ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި އެކަނި.-- މިހާރު ފައިލް ފޮޓޯ
13 ފެބުރުއަރީ 2025 - 12:28
ރާއްޖޭގައި ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި އެކަނި ކަމަށް ކަނޑައަޅައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހަށް އިއްޔެ އަމަލުކުރަން ފަށައިފި އެވެ.
އެ ގަވާއިދުގައިވާ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދޭ ތަންތަން ފިޔަވައި، ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތި އުފައްދާ ތަންތަނާއި ވިއްކާ ތަންތަން އަދި އެ ނޫން ވެސް ކެއިންބުއިމުގެ ހިދުމަތް ދިނުމަށް އިމާރާތް ކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިމާލުކުރުން މަނަލެވެ.
ކާބޯތަކެތި އުފައްދަން ބަންދުކޮށްފައި ހުންނަ ތަންތަނާއި ހާމަކޮށް ހުންނަ ތަންތަނާއި އެ ތަންތަނުގެ ދޮރުމަތީގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ ކަމަށް ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައި ބުނީ، ދުންފަތުގެ ދުމުން ރައްކާތެރި ތަންތަނުގައި އާންމުންނާއި އެހެން ފަރާތްތަކަށް ނުރައްކަލެއް ނުވާ ގޮތަށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން އިސްތިހާރުނުވާ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ފަރާތްތަކަށް ވަކި ގޮތެއްގެ މަތިން ހުއްދަ ދޭނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް ބަންދުކޮށްފައިވާ ތަނެއް "ސްމޯކިން ރޫމް" ނުވަތަ "ސްމޯކިން އޭރިއާ" އެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީގެ ޒިންމާ ހަވާލުކުރާ ފަރާތެއްގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމަށް ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރެއިން ސްމޯކިން ރޫމެއް ހެދި ދާނެ ކަމަށް ބަޔާން ކޮށްފައި ވަނީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހުންނަ ބަނދަރުތަކާއި މޯލްތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުގަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަނާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި މަސައްކަތްކުރާ ތަންތަނުގައި މީހުން ދިރިއުޅެންޖެހޭ ތަންތަނުގަ އެވެެ.
ގަވާއިދުގައި ވަނީ ސްމޯކިން އޭރިއާ ގާއިމުކުރެވިދާނެ 7 ތަނެއް ވެސް ހިމަނައިފަ އެވެ. އެއީ:
- ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގައިވާ ހާމަ ތަންތަން.
- ސިނާއީ މަސައްކަތްކުރާ ތަންތަނާއި ސަރަހައްދުތަކުގައިވާ ހާމަ ތަންތަން.
- ސައި ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓުތައް.
- މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އެ ތަނެއްގައި މުވައްޒަފުން ދިރިއުޅޭ ތަންތަން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަނުގައި ހުންނަ ހާމަ ބިންތަކުގައި.
- ކާރިސާއެއްގައި ގެއްލުން ލިބުނު މީހުން ވަގުތީ ގޮތުން ތިބޭ ކޭމްޕް ފަދަ ތަންތަނުގައި ހުންނަ ހާމަ ބިންތައް.
- ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަފާކުރާ އެންމެހާ ތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި.
ގަވާއިދުގައި ބުނީ ސްމޯކިން ރޫމެއް ނުވަތަ ސްމޯކިން އޭރިއާއެއް ކަނޑައަޅައި ހުއްދަ ދޫކުރާނީ އެ ތަންތަނުން ހުއްދަ ހޯދުމަށް ހުށަހަޅާ ލިޔުންތަކާއި އެ ތަންތަނުގެ މިންގަނޑުތައް ބެލުމަށް ފަހު ލައިސެންސް ފީގެ ގޮތުގައި 10،000ރ. ދެއްކުމުން ކަމަށެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާ ލައިސަންސެކެވެ.
އަމިއްލަ ފަރާތްތަކުން މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، ފުރަތަމަ ފަހަރު 1،000ރ. އިން ދެވަނަ ފަހަރު 2،000ރ. އިން އަދި ތިން ވަނަ ފަހަރު 3،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ވިޔަފާރިތަކުން ގަވާއިދާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު 10،000ރ. އިން އަދި ދެވަނަ ފަހަރު 50،000ރ. އިން، ތިން ވަނަ ފަހަރު 100،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަރުދިޔަ
14 February 2025
މި ޤަވާއިދު ފުރިހަމަޔަށް ތަންފީޒު ކުރުމަކީ މުޖުތަމައުގެ ލާބައާއި މަންފާޢަށް ވަރަށް މުހިއްމުކަމެއް. މި ޤަވާއިދަކީ ދަތްނެތް ސިންގާއަކަށް ވެއްޖުނަމަ. މިފަދަ ޤަވާއިދު ތައް ހެދުމުގެ ބޭނުމެއް ނެތް.
ހާސަރު
13 February 2025
މަގުތައްމަތީގައާއި އާއްމު ތަންތަނުގާ ބޯނެވަރަކަށް ބޯންވީދޯ، ޅަދަތިންނާ މާބަނޑު މީހުން މަގުމައްޗައް ދެން ނުނުކުންނަންވީތަ!؟
ދޮހޮއްތުބެ
13 February 2025
ތިވެސް ވަކި ބަޔަކައް ބޮވޭ ގޮތް ހެދުން މުހިއްމު
ޑރ ވާންޗޯ
13 February 2025
މާލޭގެ ހުރިހާ މަގެއްގެމަތީގަ ސިނގިރޭޓުބޮނީ ކާކަށް ލައިސަންސްފީދައްކާފަތޯ؟.
ހާސަރު
13 February 2025
މިގަވައިދުން ހިތްވަރުދެނީ މަގުމައްޗާއި އާއްމުތަންތަނުގާ ހަބޭހަށް ބޯން! މިއީ ކޮންވައްތަރެއްގެ ގަވައިދެއް!؟
ރާވެރިބެ
13 February 2025
ހާދަވަރެކޭދޯ ސިގިރެޓް ބޯ މީހުންނަށް މިކޮށްލަނީ! ދެން ގޯނި އަންދަވާފަ މަގުމައްޗަށް ދޫކޮށް ނުލިއްޔާ ރަގަޅު! ނަސީބަކުން އަހަރެން ބޯ އެއްޗެއް ނުން.
ކަރާފަޅި
13 February 2025
މަގުތަކަށާ ހިތުހުރި ތަނަކަށް ކުޅުތަޅަމުންދާ މީހުން ޚާއްސަކޮށް ބަންގާޅު މީހުންނަށް ގޮތެއްހަދައިދީބަލަ. ހިނގާފަދާއިރުވެސް ސަކަލެއްގަ ދާއިރުވެސް ފަހެއްބެލުމެއްނެތި ކަރުކެހިލާފަ ވައިމައްޗަށް ކުޅުޖަހަނީ! މީދެން ވަރަށް ހަޑިމުޑުދާރު ކަމެއްދޯ. މިމީހުންގެ އަނގައިގަނޫނީ ކުޅުނުއުފެދޭހެން ހީވަނީ.
ކޮރަލް
13 February 2025
ރާއްޖޭގަ ހެދިހަ ހުރި ރަނގަޅު ގާނޫނާ އި ގަވާއިދު ތައް ވ ގިނަ އެވެ. ގިނަ ފަހަރު ތަންފީޒު ނުކުރެވެނީ އެވެ. މިސާލަކަށް މަނާ ތަނެއްގަ ސިނގިރޭޓް ބޯނަމަ ގުޅަން މިޖެހެނީ ފުލުހުންނަށެވެ. އެމީހުން ޔުނީފޯމް ގަ ގަލޮޅު ޕޮލިހާ ޖެހިގެން ހުންނަ ގޯޅި ގަނޑުގަ ކޮންމެ ދުވަހަކު ޔުނީފޯމް ގަ އެހުންނަ ނީ ސިނގިރޭޓް ބޯށެވެ. މިގަ ވާއިދު ގެ ސަބަބުން ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ،.
އުދުހޭ
13 February 2025
5 އަހަރުދުވަހުގެ ލައިސަންސެއް 10،000ރ އަށް ދިނުމަކީ ދުންފަތުގެ އިސްތިއުމާލުކުރަން ހިތްވަރު ދިނުން. އެހެންނޫނީ 10،000ރ ކޮންމެ މަހަކު ދައްކަންޖެހޭ ގޮތަށް ހަދާބަލަ.
ބަބްސް
13 February 2025
ހުސް އަމަލުނުކުރާ ޤަވާއިދު ...
އެކޮއި
13 February 2025
މަގޭހިތަށްއަރާ މަގުމަތީ ދުންހޮޅި ހަދަމުންދާ މީހުން ނުފެނެންނަނީބާއޭ؟؟ އެތައްބައެއްގެ ތެރޭގައި މަގުތަކުގައި ސިނގިރެޓުން ދުން ބުރުވަމުންދާއިރު ހާދަ އުނދަގުލެއްވެޔޭ. ޅަ ދަރިން ގޮވައިގެން ދިޔަޔަސް އެއިން މީހެއްގެ ހިތަކަށްނާރާނެ އެކައްޗެކޭވެސް. މަގުމަތީ ނުވަތަ ޢާންމުތަންތަނުގައި ސިނގިރެޓް ބުއިން މަނާކޮށް ފިޔަވަޅު އަޅާނީ ކޮންދުވަހަކުންބާ؟؟
ލަތީފާ
13 February 2025
ހިނގާބަލަ ސިނގިރޭޓް ދުމުން އުނގޫވާ އެންމެ ސިނގިރޭޓް ބޯން ތިބޭ މީހުން ކައިރީގަ “ވަރަށް އުނދަގޫވޭ” ކިޔާ ކެއިންޕޭނެއް ފަށަން! ގާނޫން އަދި ގަވައިދަކުން އެކަނި މިކަން ނުހުއްޓުވޭނެ. އެންމެ ގުޅިގެން މިކަން ވާނީ!