ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
17 ފެބުރުއަރީ 2025 - 14:33
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ނިޒާމު މެދުވެރިކޮށް، ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ހޯދުމުގައި ދަތިތަކެއް ދިމާވާތީ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެމުން އަންނަނީ އެލައިޑު އިންޝުއަރެންސް މެދުވެރިކޮށެވެ.
ހެލްތު އިންޝުއަރެންސްގެ ދަށުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގައި ކުރިމަތިވާ ދަތިތައް ބައެއް މެމްބަރުން ފާހަގަކުރެއްވީ، އެ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް 2016 ވަނަ އަހަރު އެކުލަވައިލި އުސޫލު އާ ކުރުމުގެ ކުރިން މަޖިލީހުގެ އާންމު ކޮމިޓީގެ ހިޔާލު ހޯދަން ފޮނުވުމުން މިއަދު ކުރެއްވި މަޝްވަރާތަކުގަ އެވެ.
ގިނަ އިރުތަކެއް ވަންދެން އަޑު ކަނޑާލައިގެން ބޭއްވި ބައްދަލުވުމުގައި، އިންޝުއަރެންސްގެ ސަބަބުން ދަތިތައް ކުރިމަތިވާތީ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.
މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަކި ކަމަކަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން ލިޔުން ހިފައިގެން ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލަކަށް ދިއުމުން، އިތުރު ކަމަކާ ގުޅޭ ޑޮކްޓަރަކަށް ދައްކާ ނަމަ އެ ލިޔުން ބޭނުން ނުކުރުމެވެ.
އޭގެ ބަދަލުގައި އިތުރު ޑޮކްޓަރަކަށް ދައްކާ ނަމަ ޖެހެނީ އަލުން ލިޔުން ހޯދަން ނުވަތަ ފަހުން ފައިސާ ރީއިމްބާސް ކުރާ ގޮތަށް އަމިއްލަ އަތުން ހަރަދު ކުރަން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެކަމަށް ތާއީދު ކުރައްވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ވިދާޅުވީ، އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށާއި މެމްބަރުންގެ އަތުން ބޮޑު އަދަދެއް ނަގައިގެން ކުރާ ކަމެއްގައި މެމްބަރުންނަށް ތަކުލީފު އުފުލަން ޖެހިގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރުން pic.twitter.com/y0KI6BkPRR
— People's Majlis (@mvpeoplesmajlis) February 17, 2025
އިންޑިއާ އަށް ބޭސް ފަރުވާއަކަށް ދާދި ފަހުން ކުރެއްވި ދަތުރެއްގައި ވަޑައިގަތީ އެލައިޑުގެ ސިޓީއެއް ވެސް ހިއްޕަވައިގެން ކަމަށާއި އެކަމަކު، އިތުރު ޑޮކްޓަރަކަށް ދައްކަން ޖެހިވަޑައިގަތީ އަމިއްލަ އަތުން ހަރަދު ކުރައްވައިގެން ކަމަށް ރިޔާޒު އަތުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެއީ މަޖިލީހުގެ އިދާރާގެ ފަރާތުން ގުޅަން ޖެހޭ މީހަކަށް ގުޅައިގެން ނުވަތަ ސީދާ އެލައިޑު އިންޝުއަރެންސަށް ގުޅައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އިތުރު ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަތުން ހަރަދުވި ފައިސާ އަނބުރާ ހޯދުމުގެ މަރުހަލާ ވެސް ވަރަށް އުނދަގޫ ކަމަށެވެ. އެކަމަށް "އެތައް ވަގުތުތަކެއް ހޭދަކޮށް ފޯމުތަކާއި އެއްޗެހި އެތަނަށް ހުށަހަޅައިގެން" ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.
"[ރީއިމްބާސް އަށް] ހުށަހެޅީމާ ރިޖެކްޓް ކޮށްލީ، އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްއެސްއެޕް ކޮށްލިން، އަޅުގަނޑަކީ މެމްބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އައީ،" ރިޔާޒު ވިދާޅުވި އެވެ.
"އެކަމަކު ލިބުނީ 3،000ރ. އެހެންވީމާ މިގޮތަށް މި ކަންކަން ހިނގައިގެން ނުވާނެ."
އެ ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރުންގެ ހެލްތު އިންޝުއަރެންސާ މެދު އަމަލު ކުރާނެ ގޮތެއް ކޮމިޓީން އަދި ނުނިންމަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިން ހިމެނޭ ގޮތަށް ހެލްތު އިންޝުއަރެންސް ލިބެ އެވެ. ރާއްޖޭގެ އިތުރުން ސާކް ގައުމުތަކާއި އާސިއާންގެ ގައުމުތަކުން މެންބަރުންނަށް ބޭސްފަރުވާ ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހިވިސްނުން
19 February 2025
"[ރީއިމްބާސް އަށް] ހުށަހެޅީމާ ރިޖެކްޓް ކޮށްލީ، އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްއެސްއެޕް ކޮށްލިން، އަޅުގަނޑަކީ މެމްބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އައީ،" ރިޔާޒު ވިދާޅުވި އެވެ. މިބޭފުޅުންގެ މިފަދަ ވާހަކަތަކުން މިދޭހަވަނީ އަދުލުއިންސާފާއި ހަމަހަމަކަމަށް ލޯބިކުރައްވާ މިންވަރު، ޒިކުރަކަސް ތަސްބީހައަކަސް މިކިޔަނީ މަށަށްމަދު މަށަށްމަދު.
އެމްސް
19 February 2025
ސްޓޫޑެންޓްލޯނުގެ ދަށުން ރާއްޖެއިންބޭރުގަ ކިޔަވާކުދިން ޙާލުގަޖެހިގެން މެމްބަރުން ކަންބޮޑުނުވަނީ ރަޢިއްޔަތުން ތަމްސީލުކުރާ ބަޔަކަށް މެމްބަރުން ނުވާތީބާއެވެ؟ މެމްބަރުންގެ ބޮޑުމުސާރައާއި އެތަކެއް ޢިނާޔަތެއް، ދަރިވަރުންގެ ބައި ނުދީ ހިފަހައްޓާ/ލަސްކޮށްފަވެސް، ބަރާބަރަށް ލިބޭ ނޫންތޯއެވެ؟
ނާޑުވާ
18 February 2025
އާންމު މީހާ އޯކޭ ވާނެ ކިތަންމެ ވަރަކަށް ގަނޑަތެޅުނަސް. އިއްޒަތްތެރި މެމްބަރުންނަށް ފަހުން ރީއިންބަރސް ކުރާގޮތަށް ވިޔަސް އަތުން ދިޔަދީގެން ނުވާނެ. ޤައުމުގެ އެންމެ ނިކަމެތިން ތިބީ މަޖިލީހުގަ.
ލައިން
18 February 2025
ނިކަމެތި ރައްޔިތުން ބޭސް ފަރުވާ އަށް ސަލާން ޖަހަނީ... ބޮޑެތި މުސާރަ ނަގައިގެން ތިބި މަޖުލީސް މެމްބަރުން އަމިއްލަ އެދުމަށް ޝަކުވާ ކުރަނީ.... ރައްޔިތުންގެ ހައްގުގެ ވާހަކަ ވެސް ދައްކަން ޖެހޭނެ... ޑޮކްޓަރުގެ ލިޔުމާއެކު ލުމުން ވެސް އެންސްޕާ އަދި އާސަންދައިން ރިޖެކްޓް ކޮށްލީ.. ކޮން ފަދަ ބޭއިންސާފެއް!!!.
ކަތިލާ
18 February 2025
މެންބަރުންނަށްވެސް ދަތިވާކަން އިހުސާސް ކުރެވެންވާނެ. އެހެންމީހުންނަށްވާހެން. މަތިން ބާވައިލެއްވި ބައެއްތަ އެއީ. ކާކުއަތުންބާ ފައިސާދައްކަނީ އިންސޫރެންސަށް. ތަނެއްގަ އޮންނަހާ ގޮތަކަށް މިރާއްޖޭގެ މެންބަރުންނަކަށް އެޮވެގެނެއްނުވާނެ. ހަމަހަމައެއްވެސް ނުވާނެ.
މެލޭސިޔާ ހުސޭނު
18 February 2025
އަމިއްލަ އެދުމައިގެން ފޯވެފަތިބި ބައެއް. ރައްޔިތުންގެ މަންދޫބޯ ކިޔާފަ އާސަންދަ ވެސް އުނިކޮށްފަ ކޮންކަމެއް ރައްޔިތުންނަށް ކޮށްދިނީ؟ ހުރިހާ މީހުންނަށްވެސް މިމީހުން ގަދަކަމުން އަހަރުން ލައްވާ މިކިޔާ "އިއްޒަތްތެރި" ނުކިޔުމަށް ގޮވާލަން. ކޮންފަދަ މުސީބާތެއްތަމީ.
ވެންގަބޯ
18 February 2025
ކަލޭމެނަށް އެއްވެސް ކަމެއް ދަތިވެގެން ނުވާނެއެވެ މަތިން ފައިބާތިބި ބައެއްތަތީ އާންމުން ޖެހެނީ ބޭސް ފަރުވާއަށް ސަލާން ޖަހަން ކަލޭމެނަށް ތަ ހުރިހާ މޮޅުތަކެއް ވާންޖެހެނީ
ކަނބާދި
18 February 2025
ހިތަށް އަރަނީ ރައްޔިތުންގެ ޙައްޤުތަށް ހިމާޔަތް ކޮށްދެން ރައްޔިތުން ހޮވީމާ އަމިއްލަ ފައިދާއަށް ޤަަނޫނުތަކާ ޤަވާއިދުތައް ހަދައިގެން ތިޔަނަގާ ފައިސާއަކީ ހަލާލު ގޮތުގައި ބޭނުންކުރެވޭ ފައިސާއަށް ވާނެބާއޭ. މަގޭ ޒަމީރު ޖަވާބުދެނީ ހަމަ ކަނޑައެޅިގެންް ތިފައިސާ ތަކަކީ ހަރާމް ގޮތުގައި ކެވޭ މުދަލެކޭ. އެންމެ ރައްޔިތަކު ނުރުހުނަސް ތިޔަ ހަލާލެއް ނުވާނޭ.
މުހަންސީރު
18 February 2025
ކޮބާ ގާސިމްބެ ސިޔާމް އައިބީމެންގެ ހާލުރަނގަޅުތަ؟ ބޮޑެތި މަހުޖަނުންކަމަކު ވަރަށް ހާލުގަ ދެކޮޅުނުޖެހޭގޮަތަށް އެކަހަލަ އިއްޒަތްތެރި ރިސޯޓްއޯނަރސް/ވިޔަފާރިވެރިން އުޅުއްވާނީ. މެމްބަރުންގެ މުސާރަޔާއި އިނާޔަތްތައް މާމަދީ މިބޭފުޅުންނަށް ނަޒާހަތްތެރިކޮށް އުޅެވޭވަރަށްވުރެ.
ވެންގަބޯ
18 February 2025
ކަލޭމެނަށް އެއްވެސް ކަމެއް ދަތިވެގެން ނުވާނެއެވެ މަތިން ފައިބާތިބި ބައެއްތަތީ އާންމުން ޖެހެނީ ބޭސް ފަރުވާއަށް ސަލާން ޖަހަން ކަލޭމެނަށް ތަ ހުރިހާ މޮޅުތަކެއް ވާންޖެހެނީ