ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
12 ފެބުރުއަރީ 2025 - 11:32
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ތިން ބާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ނިންމަވައިފަ އެވެ. މިއީ ދެ އަހަރުގެ މުއްދަތަކަށް އަޅަން ނިންމެވި ފިޔަވަޅެކެވެ.
އެކަމާ ގުޅިގެން މާލިއްޔަތު ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މުސާރަތަކަށް ބަދަލު ނުގެނައުން ކަމަށެވެ. އަދި މުސާރަ ކުޑަކޮށްފިނަމަ ސަރުކާރު ބަދުނާމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެކި މަގާމުތަކުގައި އިތުރު އެހެން ގޮތްތަކުން ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވަހެއް ދުވަހަކަށް ދިރިއުޅުމުގެ ހަރަދުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މުސާރަ ކުޑަކޮށްފިނަމަ، ގޯސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީހުންގެ މުސާރަތައް ކުޑަކުރަން އުޅެފިއްޔާ ސަރުކާރަށް ލިބޭ ބަދުނާމާއި ލިބޭ ގެއްލުން ވެސް ބޮޑުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެކަން ދަންނަވާލަން،" ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
"މީހުންގެ ހަރަދުތައް ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން. ދާއިރުގައި މުސާރަތައް ކުޑަކުރާ ނަމަ، ދެންވާ ގޮތް މާ ގޯސްވާނެ ކަމަކަށް އަޅުގަނޑަށް ފެންނަނީ. އޭގެ ބަދަލުގައި އެހެން ގޮތްގޮތަށް ހަރަދު ކުޑަކުރަން ފެންނަނީ." ދާދިފަހުން ސަރުކާރަށް ތާއީދު ކުރައްވައި، ވާހަކަ ދެއްކެވި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން ނޫން ގޮތަކަށް މުސާރައަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ގާނޫނުތައް ހުރިގޮތުން ގިނަ ތަންތަނުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށެވެ. އަދި މިވަގުތު މުސާރަ ކުޑަކުރެވޭނީ އެންމެ ހަތަރު މުއައްސަސާއެއްގެ ކަމަށާއި ނަމަވެސް ވަކި ބައެއްގެ މުސާރަ ކުޑަކޮށްފައި، އަނެއް ބައެއްގެ މުސާރަ ކުޑަ ނުކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހަތަރު މުއައްސަސާގެ މުސާރަތައް ކުޑަކުރުމުން ވެސް ސަލާމަތްވަނީ އަހަރަކު 14 މިލިއަން ރުފިޔާ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭގެ ބަދަލުގައި ދައުލަތުގެ ނިޒާމުގެ ތެރޭގައި ހުރި ބޭކާރު ބައެއް މުވައްސަސާތައް އެއްކޮށްލައިގެން ނުވަތަ އުވާލައިގެން ހަރަދު ކުޑަ ކުރެވޭނެ އެވެ.
މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލެވިދާނެ ކަމަށެވެ. އެ ދެ ތަނުން ވެސް ކުރަނީ ގާތްގަނޑަކަށް އެއް މަސައްކަތެއް ކަމަށް ދޭހަވާ މޭރުމަކުން ނާޒިމް ވިދާޅުވީ އެ ދެ މުއައްސަސާއަށް އަހަރަކު 18 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ.
އެ ދެ މުއައްސަސާ އެއްކޮށްލައިފި ނަމަ، ދައުލަތުން އެތައް ހަރަދެއް ސަލާމަތްވާނެ ކަމަށް ވިދާޅުވި އެވެެ.
"ނޭޝަނަލް އިންޓެގްރިޓީ އާއި ހިއުމަން ރައިޓްސްއަކީ ވެސް އެއްކޮށްލެވިދާނެ ތަންތަން. އެގޮތަށް އެކަން ކުރެވިއްޖެ ނަމަ މާ ސޭވިން ބޮޑުވާނެ. ބޮޑެތި މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބަވާ. އޭގެން ކުރާ މަންފާއެއް އޭގެ ޒާތަކު ނެތް. މިއޮތީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ވެފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސްގެން ފަނޑިޔާރުންނަށް މުޅި އުމުރަށް ވަޒީފާގައި ތިބެވޭނެ ގޮތަށް ބަދަލު ގެނައީ ވެސް އެ ބޭފުޅުންގެ ނަޒާހާތްތެރިކަން އިތުރު ކުރުމުގެ ބޭނުމުގަ އެވެ. އަދި އެކަން އެގޮތަށް ނުވާނަމަ، ޝަރީއަތްތައް ބީލަމުގެ އުސޫލުން ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން pic.twitter.com/emRCRvFTu4
— People's Majlis (@mvpeoplesmajlis) February 11, 2025
"އެންމެ ހަތަރު ތަނުގެ މުސާރަ ކުޑަކުރުމުގެ ބަދަލުގައި ދައުލަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަން އެއްކޮށްލައިގެން ރައީސް އެ ގެންނަވަން ބޭނުންފުޅުވާ ބަދަލުން އެ ސޭވިންއާ އަދަދު ސޭވް ކުރެވޭނެ ގޮތަކަށް. އޭރުން ދެ އަހަރަކަށް ނޫން، ކޮންމެ އަހަރަކު ވެސް ސޭވް ވާނެ." އޭނާ ވިދާޅުވި އެވެ.
އެކަމަށް ތާއީދު ކުރައްވާ ގާސިމް ވެސް ވިދާޅުވީ ރޯޑް ކޯޕަރޭޝަން ފަދަ ތަންތަނަކީ ވެސް ބޭކާރު ތަންތަން ކަމަށާއި އެތަން އުވާލައިގެން ވެސް 40 ވަރަކަށް މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ޕީއެންސީއަށް ނިސްބަތްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވެސް ވިދާޅުވީ މިހާރު އޮތް ގޮތުން މާ ބޮޑު އަދަދެއް ދައުލަތަށް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެކަން ދިރާސާކޮށް، ރަނގަޅަށް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ،
ސަލީމް ހުށަހެޅުއްވީ ފިނޭންސް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްގެން އެކަމާ ގުޅޭ ދިރާސާތައް ކޮމިޓީގައި ކުރުމަށެވެ. އެހެންވެ، މި މަހުގެ 20 ގައި އެކަމާ މެދު ގޮތެއް ނިންމަން ވަނީ ނިންމައިފަ އެވެ.
ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަތަކަށް ބަދަލު ގެނައުމުގެ ބާރު އޮންނަނީ ހަމައެކަނި މަޖިލީހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމްބަރު
12 February 2025
އަޅުގަނޑަށް ހީވަނީ ރާއްޖެއަށްވެސް އީލޮން މަސްކްއެއް މިހާރު އެބަބޭނުންވޭހެން، އެމީހަކީ ރައީސާއި މަޖިލީހާއި އަދި ޖުޑިޝަރީއަށްވުރެ ބާރުގަދަ މީހަކަށްވެސް ވާންޖެހޭނެ، އެހެންނޫނި އެއްވެސް ކަމެއް އިސްލާހުވާނެހެން ހިއެއްނުވޭ
ޗަކާޑި
12 February 2025
މަޖިލީހު ސައި ކަނޑާލަމާ، އިތުރު ކަމަކަށް؟
ރާވެރިބެ
12 February 2025
ޙަރަދު ކުޑަކުރަން ޖެހެނީ ރިކަރަންޓް ޙަރަދު ކަމަށްވާއިރު މުސާރަ ކުޑަ ނުކުރާ ނަމަ ދައުލަތުގެ ވަޒީފަ މަދު ކުރަން އެބަޖެހޭ. މެދެގޮތުން އެއް ކަމެއް ނުކޮށް ބޭނުންވާ ނަތީޖާ ނުނެރެވޭނެ. ހިތި ބޭހަކީ ހިތި އެއްޗެއް. ބަލިން ރަގަޅުވާނީ ހިތި ބޭސް ބޮއިގެން.
އަފްރާސިޔާބު
12 February 2025
ބަލަ ރައީސް މީހާބުނީ ވެރިކަން ލިބޭއިރަށް ސިވިލްސާވިސްގެ މުސާރަ ބޮޑު ކުރާނެކަމަށް.
ރާވެރިބެ
12 February 2025
މަޖިލިސް އިން މުސާރަ ކުޑަކުރަން ދެކޮޅު ހަދާނީ ސަރުކަަރުން އެގޮތް ބޭނުން ވެގެން. އެހެން ނޫން ނަމަ މިހާރު މިއޮތް ސިސްޓަމްގަ ސަރުކާރުން ހުށަހަޅާ އެއްޗަކާ މަޖިލިހުން ދެކޮޅު ނަހަދާނެ. އެއީ ވާނެ ކަމެއް ނޫން.
ރާވެރިބެ
12 February 2025
މިކަހަލަ ސަކަރާތް ޖެހުމަށް މީހުން ކިޔާ އުޅެނީ ދެބޯގެރި ދުއްވުމޭ! ދެން ބޭރުގެ މާލީ އިދާރާތަކުގަ ބުނަންވީ އިސްލާހީ ފިޔަވަޅުތަށް ނޭޅިގެން އުޅެނީ މަޖިލިސް އިން ހުއްދަ ނުދީގެންނޭ!! ބަލަ އެމީހުންނަށް ހަގީގަތް އެގޭނެ.
ކުޑަހުއްތު
12 February 2025
ޚަރަދު ކުޑަކުރަން މުސާރައާނުކުޅެ، ދެއަތް އުރާލައިގެން ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުކޮށްބަލަ
ހައްހައްޕުނޑު
12 February 2025
މަޖިލިސް މެމްބަރުން ނުހިމަނާ ދެންތިބި މީހުންގެ މުސާރަ ކުޑަކުރުމާމެދު ތިބޭކަލުންނަށް ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟ ހަމަ އަހާލީ. ތަފާތެއް ފެނޭތޯ.
އުއްޗޫ
12 February 2025
ބަރާބަރު! ކުޅެންވީ ރާއްޖެއިން ފޭރޭ ޑޮލަރާ. ވިޔަފާރިވެރިން އަތުން ނަގާ 9 ބިލިއަން ރުފިޔާ ގެ ޖިޒީއާ ޑޮލަރު ލިބޭ ބަޔަކު ޑޮލަުރ ވިއްކައިގެން. މިއާ ނުކުޅެ މުސާރައާ ކުޅެފިއްޔާ މަޖިލިސް އާ ކޮށްލާނަން. އިންޝާﷲ
ޓީޖެޓީ
12 February 2025
ދިވެހި އުއްމަތަށް ހެޔޮއެދޭ އެކަކުވެސް ތިތާކު ނެތް
އެޑްމުންޑޯ
12 February 2025
ގާސިމް ވިދާޅުވީ ރަގަޅުވާހަކަތަކެއް ، މިސާލަކަށް ރޯޑް ކޯރޕަރޭޝަނަކ ީ، އެއްވެސް ކަމެއްނުކޮށް އިންތިހާ އަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާތަނެއް ، އެތާގެ ގިނައިންތިބީ އިންތިޚާބްތަކަށް ނަގާފައިވާ މުސްކުޅިން ، މިބުނީ 65 ގެ ފައިސާ ލިބޭއަންހެން ފިރިހެން ވާހަކަ ، ޚަރަދުކުޑަކުރަން ސިޔާސީ ބޭކާރު މުއައްޒަފުން އުނިކުރީމާވެސް އެތައްމިލިއަން ރުފިޔާ މަހެއްގެ މައްޗަށް ސަލާމަތްވާނެ .
ސަންޑޭ
12 February 2025
ކުރީގެ ރައީސުންނާ ކުރީގެ މެމްބަރުންނާ ކުރީގެ ކޮމިޝަނަރުންނަށް ދޭ އިނާޔަތް ކަނޑާލާ.