ދުނިޔެ / ކެންސަރު

އާމްދަނީ ދަށް ގައުމުތަކުގެ ކުޑަކުދިންނަށް ޑަބްލިޔުއެޗްއޯ އިން ކެންސަރުގެ ބޭސް ހިލޭ ދޭޭން ފަށައިފި

12 ފެބުރުއަރީ 2025 - 06:25

1 comments

އާމްދަނީ އެންމެ ދަށް ގައުމުތަކާއި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ ކުޑަކުދިންނަށް ބޭނުންވާ ބޭސް ހިލޭ ފޯރުކޮށްދޭން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ފަށައިފި އެވެ.

ވޯލްޑް ބޭންކުގެ މިންގަނޑުގައި ދިވެހިރާއްޖެ އަކީ "އަޕަ މިޑްލް އިންކަމް" ގައުމެކެވެ. ލޯ އިންކަމް ނުވަތަ އެންމެ ދަށްކޮށް އާމްދަނީ ލިބޭ ގިންތީގައި ދެކުނު އޭޝިއާ ސަރަހައްދުން އޮތީ އަފްޣާނިސްތާން އެކަންޏެވެ. ދެން ހުރި ހުރިހާ ގައުމަކީ "ލޯވަ މިޑްލް އިންކަމް" ގިންތީގެ ގައުމުތަކެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކެންސަރުން ސަލާމަތްވާ ކުޑަކުދިންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި ފެށި މި ޕްރޮގްރާމްގެ ދަށުން ބޭހުގެ ފުރަތަމަ ޝިޕްމަންޓްތައް މޮންގޯލިއާ އާއި އުޒްބެކިސްތާނަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ޕައިލޮޓް މަރުހަލާގައި އިކުއެޑޯ، ޖޯޑަން، ނޭޕާލް އަދި ޒެމްބިއާއަށް އިތުރު ޝިޕްމަންޓްތަކެއް ވެސް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

އެ ހަ ގައުމުގެ މަދުވެގެން 30 ހޮސްޕިޓަލެއް މެދުވެރިކޮށް، ކެންސަރު ބަލީގެ ގާތްގަނޑަކަށް 5،000 ކުދިންނަށް މި އަހަރު މި ބޭސްތަކުން ފަރުވާ ދެވޭނެ ކަމަށް ޑަބްލިޔުއެޗްއޯ އިން އުންމީދުކުރެ އެވެ.

"ޕައިލެޓް މަރުހަލާގައި ހިމެނޭ ގައުމުތަކަށް އެއްވެސް އަގަކާނުލައި، ކެންސަރު ބަލީގެ ކުޑަކުދިންނަށް ކޮލިޓީއާ މެދު އިތުބާރު ލިބިފައިވާ ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ،" އދ.ގެ ހެލްތު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ޅަފަތުގެ ކެންސަރުން ސަލާމަތްވުމުގެ ރޭޓް ގިނަ ފަހަރަށް 30 ޕަސެންޓަށް ވުރެ ދަށް ކަމަށާއި އެންމެ ގިނައިން އާމްދަނީ ލިބޭ ގައުމުތަކުގައި މި ނިސްބަތް ގާތްގަނޑަކަށް 80 ޕަސެންޓަށް އަރާ ކަމަށެވެ.

"ކެންސަރު ބަލި ތަހަންމަލްކުތާ ކުދިންނަށް، ފުރާނަ ސަލާމަތްކޮށްދޭ ބޭސްތައް ލިބުމުގައި ދަތިކަން އޮންނަތާ އެކަށީގެންނުވާ މުއްދަތެއް ވޭތުވެއްޖެ،" ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެށި މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އުންމީދު ލިބިގެންދާނެ ކަމަށެވެ.

މި ބޭސް ލިބޭ ގައުމުތަކުގެ ލިސްޓަށް އެލް ސަލްވަޑޯ، މޯލްޑޯވާ، ސެނެގާލް، ގާނާ، ޕާކިސްތާން އަދި ސްރީ ލަންކާ ވަރަށް އަވަހަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު ގާތްގަނޑަކަށް ހަތަރު ލައްކަ ކުދިންނަށް ކެންސަރު ޖެހޭ ކަމަށާއި އޭގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ ވަސީލަތްތައް މަދު ގައުމުތަކުގައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

"އެ ތަންތަނުގައި 70 ޕަސެންޓް ކުދިން ކެންސަރު ބަލީގައި މަރުވަނީ އެކަށީގެންވާ ފަރުވާ ނުލިބުމާއި ފަރުވާއަށް ހުރަސް އެޅުން ނުވަތަ ފެންވަރު ދަށް ބޭސް ބޭނުންކުރަން ޖެހުން ފަދަ ކަންކަމުގެ ސަބަބުން ކަމަށް އަންދާޒާ ކުރެވޭ،" ބަޔާނުގައިވެ އެވެ.

އެންމެ ފުރަތަމަ 2021 ވަނަ އަހަރު އިއުލާނުކުރި މި ޕްރޮގްރާމް ޕައިލޮޓް މަރުހަލާއަކުން ފެށި ނަމަވެސް މުޅި ދުނިޔެއަށް މިކަން ފުޅާކުރާނެ ކަމަށާއި އެކަން ފުޅާކުރަމުން ދާނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތަކަށް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

12 February 2025

އެމެރިކާއަށް ދީގެން ނުވާނެ! އެއީ މިހާރު ޑަބްލިއުއެޗްއޯގެ ގައުމެއްނޫން! ޓުރަންޕް ކަލޭގެ ވަނީ ޑަބްލިއުއެޗްއޯ އިން ވަކިވެފަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454