެ މައްސަލަ. ކޮޕީ ޕޭސްޓް. ދެން އެދައްކާ 5000 ޖަހާފަ
ވަކީލާ
10 February 2025
ނިންމޭނީ ނިންމަން އުޅެގެން. ނުނިންމާ ތިބިއްޔާ ނުނިންމޭނެ. މޮޅު ހިސާބު ދައްކަން އުޅުނަސް ސިވިލް ކޯޓަށް ކުރިން އޮތް އިތުބާރު ނެތް. ކުރިން ޖުޑިޝަރީއަށް އޮންނަނީ ކޮރަޕްޝަންގެ ތުހުމަތު. ސިވިލް ކޯޓަށްވެސް އެކަން އޮތް ޒަމާނެއްދިޔަ. އެކަމު މިހާރު އޮތީ ފަރުވާ ކުޑަކަން. އިހުމާލު. މަސްއޫލިއްޔަތު އަދާނުކުރުން. ޖޭއެސްސީއަކުން އަޅައެއްނުލާ. މުސާރަ ނަގައިގެން ޒިންމާއަދާނުކުރާ މީހުން ގިނައީ.
އަހްމެޓް
10 February 2025
ކޯޓުތައް ހަވަރަށް ދޭން އުޅުނަސް އެކަން ނުވާނެތާ، އަދުލު އިންސާފަށް ގާއިމުކުރަން ބޭނުންވާ މީހުން ގިނައީ. ކޯޓުތަކުގެ ހިސާބުތައް ނެރޭއިރު ކުރާ ކޮމެންޓާ ދިމާ އިދިކޮޅަށް ހިސާބުތައް އެހުންނަނީ
ވަކީލާ
11 February 2025
އަހްމެޓް ބުނަންތަ ވާހަކައެއް. ތިހެން އަދަދުން ދައްކާ އެއްޗަކީ ހަގީގަތްތޯ އެނގޭނެ ކޯޓުތަކަށް ދުވެ އިންސާފު ނުލިބިގެން އުޅޭ މީހުންނަށް. އެހިސާބުތަކުން ދެއްކިނަމަ ނުނިމި ހުރީ ކިހާ ދުވަހެއްވީ މައްސަލަތަކެއްކަން. އަހަރެން ކޯޓަށްދާތީ އެނގެނީ ނުނިންމާ މައްސަލަ ހުރިކަން. މަތި އޮމާންކޮށްގެން ދައްކާ ވާހަކައިން މޮޔަ ހެެއްދޭނީ ތަންދޮރު އޮޅުންނުފިލާ މީހުން. 4000 ބީއެމްއެލް ލޯނުގެ މައްސަލަ ނިންމާފަ އަދަދު ދެއްކީމަ އަހަރުމެން އަތްޖަހާކަށް ނެތިން.
ޖޮން
10 February 2025
ހުކުމް ތަންފީޒު މައްސަލައަކީ އޯކޭ ކޯޓުގެ ބާރުގަ ނިންމޭ އެއްޗެއްނޫން ކޮންމެ ފަހަރަކު. އެކަމު އަމިއްލަ ބާރުން ނިންމޭ މައްސަލަ އަޑުއެހުން ނިންމާފަ އަހަރު ދެއަހަރު ވާއިރު ހުކުމްނުކުރެވުނީމަ އޭތި ކަޑަ. ދެން ކްލަޔަންޓުން މިރުޅި އަންނަނީ ވަކީލުދެކެ ވަކީލުގެ މައްސަލައެއްކަމަށް ހީކޮށް. އެކަމު ކޯޓުގެ ފަނޑިޔާރުންގެ މައްސަލަމީ. ބައެއް ފަނޑިޔާރުން ވަރަށް ރަނގަޅު. ވަރަށް ފާސްޓް. އެކަމު ވަރަށް ސްލޯ ކެއަރ ފްރީ މީހުން އެބަތިބި.