18 ފެބުރުއަރީ 2025 - 07:04
ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ މައި ކުންފުނި ޔަމް! ބްރޭންޑްސް އިން ތުރުކީގެ އައިއެސް ގީޑާއާ އެކު ހަދާފައިވާ ފްރެންޗައިޒް އެގްރީމެންޓް ނިމުމަކަށް ގެނައުމާ އެކު، ތުރުކީގެ 537 އައުޓްލެޓް ބަންދުކޮށްފި އެވެ.
މި ތަންތަން ބަންދުކުރީ ފްރެންޗައިޒް އެއްބަސްވުމުގައި ބުނާ، ކުންފުނީގެ ސްޓޭންޑާޓްތަކާ އެއްވަރަށް ހިދުމަތް ނުދެވޭތީ ކަމަށް ޔަމް! ބްރޭންޑްސް އިން ބުނި ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކާ އެކު، އިޒްރޭލަށް ތާއީދުކުރާ ކުންފުނިތަކާ ދެކޮޅަށް ފެށި ކެމްޕެއިނުގައި ކޭއެފްސީއަށް ތުރުކީގައި ބޮޑު ގެއްލުމެއް ވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ތުރުކީގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ ވިޔަފާރި އެ ކެމްޕެއިނާ އެކު 40 ޕަސެންޓް ދަށަށް ދިޔަ އެވެ.
ތުރުކީގައި މި ތަންތަން ހިންގާ އައިއެސް ގީޑާ އިން ވަނީ ކުންފުނީގެ ދަރަނި 7.7 ބިލިއަން ތުރުކީ ލީރާ (214 މިލިއަން ޑޮލަރު) އަށް އަރާފައިވާ ކަމަށާއި އެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ބަނގުރޫޓުވެފައިވާ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ.
ގީޑާއިން ވަނީ އައުޓްލެޓްތައް ބަންދުކުރުމުން 7،000 މީހެއްގެ ވަޒީފާ ގެއްލޭނެ ކަމަށް ބުނެފަ އެވެ. އެ މީހުންނަށް ވެސް އަދި ނުދެވޭ މުސާރަ އެބަހުރި ކަމަށާއި އެކަމަކު އެ ފައިސާ ދައްކާނެ ކަމަށް ވެސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް މުސާރަ ދީފައިވާނެ ކަމަށާއި ދޭން ޖެހޭނީ ޖެނުއަރީ މަހުގެ މުސާރަ އެކަނި ކަމަށެވެ.
ކޭއެފްސީ އަކީ އިޒްރޭލުގެ އަސްކަރިއްޔާއަށް ވާގިވެރިވާ ބައެއް ކަމަށް ބުނާ ބުނުމަށް އެ ކުންފުނިން އިންކާރު ކުރެ އެވެ. އެކަމަކު ބޯއިކޮޓް ކެމްޕެއިނު ވަރުގަދަވެ އެހެން ބައެއް ގައުމުތަކުގައި ވެސް އެ މީހުންގެ ވިޔަފާރި ދަށްވެ ބައެއް ތަންތަން ވަނީ ބަންދުކުރަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު.
18 February 2025
ވަރައްރަނގަޅު ރާއްޖެޔައް ކޮކާކޯލާ ނަޓެއްލާފަދަ އެއްޗެހި އެތެރެކުރުން މަނާކުރަންޖެހޭ ފަލަސްތީނު ރައްޔިތުން މެރުމައް ހަތިޔާރު ގަތުމައް އެހީނުވުމައް އިޒްރޭލުގެ އުފެއްދުންތައް މުޅިދުނިޔޭން މަނާކުރަންޖެހޭ
އިންސާފުވޭ
18 February 2025
އިޒްރޭލޭ ކިޔައިގެން ހުރިހާ ކާބޯތެކެތި އުފައްދާ ކުންފުނިތައްް ބަޮއިކޮޓް ކުރަމުން ދުވާއިރު ކީއްވެބާ ހަމަ މި ބައިމީހުން ފޭސްބުކް، އެޕަލް، ގޫގުލް، އެންޑްއިޑް، ޓްވިޓަރ [ × ] އަދި ކޮމްޕުޓަރ އުފައްދާ ކުންފުނތައް ދެން މަތިންދާ ބޯޓް އުފައްދާ ކުންފުނިތައް ބޮއިކޮޓް ކުރަން ނޫޅެނީ. ހަމަ ދެން ކާބޯތަކެތި އުފައްދާ 10 ވަރަކަށް ކުނފުނިތަކުގެ ފަހަތުން ބޮއިކޮޓް ކުރަން އެެބަ ދުވެޔޭ. ކީކޭ ދެން ބުނާނީ.
ކިރުސައި
18 February 2025
މުނާފިގުންގެ ގޮތަކީ އެއީ. އެބަޔަކު ބޭނުންވާކަމެއް ކުރާނީ ދީނޭ ކިޔައިގެން.
އެޑްމުންޑޯ
18 February 2025
ކަލޭ ހިތަށް ވަރަށް އަސަރުކޮއްފިދޯ