މާލިއްޔަތު ކޮމިޓީގެ މެންބަރު ނާޒިމް. ސަބް ކޮމިޓީގައި ނާޒިމް ވަނީ ވެރިންނާ މެދު އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭނެ ކަން ފާހަގަކޮށްފައި -- ފޮޓޯ: މިހާރު
16 ފެބުރުއަރީ 2025 - 18:31
ފުލުހުންނަށް ފްލެޓް އެޅުމުގައި އެ އިދާރާގެ ވެލްފެއާ ކުންފުންޏަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުންގެ އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ބަލާއިރު އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެކަމާ މެދު، އެ މައްސަލަ ދިރާސާކުރާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ސުވާލު އުފައްދައިފި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޒިންމާދާރު މަގާމުތައް ކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނަށް ތިއްބެވި ބޭފުޅުން ވެސް ފޮލްކޯއިން ހިންގި ކޮރަޕްޝަނުގެ މައްސަލަތަކުގައި ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަމަށެވެ.
"އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގެ ޗާޓު އެކެއްގައި މުހިއްމު 16 އިވެންޓެއް އެބަ އޮވޭ. އޭގެ މަރުހަލާތަކުގައި އެބޭފުޅުން [ފުލުހުންގެ އިސްވެރިން] އެބަތިބި ބައިވެރިވެފައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ މައްސަލައިގެ ކަންކަން ކުރިއަށްދާ އިރު އެ ބޭފުޅުން އެ މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ އެބަޖެހޭ ނިންމަން،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏަށެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
އޭގެ މަރުހަލާތަކުގައި އެބޭފުޅުން [ފުލުހުންގެ އިސްވެރިން] އެބަތިބި ބައިވެރިވެފައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ މައްސަލައިގެ ކަންކަން ކުރިއަށްދާ އިރު އެ ބޭފުޅުން އެ މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ އެބަޖެހޭ ނިންމަން: ނާޒިމް
ނާޒިމް ވިދާޅުވީ މައްސަލަ ދިރާސާ ކުރަމުން އަންނަ އިރު، ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ "ވިސުލްބްލޯވާ" އެއްގެ ފަރާތުން ވެސް އިތުރު ކަންކަން ފާހަގަކޮށް، ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ޕޮލްކޯއިން ހަމައެކަނި ކޮރަޕްޝަން ހިންގާފައިވަނީ ހައުސިން ޕްރޮޖެކްޓްގެ ތެރެއިން ނޫން ކަމަށާއި އެއަށްވުރެ ފުޅާ ދާއިރާއެއްގައި ވެސް މުދަލާ ހިދުމަތް ހޯދުމުގައި ޕޮލްކޯގެ ތެރެއިން ކޮރަޕްޝަން ހިންގާކަމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގައި ހަވާލާ ދީފައި އޮތް އޭރުގެ ކޮމިޝަނާ އޮފް ޕޮލިހަށް ފޮނުވާފައިވާ ރިޕޯޓެއް. އަޅުގަނޑުމެން އެބަ ބޭނުންވޭ، ވިސުލްބްލޯވާ ގާނޫނުގައި އަޅުގަނޑުމެން ބައުންޑް ވަނީ ކިހާވަރަކަށްތޯ ވެސް ބަލަން. ވިސުލްބްލޯވާގެ ޑޮކިއުމެންޓެއް ވީމަ އެ ހެންޑުލްކުރަން ޖެހޭނީ ވެސް ތަފާތުކޮށް،" އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތައް، ހާމަކުރި ނަމަވެސް، ނާޒިމްގެ ވާހަކައިގެ ވަކި ހިސާބުން ވަނީ މައިކްގެ އަޑު ކަނޑާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ، އެ ކޮމިޓީގެ މައިކްގެ އަޑު ކަނޑާލައިގެން ކުރިއަށް ގެންދިޔައީ "އޯފް ދަ ރެކޯޑު" ވާހަކަތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންވެ، ކޮމިޓީގައި ފަހުން ނިންމި ނިންމުންތަކުގެ ތަފްސީލެއް ހާމައެއް ނުވެ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދައި އާއްމުކޮށްފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ ދެގުނަ އަގު ކަމަށް އޮޑިޓުގައިވެ އެވެ.
މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތް ކަމަށާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިންގާފައިވާ ކަމަށް ވެސް އޮޑިޓަށް ފަހު ނެރުނު ރިޕޯޓްގައިވެ އެވެ. އަދި މިއީ ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޕޮލްކޯ އިން ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ވަކި ފަރާތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން ހުރޮ ކުންފުނިތަކެއް ކަމަށް ބެލެވޭ ކަމަށާއި އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެކޯމަސްގެ މާޗަންޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
މި އޮޑިޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގެއް ވަނީ ފަށައިފަ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަން ބަލާއިރު މައްސަލައާ ގުޅޭ މުހިންމު ލިޔެކިޔުންތައް ފުލުހުންގެ "ސާވާއަށް ޖެހުނު މައްސަލައަކުން" ގެއްލިފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނު1
17 February 2025
ޕޮލްކޯ ކޭޓަރިންގ އަކީވެސް ތީގެ ކޮރަޕްޝަނެއް. މޭނާ ޕޮލްކޯ ކޭޓަރިންގ ޝެއަރ ހޯލްޑަރަކަށް ލީ ކޮންގޮތަކަށް
ފުންވިލު
17 February 2025
ކޮރަޕްޝަން ސާބިތުވެގެން އެތައް އަހަރެއްގެ ހުކުމް އައިސްފަތިބި މީހުން ތިޔަ ކޮމެޓީގައި ތިބެގެން ތިމައްސަލަ ބެލިދާނެތޯ ނުވަތަ ނޫންތޯ ނިންމާކަށް ނުޖެހޭނެތޯ.
އެކޮއި
17 February 2025
ނަމިރާގެ ބޮޑު ޚިޔާނާތުގެ މަތިން އަހަރެމެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ. ނާޒިމް އެންމެފަހަރަކު ނަމަވެސް އެވާހަކަ ދައްކާ އެކަންކުރި ބަޔަކާމެދު ޤާނޫނީފިޔަވަޅު އަޅަން ގޮވަންވެއްޖެ ނޫންތޯ؟؟؟
އެނދިމަރިޔަނބު
17 February 2025
ޕޮލްކޯއާ ސިފްކޯ އުވާލަން ނުވޭތޯ؟
ގޯޅި
17 February 2025
ތިކަން ނިމިހެން ދާނީ ތޮޅިއަށް! ހުސްވާހަކަ ނާޒިމްވެސް ދައްކާނެ ކަމެއް ނެތް. ތިމައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ބަަލާކަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުކުރޭނެ.
ޖުލައި2021
17 February 2025
މިރާއްޖޭގެ ރައްޔިތުންގެ ކުރިމަތީ މިވަނީ ފުލުހުންގެ އިތުބާރު މިހާރުގެއްލިފަ. ފުލުހަކަސް ހަމަ އާދައިގެ މީހުންނާމެދު ކަންކުރާ އުސޫލުން މަގާމުން ދުރުކޮށް ތުހުމަތު ތަށް ބަލަންޖެހޭނެ. ފުލުސް އޮފީސް ނިވާ ފަތްގަނޑަކަށް ހަދައިގެން ، މަތީފަންތީގަ ތިބޭ ވެރިން އެކި އެކި ޖަރީމާ ހިންގާ ވާހަކ އަކީ އަބދުވެސް ދަކެވެމުން އަންނަވާހަކައެއް. މިކްނ ބަލާ ފިޔަވޅު އަޅަންކެރޭނެ ސަރުކާރެއ ބޭނުންވަނީ.
އައްބެ
17 February 2025
ތިޔަ ނައިބް ރައީސް ނާޒިމް އަކީވެސް އެޓޯލް މިނިސްޓްރީ ޒަމާނުގައި ކޮރަޕްޝަން ހިންގެވިކަމަށް އަޑުފެތުރިފައިވާ ބޭފުޅެއް. ތިޔަ ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ބަޔަކުނެތް. އެންމެންވެސް ތިބީ ކައިގެން.
ގުދޯގުދޯ
17 February 2025
އަދި ހަމަ އެހެންމެ ކޮރަޕްޝަން ސާބިތުވެފައިވާ މީހުން އެހެން މީހުންގެ ކޮރަޕްޝަންގެ މައްސަލަބަލަން މިތިބީ. މިއޮތީވާ ގައުމެއް
ސަމްސު
17 February 2025
އެމްސީ ހަމީދުވެސް ފްލިހުންގެ ފްލެޓްގައި ހަދާލާފައި އެހެރަ ޕެންޓްހައުސްއެއް ބަލާބަލަ.މިތަން ހުންނަކަމަށްވަނީ މީހަކަށް ކުއްޔަށްދީފަ ދިގުމުއްދަތަށް.އެކަމިވެސް އެމްސީ ހަމީދު ބުންޔޯ ކަރަޕްޝަނަށް ހިނގިކަމަށް ހިންގިކަމެއް ނުވެސް އިނގެޔޯ
ކިރިބަތި
17 February 2025
ރިޔާޒް އާއި ރިޔާޒްގެ އައުވާނުން ތިކަމުގައިބައިވެރިވަނީ