އެއާޕޯޓު ޓެކްސީ ލައިން: މާލޭގެ މަގުތަކުގެ ހާލަތު ރިއާޔަތްނުކޮށް ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވާ ކަމަށް ޓެކްސީ ހިދުމަތްކުރާ އަވަސް އެޕުން ބުނި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ފެބުރުއަރީ 2025 - 14:10
މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތްނުކޮށް، ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މާލޭގައި ޓެކްސީގެ ހިދުމަތްދޭ އަވަސް އެޕް އިން ބުނެފި އެވެ.
ސަރުކާރުން މާލޭ ސަރަހައްދުގައި ޓެކްސީ ފްލީޓެއް ހެދުމަށް ނިންމައި އެކަން އިއުލާން ކުރުމާ ގުޅިގެން، ޓެކްސީގެ ހިދުމަތް ދެމުންދާ އަވަސް އެޕުން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީގެ ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ސަރުކާރުން ސާފުކޮށް އަންގާފައިނުވާ ކަމަށެވެ.
ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިނިސްޓްރީން އަޅާފައިނުވާ ކަމަށާއި ބައެއް ޑްރައިވަރުން ދަތުރުތައް ނުކުރާ ކަމުގެ ޝަކުވާ ކުރާއިރު، އޭގެ އަަސްލު ސަބަބުތައް ދެނެގަތުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓެކްސީ ޑްރައިވަރުންނާ ރައީސް ބައްދަލު ކުރެއްވިއިރު އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އުއްމީދުތަކެއް ދެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ވާހަކަ ދެއްކެވީ އެއާ ދެކޮޅަށް ކަމަށް އެ ބަޔާނުގައިވެ އެވެެ.
އަވަސް އެޕްގެ ދަށުން 1،500 އެއްހާ ޑްރައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް، ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ކުދި ވިޔަފާރިތަކަށް ގެއްލުންވެ އަދި ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް އެ ބަޔާނުގައިވެ އެވެ.
"މި ނިންމުމުގެ ސަބަބުން މި ދާއިރާގައި ރަޖިސްޓްރީވެ، އާމްދަނީ ލިބެމުން ގެންދާ 10،000 އަކަށް މީހުންނަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަނެވޭނެކަން ފާހަގަ ކުރަމެވެ،" ޓެކްސީ ދާއިރާގައި ހިދުމަތްދޭތާ 15 އަހަރުވެފައިވާ އެ ކުންފުނިން ބުންޏެވެ.
އެ ބަޔާނުގައިވަނީ ޓެކްސީގެ ހިދުމަތް ސަރުކާރުން ފަށަން ނޫޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލިޔުމުން އެންގުމަށްފަހު އެކަމާ ދެކޮޅަށް އަމަލު ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަޝްވަރާ ހޯދާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރިޔަސް، އެ މުއައްސަސާއިން ޒިންމާދާރު ގޮތެއްގައި އެއްބާރުލުންދީފައިނުވާ ކަމަށް ވެސް އަވަސް އެޕުން ބުނެ އެވެ.
މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ލައިނެއް ތައާރަފު ކުރަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ސަރުކާރުން ދޭ ޓެކްސީގެ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ.
18 February 2025
އަހަރެންނަށް ފާހަގަކުރެވުނު ކަމެއް ހިއްސާކޮށްލާނަމެވެ. އަވަސްރައިޑަކަސް އެހެން ބަޔަކަސް އެމީހުންނަށް ހީވާކަހަލަ އެމީހުން ބޭނުން އިރަކު ކާރަށް އަރާ ދަތުރު ނަގާފަ, ބޭނުންވީމަ ބާއްވާލާފަ, އެދުވަހަކަށް ވާވަރަށް ލާރި ލިބުނީމަ ނިމުނީއޭ. މާލެއިން ހުޅުމާލެ އަށް ނޫނީ ދަތުރު ނުނަގާފަ. އެއީ ގޮތެއްނޫން. ހިދުމަތް ހޯދާ މީހާ ބޭނުންވާ ގޮތަށް ހިދުމަތް ނުދެވެންޏާ އެކަން އެނުވީ އެހިސާބުން.
ހަސަންބޭ.
18 February 2025
އޭޑީކޭ އިން ފެށިގެން އައި.ޖީ.އެމް.އެޗް އަށް ހިނގާފަ ދިޔައީ ކުޑަކުއްޖަކު އުރައިގެން.. ތިބުނާ އަވަސް ރައިޑް އިންވެސް މަގުމަތިންވެސް ޓެކްސީއެއް ނުލިބުނު.. ކީއްކުރާ ބައެއް.. އަހަރެން ހުރީ އައްސި ވެފަ..
ކިކިނަސް
18 February 2025
ބަލަ މިހާރުވެސް ކުރާގޮތައް ހުޅުމާލެއަށް ދަތުރު ކުރަން ތިބެބަލަ. މާލެ ތެރޭގައި ދަތުރުކުރާނީ ސަރުކާރު ޓެކްސީތައް. އޭރުން އާމްދަނީއަށް އަންނާނެ ބަދަލެއް ނޯންނާނެ
ޑރ ވާންޗޯ
17 February 2025
ޑްރައިވަރުން ނިމިދިޔަ އެއްވެސްސަރުކާރެއްގެ އަތްނުފޯރާހިސާބުގަ އުޅުއްވީ އަތްނުފޯރާހިސާބުގަ އަގުއޮތީމަދެއްތޯ؟. މިސަރުކާރުން ތިއޮއްބޮޑު އަގުވެސް ވައްޓާލީ؟. ނަސީބެއްނު ފައިންނޭރިކަން.
ހަސަންކަލޯބެ
17 February 2025
100 ރުފިޔާ ދިނީމަ ބާކީ ނުދީ ފިލާ މީހުންގެ ކޮން އަގެއް އޮންނާނީ؟ ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގަށްވުރެ އިތުރަށް ނަގާ މީހުންގެ ކޮން އަގެއްތަ؟
ބިޒުނަސް
17 February 2025
މިއަވަސް ރައިޑާ، ސެންޓަރިތަކާ ޑުރައިވަރުންމީ ޒިންމާއެއް ނެތްބައެއްދޯ؟ ހިދުމަތެއްދޭ ބަޔެކޯ، އެކަމު ޑުރައިވަރުންގެ ކިބައިން ފެންނަ ނޭދެވޭ ކަންކަން ރަގަޅު ކުރަން ވެސް މިޖެހެނީ ސަރުކާރުން އުސޫލު ހަދާދޭން؟ ޓެކުސީ ހިދުމަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު ވެސް ހަދައިދޭން. ޢެހެންވީނާ އުސޫލާ އަމަލު ކުރާގޮތް ސަރުކާރުން ހަދައި ސަރުކާރުން ހިދުމަތް ވެސް ދިނީމަ އެނިމުނީއެއްނު؟
މަރޭ މިތުރާ
17 February 2025
އަދި ބްރޯގެ ވިޔަފާރީގެ ތެރެއައްވެސް ޑރ ފުންމާލާނެ އެދުވަހުން މިހާރު ޑްރައިވަރުން ދައްކާވާހަކަ ގެޓްވާނެ.
ޒޫމް
17 February 2025
ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން ގިނަ ފަހަރު އާއްމު މީހާ އެކްޕޮލިޓް އެބަ ކޮއްލާ. މިކަހަލަ ކަންކަން ހުއްޓުވަން އެކަމުގެ ތެރެއަށް ސަރުކާރު އެބަ ވައްނަން ޖެހޭ. ބަސް ހިދުމަތަކީވެސް ވަރަށް ރަނގަޅު ކަމެއް، އަދި މިހާރު އެފަށަން ނިންމި ހިދުމަތައްވެސް ރައްޔިތުންގެ މިތިބީ ވަރަށް ބޭނުން ވެފައި.
އެނދިމަރިޔަނބު
17 February 2025
ޚިދުމަތް ހޯދާ އާންމު ރައްޔިތުންގެ ކޮމެންޓުތައް ޓެކްސީ ޑްރައިވަރުން ކިޔާލުން އެދެން. ޚިދުމަތް ހޯދާމީހުން ހިތްހަމަ ނުޖެހެނެޏާ ކަންކަން ބަދަލު ކުރަންވާނެ، ކަސްޓަމަރުން ރުއްސުމުގެ ބަދަލުގައި މޮނޮޕޮލައިޒްކޮށް ކަދަފައި ވިއްދައިގެން އަބަދަކު ނުތިބެވޭނެކަން ދަންނަންވާނެ، އަދި ޓެކްސީ ޑްރައިވަރުންނަށްވުރެ ޓެކްސީ ޚިދުމަތް ހޯދާ މީހުން ގިނަވާނެ، ވޯޓު ގުނަންޏާ ސަރުކާރަށް މުހިންމުވާނީ ބޮޑުފަޅި. ޓެކްސީ ޑްރައިވަރުން މިކޮމެޏްޓް ކިޔާލާނެ ކަމަށް އުއްމީދުކުރަން.
އަޒީމް މުހައްމަދު
17 February 2025
ރައްޔިތުން ތިބީ ސަރުކާރުގެ ނިންމުމަށް ހަމަ ބޮޑުތަނުން ތާއިދުކޮށްގެން. ކަންކަން އޮޅުވާނުލާ. ތިއުޅެނީ ގެއްލޭ އެތި ބޮޑުވެގެން.
އަހްމަދުބެ
17 February 2025
އާމްދަނީ ލިބޭ 10،000 މީހުން ޓެކްސީ ލައިނާ ގުޅިގެން މަސައްކަތް ކުރީމަ ނިމުނީނު. އަވަސް އެޕް ތި ވެގެން އުޅޭ ގޮތް އަހަރުންނަށް ވަރަށް ސާފުކޮށް އިނގޭ. ހަވާ އަރުވާފަ އެޕް ލޯންޗް ކުރީ. ހާދަ ލާރިއެއް ލިބޭތީ އޭ ދޯ. 10،000 މީހުންނަށް ނޭދެވޭ އަސަރު ކުރާތީއެއް ނޫން ތިއުޅެނީ. ކަލޭމެންނަށް ލިބޭ އާމްދަނީ މަދު ވެދާނެތީ ތިއުޅެނީ