ޓެކްސީ ޑްރައިވަރުންނަކީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވުރެ ވެސް ބާރުގަދަ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ މިހެންވެ އެވެ؛ ކޮންމެ ފަހަރަކު އަގު ބޮޑުކުރަން ޖެހުނީމާ އިހުތިޖާޖުކޮށް ޓެކްސީ ދަތުރުތައް ހުއްޓާލައި އެ މީހުން ބޭނުން ގޮތެއް ހަދަން މިނިސްޓްރީ އަށް މަޖުބޫރުކުރުވަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ފެނުނީ އެކަހަލަ މަންޒަރެކެވެ. ޑްރައިވަރުން އެއްބަސްވެ ޓެކްސީ ދަތުރުތައް ހުއްޓާލިއިރު އޮންލައިންކޮށް ޓެކްސީ ހޯދައި އެޕްތައް ޑައުންކޮށްލި އެވެ. އެކަމަކު ޓްރާންްސްޕޯޓުން މިފަހަރު ޑްރައިވަރުންގެ ބަހަށް އެއްބަސްނުވުމުން ދެން ފެނުނީ އެ މީހުން އަމިއްލައަށް ފާސްކުރި ގޮތަށް ބޮޑު އަގު ނަގަން ފެށި މަންޒަރެވެ.
އޭގެ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޮޑު އަގުގައި ދަތުރުތައް ފެށިއިރު މިހާތަނަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ކުރެވުނު ވަކި ކަމެއް ނެތެވެ. އެކަަމަކު އެ މީހުން ކީ އަގެއް ދީގެން ދަތުރުކުރުމަށް މީހުން ދެކޮޅު ހަދަ އެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ އަގު ދީގެން ޓެކްސީން ފައިބަން ޖެހެނީ ޑްރައިވަރާ ދެބަސްވެ ޒުވާބަކަށް ފަހު އެވެ.
ޓެކްސީ ހިދުމަތް ހޯދާ މީހުންގެ ކަންބޮޑުވުމަކީ ކޮންމެ ފަހަރަކު ޑްރައިވަރުން ހިތަށް އެރި އަގެއް ނަގައިގެން ދަތުރުކުރުން ނޫން ގޮތެއް ހަމަ މި ރާއްޖޭގައި ނެތުމެވެ. މިނިސްޓްރީއަށް ޑްރައިވަރުންނާ މެދު އެޅޭނެ ފިޔަވަޅެއް ވެސް ނެތުމެވެ.
ޓްރާންސްޕޯޓް ގަވާއިދު ބުނާ ގޮތުން މިގޮތަށް ހިތުހުރި އަގެއް ނެގުމަކީ މަނާ ކަމެކެވެ. ނަސޭހަތް ދިނުމުން ވެސް އެގޮތަށް އަމަލުނުކުރާ ނަމަ ޓެކްސީތައް ޖޫރިމަނާކުރުމާއި ޓެކްސީތަކުގެ ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮތްއިރު ފަސް ޖެހޭ ސަބަބެއް ނޭނގެ އެވެ.
ހުރިހާ ދަތުރެއްގެ އަގު ބޮޑުކުރަން ބައެއް ޑްރައިވަރުން ބޭނުމެއް ނުވޭ
ބައެއް ޓެކްސީ ޑްރައިވަރުން ވެސް ގަބޫލުކުރާ ގޮތުގައި ހުރިހާ ދަތުރެއްގެ އަގު ބޮޑުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެެ.
"މިހާރު" އާ ވާހަކަ ދެއްކި ޑްރައިވަރަކު ބުނީ، ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އެ މީހުންނަށް ދަތިވާ ފަދައިން އާންމުންނަށް ވެސް އެކަމުގެ ދަތި އުފުލަން ޖެހޭނެކަން އެނގޭ ކަމަށެވެ. އަދި ބައެއް މީހުންނަކީ ކޮންމެ ދުވަހަކު ޓެކްސީ ދަތުރުތައް ކުރަން ޖެހޭ ބަޔަކަށް ވާއިރު ހުރިހާ ދަތުރެއްގެ އަގު ބޮޑުކުރުން ވާނީ އެ މީހުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ދައްޗަކަށެވެ.
"ބައެއް މީހުންނަކީ ކޮންމެ ދުވަހަކު ސްކޫލަށް ދަރިން ގޮވައިގެން ހަމަ ޓެކްސީގައި ދަތުރުކުރާ މީހުން. އަނެއް ބަޔަކު ހަމަ ކޮންމެ ދުވަހަކު އެބަ އުޅޭ ހޮސްޕިޓަލަށް ދާން ޖެހޭ. އެ މީހުންނަށް އެހާ އިންސާފެއް ނުވާނެ ހުރިހާ ދަތުރެއްގެ އަގު ބޮޑުވެއްޖިއްޔާ،" މީގެ ހަތަރު އަހަރުން ފެށިގެން ޓެކްސީ ދަތުރު ކުރަން ފެށި ޑްރައިވަރު ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ޓެކްސީގެ އަގު ބޮޑުކުރަންވީ ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ އިން ހުޅުމާލޭ ފޭސް ދެއަކަށް ދަތުރުކުރާ ނަމަ އެވެ. އެ ތަންތަނަށް ވެސް އަގު ބޮޑުކުރަންވީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފަސްވަރަކަށް ރުފިޔާ ކަމަށް އޭނާ ދެކެ އެވެ.
"އެއާޕޯޓަކީ ކޮންމެ ދުވަހަކު މީހުން ދަތުރުކުރާ ތަނެއް ނޫން. އަޅުގަނޑަށް ފެންނަނީ އެތަނަށް ދާއިރު ފަސްވަރަކަށް ރުފިޔާ އިތުރުކުރަން. އޭގެ ބަދަލުގައި އާންމު ދަތުރުތައް ހަމަ މިހާރު އޮތް ގޮތަށް ބޭއްވުން،" އޭނާ ބުންޏެވެ.
ހުޅުމާލޭ ޓެކްސީ ސެންޓަރެއްގައި މަސައްކަތް ކުރާ ޑްރައިވަރަކު ބުނީ އެ މީހުން މިހާރު ވެސް ނަގަމުން އަންނަނީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތައް ކަމަށެވެ. އަދި އޭނާއާ އެކު އެ މަސައްކަތުގައި އުޅޭ ގިނަ މީހުން ދެކެނީ ވެސް ހުރިހާ ދަތުރެއްގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ވަކި ދަތުރުތަކެއްގެ އަގު ބޮޑުކުރުން ކަމަށް އޭނާ ބުންޏެވެ.
މިކަަމަށް އޮތް ހައްލަކީ ކޮބާ؟
ޑްރައިވަރުންނާއި އާންމުން ވެސް ދެބަސް ނުވާ ކަމަކީ މީގެ ހައްލަކަށް އޮތީ ޓެކްސީގައި މީޓަރު ހަރުކުރުން ކަމެވެ. ޓެކްސީތަކުގައި 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މީޓަރު ބޭނުންކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައި އޮތް ނަމަވެސް އަދި އަދަށް ވެސް އެ މަޝްރޫއުއަށް ވީނުވީއެއް ނޭނގެ އެވެ.
އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ކުރިން ވިދާޅުވެފައި ވަނީ މީޓަރު ހަރުކުރުމާ އެކު ދެން ފައިސާ ނަގާނީ ދަތުރުގެ ދިގުމިނަށް ބަލައިގެން ކަމަށާއި އެކަމަކު ދިގުމިނަށް އަރާ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަމަށެވެ. އެގޮތުން މީޓަރުން ނަގާނެ ފީގެ މިންވަރު ވެސް އޭރު ކަނޑައަޅައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުން ކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ.
މީޓަރު ޓެކްސީ އެޕްލިކޭޝަންގެ ގޮތުގައި ފަސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި އެވެ. އެއީ ރާއްޖޭގެ ދެ ފަރާތަކާއި ލަންކާގެ ތިން ބަޔެކެވެ. އެކަމަކު އެ އެއްޗެހިތައް ބެލުމަށް ފަހު ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި ގޮތަށް ބަހަބަރުވީ އެވެ. މީޓަރު ޓެކްސީގެ ވާހަކަ ދެއްކުން ވެސް މުޅިން ހެން ހުއްޓުނީ އެވެ.
ޕެޓްރޯލްގެ އަގު އުފުލުމުން ދަތުރުތައް އަގު ބޮޑުކޮށްދޭން މިނިސްޓްރީއަށް ހުށަހެޅިއިރު އެ ސިޓީގައި ވެސް ވަނީ ޓެކްސީގައި މީޓަރު ހަރުކުރެވެންދެން އެ ބަދަލު ގެނެސްދޭށެވެ. އެކަމަކު މިދިޔަ ހަފްތާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އެކު ޓެކްސީ ސެންޓަރުތަކުގެ ވެރިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓަރު ހަރުކުރުމުގެ ދިރާސާތައް ކުރަމުންދާ ކަމަށާއި ފަންނީ މީހުންނާއެކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެެހެންވެ، ޑްރައިވަރުންގެ ކަންބޮޑުވުމަކީ ކުރިން މިނިސްޓްރީން ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތައް ހަމަނުޖެހޭ މައްސަލަ އެކެވެ. އޭރު ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އޭގެ ތިން އަހަރު ފަހުން ވެސް ދިރާސާ ކުރާ ކަމަށް ބުނާތީ ޓެކްސީތަކުގައި މި ދައުރު ނިމޭއިރު ވެސް މީޓަރު ހަރުކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.
މިކަމަށް އޮތް އަނެއް ހައްލަކީ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފުޅާ ކުރުމެވެ. މާލެއަށް ވަރަށް އަވަހަށް މިިނީ ބަސް ގެނެސް ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުންޏަސް އެ ޕްރޮޖެކްޓު ވެސް ދަނީ ލަސް ދުވެލީގަ އެވެ.
މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ގާއިމް ކުރުމަށް މިނީ ބަހުގެ ހިދުމަތް މިދިޔަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކަށް ވިޔަސް ބަޖެޓު ނެތުމާއި ހިލޭ އެހީ ހަމަނުޖެހުމުގެ ސަބަބުން އެ ހިދުމަތް އަދިވެސް ފެށޭވަރު ނުވަނީ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ވަނީ 2019 ވަނަ އަހަރު މި ހިދުމަތް ދިނުމަށް ކުރަން ޖެހޭ ދިރާސާތައް ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިނީ ބަހުގެ ހިދުމަތް ދޭން ގެންނާނީ އިލެކްޓްރިކް ބަސްތަކެކެވެ. އެކަމަކު މި ހިދުމަތް ފެށުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށްގެންނާއި އދ. އަދި އިންޑިއާ އެއިޑްގެ ދަށުން އެހީ ލިބޭތޯ މަސައްކަތް ކުރި ނަމަވެސް އެހީ ނުލިބޭ ކަމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިދިޔަ އަހަރު ނަހުލާ ވިދާޅުވި އެވެ.
އާންމުން ދަތުރުތައް ލުއިކޮށްދޭނެ ކަމަށް މި ސަރުކާރުން ވައުދުވިޔަސް އެއިން އެއްވެސް ކަމެއް ނުވެ ޓެކްސީތަކުގެ މައްސަލަ މިހާ ބޮޑުވެގެންދިޔައީ އެވެ. އެކަމަކު މި މައްސަލަ ޓެކްސީ ސެންޓަރުތަކުގެ ބޮލަށް އެކަނި ކަނޑާލައި ސަލާމަތްވެވޭކަށް ނެތެވެ. ތިން އަހަރު ފާއިތުވިއިރު ކުރެވުނު މަސައްކަތެއް ފެންނަން ނެތުމަކީ އެންމެ ބޮޑު މައްސަލަ އެވެ.
އެކި ހިދުމަތްތައް ތައާރަފުކޮށްގެން ވެސް އެކަށީގެންވާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއް ފޯރުކޮށްނުދެވުމަކީ ސަރުކާރުގެ ޒިންމާ އެކެވެ.
މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ "ކެބްއެމްވީ" އިން ވެސް ހޫނުވެގެން އުޅޭ އަގުގެ މައްސަލައިގައި ބުނެފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ސަރުކާރަށް ގާއިމުކޮށް ނުދެވުމަކީ ޓެކްސީ ޑްރައިވަރުންގެ މައްސަލައެއް ނޫން ކަމަށެވެ. އަގު ކޮންޓްރޯލްކޮށްގެން ޑްރައިވަރުންނަށްވާ ގެއްލުން ފޫބައްދައިދޭން ޖެހޭ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
"ސަރުކާރުން އަގު ކޮންޓްރޯލް ކުރުމެއް ނެތި ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ތަންތަނަށް އާސަންދަ ހިދުމަތް ހިތުހުރި އަގެއްގައި ދީގެންވާ ގެއްލުން ސަރުކާރުން ފޫބައްދައިދޭ ގޮތަށް ޑްރައިވަރުންނަށް ލިބޭ ގެއްލުން ފޫބައްދައިދޭން ޖެހޭ،" އެ ސެންޓަރުން ކުރި ފޭސްބުކް ޕޯސްޓެއްގަައިވެ އެވެ.
"ދެބައި މީހުން ވެސް ކުރަނީ ރައްޔިތުންނަށް ހިދުމަތް. ތަފާތަކީ ޓެކްސީ ހިދުމަތް ދެނީ ނިކަމެތި ރައްޔިތުންކަން. ތަފާތުކުރުން ހުއްޓާލަން ޖެހޭ. ޓެކްސީ ޑްރައިވަރުންނަށް ވެސް ހައްގު މިންވަރާ ހަމަ އަގު ލިބެންޖެހޭ."
ޓެކްސީގެ އަގުތަކުގެ މައްސަލަ މިފަހަރު އަނެއްކާ ވެސް ހޫނުވިޔަސް އެކަމުގައި މިނިސްޓްރީ އޮތީ ހިމޭނުންނެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ވެސް ވަކި ޖަވާބެއް ނުލިބުނެވެ. އެކަމާ ގުޅިގެން ބަޔާނެއް ވެސް އަދި ނުނެރެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ބަޔަކު ކުރާ އިހުތިޖާޖުތަކެއްގެ ސަބަބުން އާންމު ހިދުމަތްތަކަށް ބުރޫއަރާ ނަމަ، ދާއިމީ ހައްލެއް އެބަ ބޭނުންވެ އެވެ. ޓެކްސީ ސެންޓަރުތަކުން ހެދިހާ ގޮތެއް ހަދަން ދޫކޮށް ނުލައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް އަވަސް ކުރަންޖެހެ އެވެ.