މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
15 ފެބުރުއަރީ 2025 - 20:51
ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އިހުސާންތެރިކަމާ އެކު މަސައްކަތްކުރި ނަމަވެސް އިންސާފުވެރިވާން ވާނީ ޖަޒުބާތުގައި ނުޖެހި ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މެޖިސްޓްރޭޓުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނު އެ ރަސްމިއްޔާތަށް ވަޑައިގަތީ އެ ދުވަހު ވަރަށް ބޮޑު މައްސަލައަކަށް ހުކުމެއް އިއްވަން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ.
އެ މައްސަލައަކީ 2010 ވަނަ އަހަރު މާލޭގައި ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް އިސްތިއުނާފުކުރި މައްސަލަ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެދުވަހު ވަނީ ނަޒާހާގެ ހުކުމް ދަމަހައްޓައިފަ އެވެ.
އެ މައްސަލައިގައި އިއްވާނެ ހުކުމާ މެދު ވިސްނަވަން އޮންނެވުމުން އެ ރޭ ނިދަން ވަރަށް އުނދަގޫ ފުޅުވެވަޑައިގަތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ރޭގައި 12 ޖެހީއްސުރެ 2 ޖަހަންދެން ހޭލާ ހުރިން. ކޮން ކަމެއްތޯ ކުރީ؟ ވިސްނަން. އިތުރު އެއްވެސް ކަމެއް ނުކުރަން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"[ހުކުމް] ލިޔެ ނިމިފައި އޮތީ. އިތުރު މާ ބޮޑު ވާހަކައެއް ނުވަތަ އެއަށް އިތުރުކުރާނެ އެއްޗެއް ވެސް ނެތް، އެކަމަކު، އެ ރައުޔާ ދޭތެރޭގައި ވިސްނާފައި އެއީ ބޮޑު ކަމަކަށް ވާތީ، ދެ ފަރާތަށް ފުރޮޅި ފުރޮޅި އެނދުގައި އޮތިން 2 ޖަހަންދެން."
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އެހެން އޮންނެވުމަށްފަހު ހުރިހާ ފަނޑިޔާރުން ހިމެނޭ ގްރޫޕަކަށް މެސެޖެއް ވެސް ކުރެއްވި އެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ ކަމަށް ބައްލަވައި، އެ މެސެޖު މާ ގިނައިރެއް ނުވެ ޑިލިޓް ކުރެއްވި އެވެ.
"އެހެންވީމަ، މި ދަންނަވަނީ މިއީ މީގެ ބުރަ ކަމަކީ. މީގައި ވިސްނަން ޖެހެނީ، ވަގުތުން ވަގުތަށް ނިންމާއިރު، މީގެ ތެރެއަށް ވަދެ، މިއީ އިންސާފުތޯ ބަލަން ޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"މީގައި އިހުސާންތެރިކަމާ އެއްކޮށް ވިސްނި ކަމުގައި ވިޔަސް، ޖަޒުބާތުގައި ޖެހިގެން ނުވާނެއޭ."
ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އެ ހުކުމް ބާތިލް ކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްބުލް
16 February 2025
މެދުނުކެނޑި އަނިޔާ ލިބެމުން ދިޔަ އަންހެނެއް. އައިލާގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުން ހިމާޔަތެއް ރައްކާތެރިކަމެއް ނުލިބުނު. ދެން ދިރިހުންނަންޏާ ޖެހޭނީ އަމިއްލައަށް ހައްލެއް ހޯދަން. އުއްތަމަ ފަނޑިޔާރު ފިރިހެނަކަށް ވީމަ އަނިޔާ ލިބުނު އަންހެންމީހާގެ ބޫޓަށް އަރައިގެން ނުވިސްނިދާނެ. އެކަމަކު މީ ރޮކެޓް ސައިންސެއްވެސް ނޫން.
ޖަޒުބާތުގެ އޮއިވަރު
16 February 2025
ހެހެހެ މީހުން މަރާފަތިބޭ މީހުން އެމީހުން އެކަންކުރި ސަބަބުކަމަށްބުނެ ނަގާ ދިފާއުތައް ސާބިތު ނުކޮށްދެނީސް ޖަޒުބާތުގަ ޖެހި މީހުން ދޫކުރަންވެއްޖިއްޔާ އަނިޔާ ވެރިކަމަށް ހައްލު ހޯދަން މޯހުން މެރުމުގެ ރޫހެއް އުފެދިދާނެ. ތިކަހަލަ ނެރޯ މައިންޑެޑް މިހުން ވިސްނާނީ ސިކުނޑިއަކުންނޫން. ނޭވާހޮޅިން
ސަރުކާނު
17 February 2025
މީހަކު މަރަންޖެހޭނެ ސަބަބެއް ނޯންނާނެ
ހުސަ
16 February 2025
އިންސާފުވެރިވާނީ ކޮރަޕްޝަނާއި ފަސާދަ އަދުލުއިންސާފުގެ ދާއިރާއިން އެއްކިބާކޮށްގެން! ކިތަންމެ ބޮޑު މުސާރައެއް ދިނަސް ވާކަމެއް ނެތް! ހަމަ މޭޒު ދަށުން ޖީބަށް އަޅަނީ! މިކަން ހުއްޓުވަންޖެހޭ! ފިޔަވަޅު އަޅަންޖެހޭ! އަދުލު އިންސާފު ގާއިމުކުރަން ތިބޭ ފަރާތްތަކުން ކުރާ މިފަދަ ޢަމަލުތަކަށް ހަރުކަށި އަދަބު ދެވިގެން ޢަދުލުއިންސާފު ގާއިމުކުރެވޭނީ! މިރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ ހުރިހާ ދިމާއަކަށްވަދެ ހަރުލާފަ އޮންނާތީ ކަންކަން ގޯހުންގޯހަށް ދަނީ!
،ޕ؛/]
16 February 2025
އާން އެހެންވެ މައްސަލައެއް ބަލަން ދިހަބާރަ އަހަރު ނަގަނީ
ބޮޑުބެގެ ބެއްޔާ
16 February 2025
އިޙްސާންތެރިކަމާއެކީ ކުރާނަމަ ޖަޒުބާތެއް ނޯންނާނެ. މީގައި މައްސަލައަކީ އިޙްސާން ގެ މާނަވެސް ބައެއް ފަނޑިޔާރުންނަށް ނޭނގޭތީ. އިސްލާމް ދީނުގައި 3 ދަރަޖައެއްވޭ. އިސްލާމް، އީމާން އަދި އިޙްސާން. އެއީ އެންމެ މަތީ ދަރަޖަ. އެހެންކަމަށްވާނަމަ ޖަޒުބާތުގެ މީހާއަށް އިޙްސާންގެ ލެވަލް އަށް ނާދެވޭނެ. މައިކެއް ލިބުމަކީ ހަމަ ހިތައްއެރި އެއްޗެއް ވިދާޅުވާން ލިބޭ ފުރުޞަތަކަށް ނުހައްދަވާ.
ފަޑިޔާރު
16 February 2025
ތިގޮތަށް މަސްއޫލިއްޔަތު އަދާކުރަނީ ކިތައް ފަނޑިޔާރުންބާ؟ އެހެން މީހަކު ލިޔެލީމަ ބެންޗަށް އަރާ ކިޔާލާ ފަނޑިޔާރުން މަދެއްނޫން. ޖޭއެސްސީން މިކަމެއް ނުބަލާނެ
ގުދުގުދާބެއްޔާ
16 February 2025
ފަނޑިޔާރުންގެ ވާހަކަ ނުދައްކާ! 10 އަހަރުގެ ހުކުމެއް އިއްވާއިރު އޭނާގެ ހުކުމުގެ ބާކީ މުއްދަތު އޮންނާނީ ހަމަސްދުވަސް އިންސާފުލިބޭނީ މިހާވަރަށް1 ބޮޑެތި މުސާރަ އަހަރުމެންގެ ރައްޔިތުންގެ ފައިސާއިން ނަގައިގެން ތިބެ މިމީހުން ވާހަކަ ދައްކަން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް!
ލައިޓް
16 February 2025
އަމިއްލަ ކޮންސައިންސް ގައި އުނދަޤޫ ނިންމުން ނިންމުމަކީ އުނދަގޫ ކަމެއް! އެ ކަމަކު ބައެއް މަޤާމް ތަކުގައި ޑިޝިޝަނެއް ނުނެގުމުގެ ޕްރެވިލެޖެއް ނުލިބޭ! އުއްތަމަ ފަނޑިޔާރު އަށް ތައުރީފް ކުރަން!
ކެމެލް ލައިޓް
16 February 2025
ކޮންސައިންސް އޭ؟
ޓީޓީ ޗުއްޕު
16 February 2025
މީ ދެން ކޮން ވާހަކައެއް ހުކުމް ކުރަނީ ޖަޒުބާތަކަށް ނޫނޯ އެކަމަކު ފުރޮޅި ފުރޮޅި. ޖުޑީޝަރީ އޮޔާދާން ދޫކޮށްލި އުއްތަމަ ފަނޑިޔާރެއް ކަމުގަ މީހުން ކިޔައި އުޅެނީ.
އަލިބޭބޭގެ ޗިޕުސްމޯ
16 February 2025
ކަލޯ ގެ ވާހަކަ އިން އެނގުނީ މަގާމުގައި ހުރުމަށް ކުފޫ ހަމަ ނުވާ ކަމަށް؟ ހުކުމުގެ ވާހަކަ ގުރޫޕަށް ފޮނުވުމާއި ޑިލީޓު ކުރުމާއި މި އިން ފެންނަނީ ތިޔަ މަގާމުގައި ހުރި މީހަކު ކޮށްގެން ވާނެ ކަންތައްތަކެއް ނޫން ކަން!
ކޮރަލް
15 February 2025
ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އެންމެ ބޮޑަށް ވިސްނަން ވީ ކޮރަޕްޝަން ގެ އަމަލެއް ނުހިންގާ ހުކުމް ކުރުމަށެވެ.